އަރުޝީ ކުއްލިޔަކަށް ޑައިރީ ލައްޕާލާފައި މަޑުމަޑުން ދެލޯ މަރާލިއެވެ. އަދި ބޭއިޚްތިޔާރުގައި މަންމާއޭ ކިޔާފައި ގޮވާލެވުނެވެ. ވޭނުން ފުރިގެންވާ އަޑަކުންނެވެ. ހީވީ ނަފީސާގެ އެގޮވާލުމުގެ އަޑު އަރުޝީއަށް އިވުނުހެންނެވެ. ލޯމަރާލައިގެން އިރުކޮޅަކު އިނުމަށްފަހު، މަޑުމަޑުން ލޯ ހުޅުވާލިއެވެ. އަދި އަނެއްކާވެސް ޑައިރީ ހުޅުވާލުމާއިއެކު ކިޔަން ފެށިއެވެ.
”އަހަރެންގެ ދުލުން ދަރިފުޅު މިބަސް ނިކުތުމާއިއެކު، އެކުއްޖާ އަހަރެންގެ މެޔާއި ކައިރިކޮށްލެވުނެވެ. އަމިއްލަ ދަރިއެއް ފަދައިންނެވެ. އަހަރެންނަށް މިވަނީ ކިހިނެއް ކަމެއް ޚުދު އަހަރެންނަކަށްވެސް ނޭންގުނެވެ. އެވަޤުތު ކައިރީގައި ހުރި ނަރުސް ކުއްޖާ ދައްތާއޭ ކިޔާފައި އަހަރެންނަށް ގޮވާލިއެވެ. ކަރުނުން ފުރިފައިވާ ދެލޮލުން އަހަރެންނަށް އެކުއްޖާއާއި ދިމާއަށް ބަލައިލެވުނެވެ. އޭނާ ބުނަން ބޭނުންވަނީ ކީކޭތޯ އަޑުއެހުމަށް ޓަކައެވެ. ”ތި ބޭބީގެ މަންމަގެ ހޭވެރިކަމެއް ނެތް. އޭނަގެ ލޭގެ ޕްރެޝަރުވެސް ހުރީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ. ބޭބީ ވިހޭތާ މާގިނައިރެއް ނުވެ އޭނަގެ ހޭވެރިކަން ދިޔައީ.“ އަހަރެން ކަންބޮޑުވާގޮތް ވިއެވެ. އަހަރެންނަށް ހުރެވުނީ ސުވާލުން ފުރިގެންވާ ނަޒަރަކުން އެނަރުސްކުއްޖާއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އަހަރެން ކުރަން ބޭނުންވި ސުވާލު އެކުއްޖާއަށް އެނގުނު ކަހަލައެވެ. އެހެނީ އިތުރު ސުވާލެއް ނުކޮށް އުޅެނިކޮށް، އަހަރެން ބޭނުންވާ ޖަވާބު އޭނާގެ ފަރާތުން ލިބުނެވެ. ”ދައްތަ ކަންބޮޑުނުވޭ. ހުރިހާ ކަމެއްވެސް ރަނގަޅު. އޭނަގެ ލޭގެ ޕްރެޝަރު ހަމައަކަށް އެޅުނީމަ ވަރަށް އަވަހަށް ގެއަށްވެސް ފޮނުވާލާނެ. އަނެއްހެން ހުރިހާ ކަމެއްވެސް ރަނގަޅު. ކުއްޖާގެ ބައްޕައަށާއި ޢާއިލާއަށް ކުއްޖާ ދައްކާލަން ޑޮކްޓަރ ބުނުއްވީމަ މިކުއްޖާ ގޮވައިގެން މިތަނަށް މި އައީ. ކޮބާ މީނަގެ ބައްޕަ.“ އަހަރެންގެ މެއަށް ހީވީ ގަނޑުފެން އެއްޗެއް އޮއްސާލި ހެންނެވެ. އޭނާ ކުރި ސުވާލަށް އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟ އެހެންނަމަވެސް ވަރަށް ހިތްވަރު ކުރެވޭތޯ އަހަރެން ބަލަމުން ގެންދިޔައީމެވެ. އަދި އޭނާގެ ސުވާލަށް ޖަވާބުދޭން އަހަރެން ނިންމީމެވެ. އެއްވެސް ދޮގަކާއި ނުލައެވެ. ”މީނަގެ ބައްޕަ މިވަގުތު މާލެއަކު ނެތް. އެކަމަކު އިންޝާﷲ ވަރަށް އަވަހަށް އަންނާނެ.“ އެވަޤުތު ކުއްޖާ އަނބުރާ އެނާ އަތަށް ދިނުމަށް އެދިގެން އަހަރެންނާއި ދިމާއަށް އަތްދިއްކޮށްލިއެވެ. އަހަރެން ހިތް ފުރެންދެން އެކުއްޖާއާއި ދިމާއަށް ބަލާލުމަށްފަހު، އަނބުރާ ނަރުސް ކުއްޖާއާއި ހަވާލުކުރީމެވެ. ހިތްހެޔޮ ހިނިތުންވުމެއް އަހަރެންނަށް ރައްދުކޮށްލާފާއި އޭނާ އެކުއްޖާ ގޮވައިގެން އައިކޮޅަށް ދިޔައީއެވެ.
އަހަރެންނަށް އަނެއްކާވެސް ސަމަސުއްނިސާއާއި މެދު ވިސްނެން ފެށުނެވެ. އޭނާ ރަނގަޅުބާއެވެ؟ އަހަރުމެން ދެން ހަދާނީ ކިހިނެއް ބާއެވެ؟ ޢަލީ ފިރާޤު އަންނާނެ ބާއެވެ؟ ސަމްސުއްނިސާއަށް ހުރިހާ އެއްޗެއް ރަނގަޅަށް ކިޔައިދޭންވީ ބާއެވެ؟ މިހުރިހާ ސުވާލުތަކަކުން އަހަރެންގެ ހިތާއި ސިކުނޑި ވަށާލިއެވެ. ބޮލުގައި ރިއްސާހެންވެސް އަހަރެންނަށް ހީވާން ފެށިއެވެ. އަހަރެން ބޮލުގައި މަޑުމަޑުން އަތް އަޅާލުމާއިއެކު ކައިރީގައި ހުރި ގޮނޑީގައި އިށީންދެލީމެވެ. އެވަޤުތު އަނެއްކާވެސް މީހަކު އައިސް އަހަރެންނަށް ގޮވާލިއެވެ. މިފަހަރު ގޮވާލީ ހަމަ ސީދާ އަހަރެންގެ ނަމުންނެވެ. އެހެނަސް އަހަރެންނަށް ކިޔަނީ ނަފީސާކަން ޔަޤީން ކޮށްލަން ބޭނުންވެފައިވާ ކަހަލަ ގޮތަކަށެވެ. އަހަރެން ކޮޅަށް ތެދުވެލާފައި ލައްބައޭ ބުނެލީމެވެ. ”ސަމްސުއްނިސާ ހޭއަރައިފި. އޭނަ ބޭނުންވަނީ ނަފީސާޔާ ބައްދަލުކޮށްލަން.“ ”ކޮންތާކު އޮތީ؟“ ކެތްމަދުވެފައިވާ ކަހަލަ ގޮތަކަށް އަހަރެންނަށް އޭނާއާއި ސުވާލު ކޮށްލެވުނެވެ. އެ ނަރުސްކުއްޖާ، ސަމްސުއްނިސާ ބާއްވާފައި އޮތް ވޯރޑު ބުނެދިނުމުން، އަހަރެން އެދިމާލަށް ދުއްވައިގަތީމެވެ. ނަރުސްކުއްޖާ އިތުރު އެއްޗެއް ބުނަން ބޭނުންވެފައި ހުރިތޯ ބަލާކަށްވެސް އަހަރެންނެއް ނޫޅެމެވެ.
އަހަރެން ގޮސް ވޯރޑަށް ވަނީމެވެ. ފަތިހުގެ ވަޤުތަށް ވީތީ މުޅި ވޯރޑު ކަހަލަ ގޮތަކަށް އޮތީ އަނދިރި ކޮށްލާފައެވެ. މުޅި ތަނަށް އޮތީ ހަމަހިމޭންކަން ވެރިވެފައެވެ. ސަމްސުއްނިސާ ބާއްވާފައި އޮތް އެނދު ހޯދާލުމަށް އަހަރެން ވަރަށް މަޑުމަޑުން ދެކޮޅު ބަލައިލީމެވެ. އޭނާ އޮތީ، ނިތްކުރީގައި އަތް އަޅާލައިގެން ލޯ މަރާލައިގެންނެވެ. އަހަރެން ގޮސް އޭނާގެ ކައިރިއަށް ހުއްޓިލުމާއިއެކު، ވަރަށް މަޑުމަޑުން ގޮވާލީމެވެ. ސިއްސައިގެން ދިޔަކަހަލަ ގޮތަކަށް ސަމްސުއްނިސާގެ ނިތްކުރިމަތިން އަތް ހިއްލާލުމާއިއެކު އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ. އަދި ވޭނުން ފުރިގެންވާ ކަހަލަ ގޮތަކަށް އަހަރެންނަށް ގޮވާލިއެވެ. ވައި އަޑުންނެވެ.
ރާގުގައި ހުރީ ގޮތްހުސްވެފައިވާ ކަހަލަ ޝުޢޫރެކެވެ. އަދި މަޑުމަޑުން އަހަރެންނާއި ދިމާއަށް އަތް ދިއްކޮށްލިއެވެ. އަހަރެންވެސް މަޑުމަޑުން
ސަމްސުއްނިސާގެ އަތުގައި ހިފާލުމާއިއެކު ކައިރީގައި ހުރި ގޮނޑީގައި އިށީންދެލީމެވެ. ”ނަފީސާ، އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެބައޮތް. މިއީ ވަރަށް ބޮޑު އިލްތިމާސެއް ކަމަށް ހީކޮށްލާ. މިކަމަށް ނޫނޭކޭ ނުބުނާނެ ކަމަށް އުންމީދުކުރަން.“ އޭރުވެސް ސަމްސުއްނިސާ ގެންދިޔައީ ގިސްލަމުންނެވެ. އޭނާގެ އަޑު ތަންކޮޅެއް ބާރުވާހެން ހީވާތީ އަހަރެން ތަންކޮޅެއް ޖެހިލުންވާ ގޮތްވިއެވެ. އަދި އެ ވޯރޑުގައި އެނދުމަތި ކޮށްފައި ތިބި މީހުންނާއި ދިމާއަށް ވަށައިގެން ބަލައިލެވުނެވެ. ސަމްސުއްނިސާ ދައްކަމުންދިޔަ ވާހަކަ އެއިން އެއްވެސް މީހަކަށް އަޑު އިވިދާނެތީއެވެ. އެހެންނަމަވެސް އެ އެންމެންގެ އިތުރުން އެތަނުގައި ތިބި ހުރިހާ އެހީތެރިންވެސް ތިބީ ނިދާފައެވެ. ކޮންމެ އެނދެއްގެ ކައިރީގައިވެސް ބޯ އަރިކޮށްލައިގެން ނިދިފައި އިން މީހަކު އިނެވެ. އެމަންޒަރުތައް ފެނިފައި އަހަރެންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. އެހެނީ، އަހަރުމެން ދައްކާ ވާހަކައަށް އެއްވެސް މީހަކު ސަމާލުކަން ނުދޭނެކަން އަހަރެންނަށް ޤަބޫލުކުރެވުނީތީއެވެ. ހަމަޖެހިލާފައި ސަމްސުއްނިސާ ދައްކަން އުޅުނު ވާހަކަ ކުރިއަށް ގެންދިއުމަށް އަހަރެން ފުރުޞަތު ދިނީމެވެ. އޭނާއާއި ސުވާލެއް ކޮށްލުމާއެކުގައެވެ. ”އަނެއްކާ ކޮންކަހަލަ އިލްތިމާސެއް؟ އަހަރެންނަށް ނުކުރެވޭނެ ވަރުގެ ކަމެއް ކުރަން ނުބުނައްޗޭ. މިހާރުވެސް އަހަރެން މިހުންނަނީ ގޮތް ހުސްވެފަ ކަހަލަ ގޮތަކަށް.“ ”ނަފީސާ ކަންބޮޑު ނުވޭ. ނަފީސާއަށް ނުކުރެވޭ ވަރުގެ ކަމެއް ކުރާކަށް އަހަރެންނެއް ނުބުނާނަން. އެކަމަކު އެންމެ ފުރަތަމަވެސް އަހަރެން ބޭނުންވަނީ ހިތުގެ އަޑިން ނަފީސާއަށް ޝުކުރު އަދާކުރަން. އަހަރެންގެ ހަޔާތުގަ ދިމާވި އެންމެ ދަތި އުނދަގޫ ދަނޑިވަޅުގަ އަހަރެން ދޫކޮށްނުލާ ކައިރީގަ ހުރި މީހަކީ ނަފީސާ. ހަޤީޤަތަށް ބުނަންޏާ އަހަރެންގެ މައްޗަށް ނަފުރަތު ކުރުމުގެ ޙައްޤުވެސް ނަފީސާއަށް އެބައޮތް.“ ސަމްސުއްނިސާ ވާހަކަ ދައްކަމުން ގެންދިޔައީ ގިސްލަމުންނެވެ. އަހަރެންނަށްވެސް ރޮވޭ ގޮތްވިއެވެ. އަހަރެންނަށް ރޮވުނީ ހަމައެކަނި އެވަގުތުގެ ޙާލަތުގެ ސަބަބަކުން ނޫނެވެ. ވޭތުވެދިޔަ ނުވަމަހެއްހާ ދުވަހުގެ ތެރޭގައި ހިނގާދިޔަ ހުރިހާ ކަމަކާއި ދެން އަންނަން އޮތް ބޮޑު ތޫފާނާއިމެދު ވިސްނާލާފައެވެ. އެތޫފާނުގެ ރޯޅީގައި ޖެހޭނީ ސަމްސުއްނިސާ އެކަންޏެއް ނޫނެވެ. ޚުދު އަހަރެންނަށް ކުރިމަތިލާން ޖެހޭނެ ކޮޅިގަނޑެއްވެސް ކުޑައެއް ނުވާނެއެވެ. އޭގެ އިތުރުން ކުށެއްނެތް މަޢުސޫމު ތުއްތު ކުއްޖެއްގެ މުޅި ޙަޔާތްވެސް ބަރުބާދު ވެގެން ދާނެތީއެވެ. އެފަކީރަށް ދުނިޔޭގެ އަލިކަން ހަމައަށް ނުފެންނަނީސް ޙަޔާތް ބަނަވެ އަނދިރިވީއެވެ.
އަހަރެން ފިކުރުތަކެއްގެ ތެރެއަށް ގެއްލިފައި އިންކަން ސަމްސުއްނިސާއަށް ފާހަގަ ވެގެން އަހަރެންގެ އަތުގައި ކޮށްޓާލާފައި މަޑުމަޑުން ގޮވާލިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަދި ހަމަޖެހިލަން މަސައްކަތް ކުރީމެވެ. ރަނގަޅަށް ދެލޮ ފޮހެލާފައި ސަމްސުއްނިސާ ދައްކަމުން ގެންދިޔަ ވާހަކައަށް ސަމާލުކަން ދޭން މަސައްކަތް ކުރީމެވެ. ”އަހަރެން ސަމްސުއްނިސާއަށް ނަފުރަތު ކުރާނަމަ މިއަދު މިތާކު ނީންނާނެތާ. ސަމްސުއްނިސާ ތިބުނިހެން އަހަރެންނަށް ދިމާވި ކޮންމެ އުސްގަޑަކާ އަޑިގަނޑެއްގަ އަހަރެންގެ އެންމެ ގާތުގަހުރި މިތުރަކީވެސް ތިޔައީ. އެހެންވީމަ މިހާރު އެވީ ހަމަހަމަ.“ ތަންކޮޅެއް ހަމަޖެހިލައިގެން އިނދެ ޖަވާބެއް ދެވޭތޯ އަހަރެން ބެލީމެވެ. ”ދެން ބުނެބަލަ. ކޮންކަހަލަ އިލްތިމާސެއް ކުރަންތަ ތިއުޅެނީ؟“ ސަމްސުއްނިސާ ފުން ނޭވާއެއް ލުމާއިއެކު، އަނެއްކާވެސް އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ”ނަފީސާ، އަހަރެންނަށް މަޢާފުކުރޭ.“ ”ދެން އެކަމަކު ސަމްސުއްނިސާ. އެއްކަމަކަށް ކިތައް ފަހަރަށްތަ މަޢާފަށް އެދޭނީ.“ އޭނާގެ ވާހަކަ މެދުކަނޑުވާލާފައި އަހަރެން ބުނެލީމެވެ. ”އިހަށް އަހަރެން ދައްކަން މިއުޅޭ ވާހަކަ އަޑުއަހާލަބަލަ ހެޔޮނުވާނެ.“ އާދޭހުގެ ރާގަކަށް ސަމްސުއްނިސާ ބުނެލިއެވެ. ”އެންމެ ރަނގަޅު. ކުރިއަށް ގެންދޭ.“ އޭރުވެސް އަހަރެންގެ އަޑުގައި ހުރި ކަންބޮޑުވުން ސަމަސުއްނިސާ ފާހަގަ ކުރިއެވެ. އަހަރެންނާއި ދިމާއަށް ރަނގަޅަށް ބަލައިލާފާ ސަމްސުއްނިސާ އޭނާގެ ވާހަކަ އަނެއްކާވެސް ކުރިއަށް ގެންދިޔައެވެ. ”އަހަރެން މިފަހަރު މަޢާފަށް މިއެދުނީ މުޅިން އެހެން ކަމަކަށް. ޢަލީ ފިރާޤު ނަފީސާއަށް ފޮނުވި ސިޓީ އަހަރެން ކިޔައިފިން.“ އަހަރެން ސިއްސައިގެން ގޮސް އެއްޗެކޭ ބުނަން އުޅުނީމެވެ. އެހެންނަމަވެސް އޭގެ ކުރިން ސަމްސުއްނިސާ އޭނާގެ ވާހަކަ ކުރިއަށް ގެންދަން ފެށިއެވެ. ”އިހަށް އަހަރެންގެ ވާހަކަ ނިމެންދެން މަޑުކޮށްލަދީ.“ ވާހަކަ ކުރިއަށް ގެންދިއުމަށް އިޒުނަ ދިނުމުގެ ގޮތުން އަހަރެން މަޑުމަޑުން ބޯޖަހާލީމެވެ. ”އަހަރެން އެސިޓީ ބެލީ ނުވަތަ އޭގައި ލިޔެފަ އޮތް އެއްޗެއް ކިޔާލީކީ ގަސްތަކު ނޫން. ނަފީސާއަށްވެސް އެނގޭނެ އަހަރުމެން މާލެއަށް އައިފަހުން ޢަލީ ފިރާޤުގެ ޚަބަރެއް ނުވެގެން އަހަރެން ހުރީ ވަރަށް ކަންބޮޑުވެފަކަން. އެހެން ވެގެން ނަފީސާގެ ފޮށި ކައިރީގައި އެސިޓީ އޮއްވާ ފެނިގެން ނަގާފަ ކިޔާލީ އޭނަގެ ޚަބަރެއް އެނގޭތޯ ބަލާލަން ވެގެން.“ އަހަރެން ވަރަށް ޖެހިލުންވާ ގޮތްވިއެވެ. އަދި އިތުރަށް
އެއްޗެކޭ ބުނަން ބޭނުންވިއެވެ. އެހެންނަމަވެސް ސަމްސުއްނިސާގެ ވާހަކަ ނިމެންނެދެން ކެތްކޮށްލައިގެން އަޑުއަހަން އިނުމަށް ގަސްތު ކުރީމެވެ. ”ތި ދެމީހުންގެ މެދުގައި ކުރެވިފައި އޮތް މުޢާމަލާތާ، އެކަކު އަނެކަކަށް ވެފަ އޮތް ވަޢުދު އެނގުމުން އެވަޤުތު އަހަރެން ވަރަށް ދެރަވި. އެކަމަކު ފަހުން ވިސްނާލީ އަހަރެންނަކީ ދަލު ބޭރުން ޖެހިގެން އުޅޭ މީހެއްކަން. ކޮންމެ ގޮތެއް ވިޔަސް ޢަލީ ފިރާޤު ބޭނުންވަނީ ނަފީސާ. އެހެންވީމަ އޭނަ މާލެއަށް އައިސް އަހަރެންނާ ގުޅޭނެ ކަމުގެ އުންމީދު މުޅިން ކަނޑާލީ. އެކަމަކު މި ދަރިފުޅަށް ދެރައެއް ލިބޭކަށް އަހަރެން ބޭނުމެއް ނޫން. މީ އެއްވެސް ކުށެއްނެތް މަޢުސޫމު ކުއްޖެއް.“ ސަމްސުއްނިސާގެ ވާހަކަ މެދުކެނޑުނެވެ. އަހަރެން އިސް އުފުލާލައިފާ ސަމްސުއްނިސާއާއި ދިމާއަށް ރަނގަޅަށް ބަލައިލީމެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަނީއެވެ. އަދި ތުން ފިއްތައިގެން އޮވެ ރޮނީއެވެ. އަހަރެންނަށްވެސް ރޮވޭގޮތް ވިއެވެ. އެހެންނަމަވެސް ވަރަށް ހިތްވަރު ކޮށްލައިގެން އިނީމެވެ. އަހަރެން ބަލިކަށި ވެއްޖެނަމަ ސަމްސުއްނިސާގެ ހިތްވަރު ދެރަވާނެކަން އަހަރެންނަށް އެނގޭތީއެވެ. އަހަރެން ތަންކޮޅެއް ކައިރިއަށް ޖެހިލީމެވެ. އަދި ސަމްސުއްނިސާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެދޭން މަސައްކަތް ކުރީމެވެ. ”ސަމްސުއްނިސާ އަސްލު ބުނަން ތިއުޅޭ އެއްޗެއް އަހަރެންނަކަށް ނުވިސްނުނު. އެކަމަކުވެސް ސަމްސުއްނިސާ ދެރަނުވޭ. ޢަލީ ފިރާޤު ކައިވެނި ކުރާނީ ސަމްސުއްނިސާޔާ. އަހަރެންނަކާ ނޫން.“ އަހަރެން ބުނި ވާހަކަ އަޑުއިވުމުން ސަމްސުއްނިސާ ފާޑަކަށް ހީލިއެވެ. އަދި އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ”ނަފީސާ ބުންޏަސް ތީކީ ވާނެކަމެއް ނޫން. އެހެން ނޫންނަމަ ޢަލީ ފިރާޤު މިހާރު ހުންނާނީ މިތަނުގަ. އަހަރެންގެ ކައިރީގަ. އަދި މި ދަރިފުޅަށް އޭނާގެ ޙައްޤު ހޯދައިދޭން މަސައްކަތްވެސް ކޮށްދިނިސް.“ އަހަރެންނަށް ބުނާނެ އެއްޗެއް ނޭންގުނު ކަހަލައެވެ. އެހެނަސް އިރުކޮޅަކު ވިސްނާލަން އިނދެފައި އަހަރެން ވާހަކަ ދައްކަން ގަސްތުކުރީމެވެ. ނަމަވެސް އަހަރެން އެއްޗެކޭ ބުނުމުގެ ކުރިން ސަމްސުއްނިސާ އަނެއްކާވެސް އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ”ޢަލީ ފިރާޤު އަހަރެންނާއެކު ޒަވާޖީ ހަޔާތެއް ފަށާނެ ކަމުގެ އުންމީދުވެސް އަހަރެން މިހާރު ކަނޑާލައިފިން. އެހެންވީމަ، އަހަރެން މިހާރު އޮންނާނީ ގޮތެއްވެސް ނިންމާފަ.“ އެވަޤުތު އަހަރެންނަށް ލިބުނީ ހައިރާން ކަމެކެވެ. ”ކޮންގޮތެއް؟“ އަހަރެން ވަރަށް މަޑުމައިތިރި ކަމާއިއެކީ ސުވާލު ކޮށްލީމެވެ.
އޭރު އަލިވިލެނީއެވެ. އަދި ވޯރޑުގައި ތިބި ބައެއް މީހުންނަށް ނިދިން ހޭވެސް ލެވިއްޖެއެވެ. އެހެންކަމުން ދެމީހުންވެސް ވާހަކަ ދައްކަމުން ގެންދިޔައީ ވަރަށް ބޮޑަށް ވިސްނައިގެން ތިބެއެވެ. ”އަހަރެން ބޭނުންވަނީ މިތަން ދޫކޮށްލާފަ ދާން. އެކަމަކު އަހަރެން ދެން އަނބުރާ ރަށަކަށް ނުދާނަން. ރަށަށް ދާނީވެސް ކޮން މޫނަކައިގެން؟ އަހަރެންގެ ޙަޤީޤަތް ނޭންގެ އެކަކުވެސް މިހާރަކު ރަށަކު ނެތް.“ އަހަރެންނަށް ލިބުނު ހައިރާންކަން އިހުނަށްވުރެ ބޮޑުވިއެވެ. ”ދެން އެހެންވިއްޔާ ކޮންތާކަށް ދާނީ؟“ ”އަހަރެންނަކަށް ނޭންގެ ދާނީ ކޮންތާކަށް ކަމެއް. އަހަރެންނަކީ މާގިނަ ގާތްތިމާގެ މީހުންތަކެއްވެސް ތިބި މީހެއް ނޫން. އަދި ނަފީސާ ފިޔަވާ އިތުރު ރައްޓެއްސަކުވެސް ނެތް.“ އެވަޤުތު އަހަރެންނަށް ވިސްނާލެވުނީ އެތުއްތު ދަރިފުޅާ ދޭތެރޭގައެވެ. އަދި ކުޑައެނދުގައި އޮތް އެދަރިފުޅާއި ދިމާއަށް ބަލައިލެވުނެވެ. ”ސަމްސުއްނިސާ އަދިވެސް އެއްފަހަރު ވިސްނާލަބަލަ. މިއޮއް ތުއްތު ކުއްޖާ ގޮވައިގެން ގަނަތެޅެންތަ ތިވިސްނަނީ؟“ އެކުއްޖާއާއި ދިމާއަށް އިޝާރާތް ކޮށްލަމުން އަހަރެން ބުނީމެވެ. ހަމަ އެއާއިއެކީ، އަހަރެންނަށް ރޮވެންވެސް ފެށުނެވެ. ސަމްސުއްނިސާވެސް ރޯން ފެށިއެވެ. އެހެންނަމަވެސް ވަށައިގެން ތިބި މީހުންނަށް އެނގުން ނުވެ ވޭތޯ އަހަރެން ބެލީމެވެ. ސަމްސުއްނިސާވެސް ހަމަ އެފަދައިން މަސައްކަތް ކުރަމުން ގެންދިޔައެވެ. ”އަހަރެން ގަނަތެޅެން ވިޔަސް ނޫނީ އެހެންގޮތަކަށް ދިރިއުޅެން ވިޔަސް ނޫނީ ބީރައްޓެހި ރަށަކަށް އަރުވާލިޔަސް ދާނީ އެކަނި. މިދަރިފުޅެއް ނުގެންދާނަން. މިއީ އަހަރެން ނަފީސާއަށް ކުރަން ބޭނުންވާ އިލްތިމާސްއަކީ. އަހަރެން ބޭނުންވަނީ މި ދަރިފުޅު ނަފީސާޔާ ޙަވާލުކުރަން. އޭރުން އޭނާއަށް ބައްޕައެއްގެ ފުރިހަމަ ލޯބިވެސް ލިބޭނެ. އެވެސް އޭނަގެ އަސްލު ބައްޕަގެ ލޯބި.“
އަހަރެންނަށް ކޮންމެވެސް ވަރަކަށް ރުޅި އާދެވޭ ގޮތްވިއެވެ. އަދި ވަރަށް ބާރަށް ވާހަކަ ދައްކަން ފެށުނެވެ. އެހެންނަމަވެސް ނޫންކަމަށް ހަދާފައި މާހައުލަށް ވަށައިގެން ބަލައިލީމެވެ. އަދި އަމިއްލަ ނަފްސު ކޮންޓްރޯލު ކުރަން މަސައްކަތް ކުރީމެވެ. ކެތްތެރި ކަމާއިއެކީ ވާހަކަ ދައްކަން މަސައްކަތް ކުރީމެވެ. ”ސަމްސުއްނިސާއަށް އެބަ އެނގޭތަ ތިކިޔޭ އެއްޗެއް. އަމިއްލަ އުފަން ދަރިފުޅު ދުކޮށްލާފަ ދާކަށް އެއްވެސް ޖެހިލުމެއް ނުވޭތަ؟ މަޔަކު ދުނިޔޭގަ ހުރެ ދަރިފުޅާ ދުރަށް ދާކަމެއް އަހަރެން ނުދެނަހުރިން. އަހަރެންނަމަ ތިހެން ކަންތައް ކުރަން ވިސްނާލަންވެސް ނުކެރުނިސް.“ އަހަރެންނަށް ވިސްނައިދޭން ސަމްސުއްނިސާ މަސައްކަތް ކުރަމުން ގެންދިޔައެވެ. ”ނަފީސާ ނިކަން ވިސްނާލަބަލަ. ކޮންމެ ގޮތެއްވިޔަސް އަހަރެން މިކުއްޖާ ގެންގުޅެން ޖެހޭނީ އެކަނިމާ އެކަނި. އިތުރު އެއްވެސް މީހެއްގެ އެހީތެރިކަމަކާ ނުލާ. އެކަމަކު ނަފީސާ މީނަޔާ ހަވާލު ވެއްޖެނަމަ މައެއްގެ ފުރިހަމަ ލޯބި ދޭނެކަން އަހަރެންނަށް ޔަޤީން. އަދި ނުވިތާކަށް ޢަލީ ފިރާޤުވެސް
ހުންނާނެ. މީނަގެ ޚަރަދުބަރަދުވެސް ބަލަހައްޓާނެ. އަނެއްކާ މަންމަޔަކާ ބައްޕަގެ ލޯބިވެސް ލިބޭނެ. އަހަރެން ނަފީސާއަށް ފުރިހަމައަށް
އިތުބާރު ކުރަން.“ އެއަށްފަހު، އޭނާގެ އަތުގައި އޮތް ކެވެލިކޮޅު ނަގާ، އަހަރެންގެ އަތަށް ދިއްކޮށްލިއެވެ. ބަލާބެލުމަށް ހީވަނީ ރަން ކެވެލިކޮޅެއް ހެނެވެ. އެކެވެލިކޮޅަކީ މީގެ ދެތިން ދުވަސް ކުރީއްސުރެ، އަހަރެންނަށް ސަމްސުއްނިސާގެ އަތުން ފެންނަން ފެށި އެއްޗެކެވެ. އެހެނީ އޭގެ ކުރިޔަކުން އަހަރެންނެއް ސަމްސުއްނިސާގެ އަތަކުން އެކެވެލިކޮޅެއް ނުދެކެމެވެ. އަހަރެން އެއާއި ބެހޭގޮތުން ސުވާލުވެސް ކުރީމެވެ. އެހެންނަމަވެސް އަހަރެންނަކަށް އޭގެ ޖަވާބެއް އެއިރަކު ނުލިބުނެވެ. ”މިއީ ނަފީސާގެ އަމާނާތެއް. އަހަރެން އަތުގަ މި ކެވެލިކޮޅު އޮންނަތާ މިހާރު ނުވަމަސްވަނީ.“ ސުވާލުން ފުރިގެންވާ ނަޒަރަކުން އަހަރެންނަށް ސަމްސުއްނިސާއާއި ދިމާއަށް ބަލައިލެވުނެވެ. އަދި އެކަމާ ސުވާލުކުރަންވެސް އުޅުނީމެވެ. އެހެންނަމަވެސް އަހަރެންނަށް އިތުރު ސުވާލެއް ނުކުރެވި އުޅެނިކޮން، ސަމްސުއްނިސާ ދިނީ އަހަރެން ސިއްސައިގެންދިޔަ ފަދަ ޖަވާބެކެވެ. ”މިއީ އަހަރެން ޢަލީ ފިރާޤުގެ ގެއަށް ދިޔަރޭ، އޭނަ ބާލިސް ދަށުން ނަގާފަ އަހަރެންގެ އަތުގަ އަޅައިދިން ކެވެލިކޮޅެއް. އަސްލުގަ އޭނަ މި އަޅައިދިނީ އަހަރެންގެ އަތަކު ނޫން. ކުރިންވެސް ބުނިހެން އެރޭ ޢަލީ ފިރާޤުއަށް ޤަބޫލުކުރެވުނު ގޮތުގަ އޭނަ ކައިރީގަ އިނީ ނަފީސާ. އޭނަ އެރޭ މިކެވެލިކޮޅު އަތުގަ އަޅައިދެމުން ބުނީ، އެއީ އޭނަގެ އަންހެނުންނަށް އޭނަ ވަރަށް ލޯބިން ހަދިޔާކުރި އެއްޗެއް ކަމަށް. އަނބިމީހާ ނިޔާވުމުން މިކެވެލިކޮޅު ރައްކާކޮށްފަ ބޭއްވީ އެފަދަ ދެވަނަ އަންހެނަކު އޭނަގެ ހަޔާތަށް އަތުވެއްޖެނަމަ ހަދިޔާކުރަން ކަމަށް. އެބުނާ ދެވަނަ އަންހެނަކީ ނަފީސާ. އެހެންވީމަ މީ ނަފީސާގެ އަމާނާތެއް.“
އަހަރެންގެ އަތަށް އެކެވެލިކޮޅު ދިއްކޮށްލުމުން މަޑުމަޑުން އަހަރެން އޭގައި ހިފީމެވެ. އަދި އަތުތެރެއަށް ލުމާއިއެކު ރަނގަޅަށް ބަލައިލީމެވެ. އެއަށްފަހު އަނެއްކާވެސް ސަމްސުއްނިސާއަށް ބަލައިލީމެވެ. ”ޢަލީ ފިރާޤު އެރޭ އޮތީ ވަރަށް ބޮޑަށް ހުންގަދަވެ ތުރުތުރު އަޅާ ޙާލުގަ. އެވަޤުތު ނަފީސާއޭ ކިޔާފަ އަހަރެންނާއި ދިމާއަށް ދެއަތް ހުޅުވާލީމަ އަހަރެންވެސް އޭގެ ނާޖާއިޒް ފައިދާ ނެގީ. އެއީ އަހަރެންގެ ހުރި ވިޔާނުދާ ކަމާ ނުވިސްނޭކަން. އަދި އޭގެ ހިތި ނަތިޖާޔާ އަހަރެން މިއަދު ކުރިމަތިލަމުން މިގެންދަނީ.“ އަހަރެންނަށް އިނދެވުނީ ބަސްހުއްޓިފައެވެ. ހަމަ ޙަޤީޤަތުގައިވެސް ޢަލީ ފިރާޤު އަހަރެންދެކެ އެހާ ލޯބިވޭ ބާވައެވެ. އެހެންވިޔަސް އެފަދަ ނުބައި ޢަމަލެއް ޢަލީ ފިރާޤު ހިންގަފާނެ ކަމަށް އަހަރެންނަށް ޤަބޫލުކުރަން އުނދަގޫވިއެވެ. ”އެކަމަކު އެރޭ ކަންތައް ވެފަ ތިޔޮތީކީ ރަނގަޅަކަށް ނޫންތާ. އެރޭ އޭނަކައިރީގަ އިނީ އަހަރެން ކަމަށްވިޔަސް، އެފަދަ ޢަމަލެއް އޭނަ ހިންގައިގެން ނުވާނެތާ.“ އަހަރެން ސަމްސުއްނިސާ ގާތުގައި އެހެން ބުނީ މީގެ ކުރިން ޢަލީ ފިރާޤު އަހަރެން ކައިރީގައި ދައްކާފައި ހުރި ވާހަކަ ހަނދާން ނެތިގެންނެއް ނޫނެވެ. އެހެންނަމަވެސް އަހަރެން ބޭނުންވީ ކަންތައްތައް އިތުރަށް އޮޅުން ފިލުވާށެވެ. ސަމްސުއްނިސާގެ ދުލުންނެވެ. އަހަރެންނަށް ޢަލީ ފިރާޤަށް އިތުބާރުކުރަން އުނދަގޫ ވީތީވެސް މެއެވެ. ”އަހަރެން ކުރިންވެސް ބުނެފިންދޯ ޢަލީ ފިރާޤު އޮތީ ހަމަ ހޭވެރިކަމަކު ނޫނޭ. ހުންގަދަވެގެން ވާނުވާ ނޭންގޭ ޙާލުގަ އޮތީ. ބޮލުގަވެސް އެވަރަށް ރިއްސާފަ އޮތީ. ވާހަކަވެސް ދެއްކީ ވަރަށް ވަރުދެރަކޮށް. އަހަރެން އަނގައިން ނުބުނުމާ، ލައިގެން އިން ހެދުން ޢަލީ ފިރާޤަށް ފެނުމާ، ހުރިހާ ކަމަކުން އޭނަ ނިންމީ އޭނަ ކައިރީގަ އިނީ ނަފީސާކަމަށް. ދެން ނަފީސާ ބުނެބަލަ، އަހަރެން ކިތައް ފަހަރު މިވާހަކަތައް ކިޔައިދިނީމަ ނަފީސާއަށް ޤަބޫލުކުރެވޭނީ؟ އަހަރެން ބޭނުންނަމަ، ޢަލީ ފިރާޤުގެ ބޮލުގަ މިތުހުމަތު ހަމަ ފާޅުގަ އެޅުވިނިސްތާ ދޯ. އެކަމަކު އަހަރެން، އަހަރެންނަށް ކުރެވުނު ކުށްވެސް ޤަބޫލުކޮށްފިން. ދެން މިހާރު ނަފީސާވެސް ވެއްޖެއެއްނު މިކަމުގެ ޙަޤީޤަތް ޤަބޫލުކުރަން.“ އަހަރުމެންގެ ވާހަކަ މިހާހިސާބަށް ދިޔަތަނާ އެތަނަށް ޑޮކްޓަރާކާއި ދެތިން ނަރުސްކުދިން އައިސް ވަނެވެ. އަހަރުމެން ދައްކަމުން ގެންދިޔަ ވާހަކަތައް ވަޤުތުން ހުއްޓާލީމެވެ. ސަމްސުއްނިސާގެ ލިޔުންތައް ބަލާލުމާއިއެކު ދަރިފުޅުވެސް ބެލިއެވެ. އަދި ނަރުހަކު އައިސް ސަމްސުއްނިސާގެ ލޭވެސް ބެލިއެވެ. އަލަޙަމްދުﷲ، ސަމްސުއްނިސާގެ ލޭގެ ޕްރެޝަރު އޭރުގަ ހަމަޔަކަށް އެޅިއްޖެއެވެ. އަދި ވަރަށް އަވަހަށް ގެއަށް ފޮނުވާލާނެ ކަމުގެ އުފާވެރި ޚަބަރުވެސް ދިނެވެ. ޑޮކްޓަރާއި ނަރުހުން އެތަނުން ދިޔުމުގެ ކުރިން އަހަރެން އަތަށް ފޯރމެއް ދިއްކޮށްލިއެވެ. އަދި ވީހާވެސް އަވަހަކަށް އެފޯރމު ފުރާފައި ކަމާއިބެހޭ އޮފީހަށް އެފޯރމު ލުމަށް ބުންޏެވެ. އެމީހުން ދިޔުމުން އަހަރެން އެއީ ކޮންކަހަލަ ފޯރމެއްތޯ ބަލައިލީމެވެ. އަހަރެންގެ މެޔަށް ހީވީ އެއްޗެއް ހަރާލި ހެނެވެ. އެއީ ފޫޅުމާ ފޯރމެވެ. ދެން ހަދާނެ ގޮތަކާއިމެދު އަހަރެންނަށް ވިސްނަން ހުރެވުނީއެވެ. ސަމްސުއްނިސާ އެއާއި ބެހޭގޮތުން ސުވާލު ކޮށްލިއެވެ. އެވަޤުތު، އަހަރެންނަށް އެފޯރމު
ދިއްކޮށްލެވުނީ ސަމްސުއްނިސާގެ އަތަށެވެ. ސަމްސުއްނިސާ އޭގައި ހިފަހިފާ އޮއްވާ، ކޮންމެވެސް މީހަކު އަހަރެންގެ އަތުން އެފޯރމު ދަމައިގަތެވެ. އަހަރެމެން ދެމީހުންނަށް އެއްފަހަރާ، އެދިމާއަށް ބަލައިލެވުނެވެ. ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. އަހެރެންގެ އަތުން ފޯރމު ދަމައިގަތީ ދެވަނަ ދެމީހެއް ނޫނެވެ. ޢަލީ ފިރާޤެވެ.
- ނުނިމޭ –






