ޢަލީ ފިރާޤު އައިގޮތަށް އައިސް މޭވާކޮތަޅު ކަބަޑުމަތިގައި ބެހެއްޓިއެވެ. އަދި ހަމަ އެވަޤުތުމެ، ސަމްސުއްނިސާއާއި ދިމާއަށް ދެއަތް ދިއްކޮށްލިއެވެ. ދަރިފުޅު އުރާލަން ދޭށޭ ބުނާކަހަލަ ގޮތަކަށެވެ. ލިބުނު އުފަލެއްގެ ބޮޑުކަމާއެވެ. ސަމްސުއްނިސާއަށްވެސް އުފަލުން ރޮއުނެވެ. އަޑުގެ ކޮޅަށެވެ.
އަހަރެންނަށް ލިބުނީ ހާސްކަމެކެވެ. ސަމްސުއްނިސާގެ ގަދައަޑުން އަހަރެންގެ ހިތަށް އުނދަގޫވާން ފެށިއެވެ. އޭނާގެ ހިތުގައި އަޅަމުން ދިޔަ ވޭން އަހަރެންނަށް އިހުސާސް ކުރެވުނު ކަހަލައެވެ. އާނއެކެވެ. އޭނާގެ ކުރިމަތީގައި އެހުރީ، އޭނާގެ މުޅި ޙަޔާތުގައިވެސް ލޯބިވީ ހަމައެކަނި މީހާއެވެ. އެމީހަކަށްޓަކާ މުޅި ޙަޔާތް އަމިއްލަ އަތުން ފުނޑުފުނޑުކޮށްލި އިންސާނާއެވެ. ކަސިޔާރު މަގަކުން ގޮސް ނަމަވެސް އޭނާގެ ބަނޑުގައި ގަރުބަގަނެ، މިދުނިޔެ މައްޗަށް ނޭވާލި ފުރާނައިގެ މުލެވެ. އެފުރާނައަށް ޓަކާ ދެއަތް ހުޅުވާލައިގެންނެވެ. އެހެނަސް އެމީހަކު ދެނެއް އޭނާގެ މިލްކަކަށް ވާނެކަމުގެ ކުޑަވެސް އުންމީދެއް ނެތިއެވެ. އަހަރެން މަޑުމަޑުން ތެދުވެގެންގޮސް ސަމްސުއްނިސާ ކައިރީގައި އިށީންދެލީމެވެ. އަދި އޯގާތެރި އަތަކުން އޭނާގެ ބުރަކަށީގައި ފިރުމާލީމެވެ. ސަމްސުއްނިސާގެ ރުއިމުގެ އަޑު މަޑުމަޑުން ކަނޑެން ފެށިއެވެ. އެހެނަސް ގިސްލެވޭ ޙާލުގައި އިނދެ އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. ސުވާލެއް ކޮށްލާ ކަހަލައެވެ. ޢަލީ ފިރާޤު އެއައީ އޭނާއަށް ޓަކާ ބާއެވެ؟ ނުވަތަ ދަރިފުޅު ބަލައިގަންނަން ހިތުން ރުހުމުން ބޭނުންވީ ބާއެވެ؟ ދަރިފުޅު އޭނާގެ އަތްމައްޗަށް ދޫކޮށްލަންވީ ބާއެވެ؟ އަހަރެންނަކަށް ބުނާނެ އެއްޗެއް ނޭންގުނެވެ. މަޑުމަޑުން އިސްދަށަށް ޖަހާލީމެވެ. އޭރުވެސް ޢަލީ ފިރާޤު ހުރީ ސަމްސުއްނިސާއާއި ދިމާއަށް ދެއަތް ހުޅުވާލިގޮތަށް ކޮޅަށެވެ. އެހެނަސް އޭނާގެ ކަޅި ހުރީ އެދަރިފުޅައި ދިމާއަށް ހުއްޓިފައެވެ. ސަމްސުއްނިސާވެސް ކޮންމެވެސް ވަރަކަށް ހަމަޖެހިލާފައި އެކުއްޖާ، ޢަލީ ފިރާޤުގެ އަތަށް ދިއްކޮށްލިއެވެ. ޢަލީ ފިރާޤު ވަރަށް ފަރުވާތެރި ކަމާއިއެކީ، އެކުއްޖާ އުރާލިއެވެ. ތުއްތުކުދިން އުރަން ވަރަށް ނުފަރިތަ ކަހަލަ ގޮތަކަށެވެ. އަދި އެހާމެ ބިރުން ހުރެގެންނެވެ. ޢަލީ ފިރާޤުގެ ތުންފަތް މައްޗަށް ލުއިލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެހިނިތުންވުމުގާ، ބައްޕައަކަށްވުމުގެ އުފާވެރި އިހުސާސްތައް ފޮރުވިފައިވީ ކަހަލައެވެ. ހަމަ އެހެންމެ އެކަން ފައުޅުކުރަން ބޭނުންނުވާ ކަހަލަ ކުލަވަރެއްވެސް މޫނުމަތިން ދައްކަމުން ގެންދިޔައެވެ. އެހެނަސް އަހަރެންގެ ހިތަށް ބުނެދޭން ނޭންގޭ ކަހަލަ އުފާވެރިކަމެއް ވެރިވެގެން ދިޔައެވެ. ސަމްސުއްނިސާވެސް އުފަލުން ފޮޅިގެން ދިޔައެވެ. ”ނަފީސާ ބުނިހެން އަރުޝީ އަކީ މީނައަށް ކިޔަން ވަރަށް ގުޅޭ ނަމެއް.“ ޢަލީ ފިރާޤު ހުރީ، ބޯ އަރިކޮށްލައިގެން، އެކުއްޖާއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ލޯތްބާއި ކުލުނުން ފުރިގެންވާ ނަޒަރަކުންނެވެ. ”ޢަލީ ފިރާޤުއަށް ތިނަން ރީތިކަމަށް ވަންޏާ، އަހަރެންގެ އެއްވެސް އިޢުތިރާޒެއް ނެތް. އަސްލު އަހަރެންނަށްވެސް ތިނަން ވަރަށް ރީތި.“ ލަދުވެތި ރާގަކަށް ސަމްސުއްނިސާ ބުނެލިއެވެ. އެހެނަސް ޢަލީ ފިރާޤަށް އެއަޑު ނީވޭ ކަހަލައެވެ. އެހެނީ އޭނާ އެނބުރިލީ، އަހަރެންނާއި ދިމާއަށެވެ. އަދި އެނަން ފާސްކޮށް ފޫޅުމާ ފޯރމުގައި ޖެހުމަށް އަހަރެންގެ ގާތުގައި ބުނެލިއެވެ.
ސަމްސުއްނިސާއަށް ކޮންމެވެސް އެއްޗެއް އިހުސާސްވި ކަހަލައެވެ. އެހެނީ ކުއްޖާ އުރައިގެން ހުއްޓެއްކަމަކު، ޢަލީ ފިރާޤު، ސަމްސުއްނިސާއަށް އެއްވެސް ސަމާލުކަމެއް ދޭން ބޭނުންނުވާކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. އަހަރެންނަށްވެސް އެކަން ފާހަގަވިއެވެ. އެހެނީ ސަމްސުއްނިސާ އެވަޤުތު ބަލައިލީ އަހަރެންނާއި ދިމާއަށެވެ. އާނއެކެވެ. ޢަލީ ފިރާޤުގެ ހިތުގައި އަހަރެންނަށްޓަކާ އުފެދިފައި ލޯތްބާއި ޖަޒުބާތަކީ، ސަމްސުއްނިސާއަށް ފޮރުވިފައި އޮތް އެއްޗެއް ނޫނެވެ. ވީއިރު، އޭނާ ދުށް ހުވަފެންތަކުގައި، ޢަލީ ފިރާޤު ކުލަޖައްސައިދޭނެ ކަމަށް އުންމީދުވެސް ކޮށްގެން ނުވާނެތާއެވެ. ޢަލީ ފިރާޤާއި އަހަރެން، ޒަވާޖީ ޙަޔާތެއްގެ ގޮށް ނުޖެހިކަމުގައިވެސް މެއެވެ. ސަމްސުއްނިސާގެ އިހުސާސްތައް އަހަރެންނަށްވެސް ވިސްނެއެވެ. އޭނާ އަހަރެންނާއި އެތައް ސުވާލެއް ކުރަން ބޭނުންވާ ކަހަލައެވެ. އެހެނެއްކަމަކު، މިވަޤުތު އެސުވާލުތަކަށް އަހަރެން ދޭނީވެސް ކޮން ޖަވާބެއް ހެއްޔެވެ؟ އެހެނީ، ޚުދު އަހަރެން މިހުރީ ހަދާނެގޮތް ހުސްވެފައެވެ. އާނއެކެވެ. އަހަރެންގެ ހިތުގައިވެސް ޢަލީ ފިރާޤަށްޓަކާ އިހުސާސްތަކެއް އެބައޮތެވެ. އެކަން އަހަރެން ފާޅުގައި ޢަލީ ފިރާޤަށް ނުވަތަ ސަމްސުއްނިސާއަށް ނުދެއްކި ކަމުގައިވެސް މެއެވެ. ހަމަގައިމުވެސް ޢަލީ ފިރާޤު އެކަން ދެނެގަތްފިއެވެ. މީގެ ކުރިން ސަމްސުއްނިސާއާއިމެދު، ޢަލީ ފިރާޤު ދެކެމުން އައީ، ހެޔޮއެދޭ ރަނގަޅު ރައްޓެއްސެއްގެ ގޮތުގައެވެ. އެހެންނަމަވެސް ސަމްސުއްނިސާގެ އޮޅުވާލުން ވެގެން ދިޔައީ އޭނާގެ ހިތުގައި ސަމްސުއްނިސާއަށްޓަކާ ނަފުރަތު އުފައްދަން ފަހިވި މަގަކަށެވެ. އާނއެކެވެ. މިހާރު ޢަލީ ފިރާޤުގެ ހިތުގައި ސަމްސުއްނިސާއަށްޓަކާ ނަފުރަތު ނޫން އެހެން އެއްވެސް
އެއްޗެއް ނެތެވެ. ދަރިފުޅު އުރާލައިގެން ހުއްޓެއްކަމަކު، އެކުއްޖާއަށްޓަކާވެސް އޭނާގެ ހިތުގައި ކުލުނެއް އޮތްކަމާއިމެދު އަހަރެންގެ ހިތުގައި
ޝައްކު އުފެދެން ފެށިއެވެ. އިތުރު އެއްވެސް ސަބަބެއް ނެތެވެ. ޢަލީ ފިރާޤުގެ ހިތުގައި ސަމްސުއްނިސާއަށްޓަކާ އުފެދިފައިވާ ނަފުރަތެވެ. އެހެނަސް އެމަޢުސޫމު ކުއްޖާގެ އޮތީ ކޮން ކުށެއްހެއްޔެވެ؟ އަހަރެން ޢަލީ ފިރާޤާއި ގުޅެން ބޭނުންވާ އެއްސަބަބަކީވެސް އެއީއެވެ. އެދަރިފުޅުގެ ޙައްޤުގައި އަހަރެން، ޢަލީ ފިރާޤާއި ގުޅެން ޢަޒުމު ކަނަޑައެޅީމެވެ. ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް އެންމެ ރަނގަޅުކަމަށް ހިތުން ރުހުމުން ޤަބޫލުވެސް ކޮށްގެންނެވެ. ސަމްސުއްނިސާއަށްވެސް ކޮންމެވެސް ވަރަކަށް އެކަން އިހުސާސް ކުރެވެއެވެ. އަހަރެން އެކުއްޖާއާއި ޙަވާލު ނުވެއްޖެނަމަ އޭނާ ބިކަވާނެވަރު ސަމްސުއްނިސާއަށް އިހުސާސް ކުރެވެއެވެ.
ދަރިފުޅު އުރާލައިގެން ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު، ކުއްޖާ އަހަރެންގެ އަތަށް ދިއްކޮށްލިއެވެ. އަދި ހޮސްޕިޓަލަށް ދައްކަންޖެހޭ އެއްވެސް ބިލެއް އޮތްނަމަ އަންގާލުމަށްބުނެ، ޢަލީ ފިރާޤު ނިކުމެގެން ދިޔައީއެވެ. އަހަރެމެންގެ ކައިރިގައި މަޑުކޮށްލި ކުޑަ ވަޤުތުކޮޅުގެ ތެރޭގައި، ސަމްސުއްނިސާއާއި އަނގައިން ބުނެނުލާތަނުގާ، އިސް އުފުލާ ބަލައިވެސް ނުލިކަން ޚުދު ސަމްސުއްނިސާވެސް ފާހަގަ ކުރިއެވެ. އެހެނީ އޭގެފަހުން އެނޫން އެހެން އެއްވެސް ވާހަކައެއް ސަމްސުއްނިސާއަކަށް ނުދެއްކުނެވެ. އެންމެފަހުން އަހަރެންގެ ބޮލަށް އުނދަގޫވާން ފެށިއެވެ. އަދި ވަރަށް ހަރުކަށިކޮށް ސަމްސުއްނިސާއާއި ދިމާއަށް އެހެން ބުނީމެވެ. އަހަރެންގެ ބޮލަށް އުނދަގޫވާ ވާހަކައެވެ. އެވަޤުތު އޭނާ އަހަރެންނާއި ކޮށްލީ ފައުޅުގާ ޖަވާބުދޭން ވަރަށް އުނދަގޫ ސުވާލެކެވެ. ”ނަފީސާ ނިކަން ތެދުތެދަށް ބުނެބަލަ. ނަފީސާވެސް ޢަލީ ފިރާޤު ދެކެ ވަރަށް ލޯބިވޭ ދޯ؟“ ”ތީދެން ކޮންކަހަލަ ސުވާލެއް؟ އަހަރެން އެންމެ ފަހަރަކުވެސް ޢަލީ ފިރާޤު ކައިރިޔަކު ނުބުނަން އޭނަދެކެ ލޯބިވެޔެކޭ.“ އަހަރެންގެ ޖަވާބު ސަމްސުއްނިސާ ބަލައިގަތީ ފާޑުކިޔާ ޒާތުގެ ހިނިތުން ވުމަކުންނެވެ. އޭގެ އިތުރަކަށް އެއްވެސް އެއްޗެއް ސަމްސުއްނިސާއެއް ނުބުނެއެވެ. އެހެނީ އެކަމާ ބަހުސްކޮށް އިތުރަށް ވާހަކަ ދައްކަން އެމާޙައުލު ކަމުނުދާކަން ޚުދު ސަމްސުއްނިސާއަށްވެސް ވިސްނެއެވެ. އެތަނުގެ ތެރެއިން އިވެމުންދިޔައީ، ތުއްތުކުދިންގެ ރުއިމުގެ އަޑާއި ބައެއް އެހީތެރިންގެ އުފަލާ މަޖަލުގެ އަޑުތަކެވެ. އަހަރެމެން ފަދަ ހަދާނެގޮތް ހުސްވެފަތިބި ދެމީހަކު އަމިއްލަ ދިރިއުޅުމާއިމެދު މަޝްވަރާ ކުރުމަށްވުރެ، އެމާހައުލު މާ އުފާވެރިއެވެ. މުޅިތަން އޮންނަނީ ގިނަ ވަޤުތު ހަލަބޮލިކަން މަތީގައެވެ. އެހެންނަމަވެސް އަހަރުމެންގެ ފިކުރާއި ކަންބޮޑުވުން މިހާރު އެތަނުގައި ތިބި ގިނަ މީހުންނަށް ވިސްނޭކަހަލައެވެ. އެހެނީ އެއްބައެއްގެ ކަޅި އަހަރެމެންނާއި ދިމާއަށް ހަމްދަރުދީގެ ނަޒަރުން އަމާޒުވާއިރު، އަނެއްބަޔަކު ބަލަނީ މަލާމާތުގެ ޒާތަކަށެވެ. ބައެއް މީހުން ޙަޤީޤަތް އޮޅުންފިލުވަންވެސް ބޭނުންވާ ކަހަލައެވެ. ވާނީވެސް އެހެންތާއެވެ. ސަމްސުއްނިސާ ވޯޑަށް ގެނައިފަހުން އެމީހުންނަށް ފެންނަމުންދިޔައީ މުޅިން ތަފާތު މަންޒަރުތަކެކެވެ. ނައްސި ވިސްނުމަކުން ވިސްނަން އެމީހުންނަށް މަޖުބޫރު ކުރުވާފަދަ އެތައް ކަމެކެވެ. ކޮންމެ މީހެއްގެ ދިރިއުޅުމުގެވެސް ކިބަޅި ފަރާތަށް ބޯދިއްކުރުމުގެ ޙައްޤު އެއިން ކޮންމެ މީހަކަށްވެސް ލިބިގެންވާކަން އެމީހުން ޤަބޫލުކުރުމަކީ، އިންސާނީ ޠަބީއަތުގައި ހުންނަ ސިފައެއްތާއެވެ. އެގޮތުން އެއިން ކޮންމެ މީހަކުވެސް ކަންކަން އޮޅުންފިލުވަން ބޭނުންވާނެކަން އަހަރެންވެސް ޤަބޫލުކުރަމެވެ. އެހެނަސް އެއީ އަހަރެމެން ދެމީހުންކުރެ އެކަކަށްވެސް އައު ކަންތައްތަކެއް ނޫންތާއެވެ. އެހެނީ އަހަރެމެންގެ މުޅި ޙަޔާތް ވޭތިކޮށްފައިމިވަނީ، އެހެންމީހުންގެ ފާޑުކިޔުމާއި ފުރައްސާރައާއި އެކުގައެވެ. އެއީ އަހަރެމެންގެ ދިރިއުޅުމުގެ މުހިންމު ހިއްސާއެއްގެ ގޮތުގައެވެ. އަހަރެމެންނަކީ އެކަހަލަ ހަމަލާތަކަށް ރައްދުދެވޭ ވަރަށް ތަމްރީނުވެސް ލިބިގެން ތިބި ބައެކެވެ. ދިރިއުޅުމުގެ ތަޖުރިބާއިން ލިބިފައިވާ ފިލާވަޅުތަކުގެ އަލީގައެވެ.
ސަމްސުއްނިސާގެ އެސުވާލަށް އަހަރެން ދިން ޖަވާބާއިއެކު ދެމީހުންވެސް ތިބީ އަމިއްލަ ހިޔާލާއި ވިސްނުމުގެ ތެރެއަށް ގެއްލިފައެވެ. އެވަޤުތު އަހަރެން ސިއްސައިގެން ދިޔައީ ދައްތާއޭ ކިޔާފައި ކޮންމެވެސް ކުއްޖަކު ގޮވާލި އަޑަށެވެ. ހަމަޖެހިލާފައި ބަލައިލިއިރު، ކައިރީގައި ހުރީ ނަރުސް ކުއްޖެކެވެ. ސަމްސުއްނިސާ ގެއަށް ފޮނުވާލުމުގެ ކަންކަން ނިމުނުހާ އަވަހަކަށް އަންގާލާނެކަމަށް އެކުއްޖާ ބުންޏެވެ. އޭގެ ކުރިން ޑޮކްޓަރ ދުރުވެ ސަމްސުއްނިސާއާއި ކުއްޖާ ރަނގަޅަށް ބައްލަވާނެ ކަމަށްވެސް އެނަރުސްކުއްޖާ ބުންޏެވެ. އަދި ހުރިހާކަމެއް ރަނގަޅު ކަމަށްވާނަމަ މިއަދު ގެއަށް ދެވޭނެ ކަމަށްބުނުމަށްފަހު، އޭނާ ދިޔައީއެވެ. ހަމަޖެހުމުގެ ފުން ނޭވާއެއް ލުމާއިއެކު، އަހަރެމެން ތިބި ވޯޑަށް ވަށައިގެން ބަލައިލީމެވެ. އެންމެންގެ ކަޅި ކަހަލަ ގޮތަކަށް ތިބީ އަހަރެމެންނަށް އަމާޒުވެފައެވެ. އެވަޤުތު އަހަރެމެންގެ އެނދާއި ޖެހިގެން ހުރި އެދުގެ އެހީތެރިޔާ ތެދުވެގެން އަހަރެންގެ ކައިރިއަށް އައެވެ. މެދު އުމުރުފުރައެއްގެ އަންހެނެކެވެ. ލާފައި ހުރި ދިގުހެދުމުގެ ފެންވަރަށް ބަލާނަމަ ފުދޭވަރަކަށް ތަނަވަސް މީހެއްހެން ހީވެއެވެ. ބަލާބެލުމަށް އެއީ ވިހައިގެން އޮތް މީހާގެ މަންމައެވެ. އޭނާ އިށީންދެގެން އިން ގޮނޑި، އަހަރެންގެ ގޮނޑި ކައިރީގައި ބަހައްޓާލިއެވެ. އެހެންނަމަވެސް އިތުރު އެއްޗެއް ބުނުމުގެ ކުރިން ތެދުވެލާފައި، ކުޑަމީހާއާއި ދިމާއަށް ބޯދިއްކޮށްލިއެވެ. ވަރަށް ރަނގަޅަށް ބަލައިލުމުގެ ނިޔަތުގައި ކަހަލަ ގޮތަކަށެވެ. އެއަށްފަހު، އަނެއްކާވެސް އަހަރެންގެ ކައިރީގައި އައިސް އިށީނެވެ. ”ކޮންނަމެއްތަ ކިޔަނީ؟“ އޭނާގެ ސުވާލު ޢަމާޒުވީ އަހަރެންނަށެވެ. ”ނަފީސާ.“ އަހަރެން ބުނެލީމެވެ. ”މިއީ އެއްބަނޑު އެއްބަފާ މީހެއްތަ؟“ ދަތްދޮޅި ހިއްލާލުމާއިއެކު ބޮލުގެ ޢިޝާރާތުން ސަމްސުއްނިސާއާއި ދިމާއަށް ޢިޝާރާތް ކޮށްލިއެވެ. ”ނޫން. އެކަމަކު ތިމާގެ މީހެއް.“ އަނެއްކާވެސް އަހަރެން ޖަވާބު ދިނީމެވެ. އޭނާ އިނީ ވަރަށް ހިތްހެޔޮ ގޮތަކަށް ހީނލައިގެންނެވެ. އަހަރެންވެސް ޖަވާބުދިނީ ހިނިތުން ވުމަކާއިއެކުގައެވެ. ”އޭނައަށް ކިޔަނީ ކޮންނަމެއްތަ؟“ އެއަންހެން މީހާ ސުވާލު ކުރިއެވެ. ”ސަމްސުއްނިސާ.“ ”މިއީ އޭނާގެ ކިތައްވަނަ ދަރިފުޅުތަ؟“ އަހަރެން ކޮންމެވެސް ވަރަކަށް ޖެހިލުންވާ ގޮތްވިއެވެ. ނޫސްވެރިޔަކު ސުވާލުކުރާހެން ހުރިހާ ސުވާލެއް ކުރަން ފެށުމުންނެވެ. އަހަރެން ސަމްސުއްނިސާއާއި ދިމާއަށް ބަލައިލީމެވެ. އޭނާއަށް އޮތީ ނިދިފައެވެ. އެހެންކަމުން އެތަނުގައި އިތުރު މީހަކު އިންކަމެއްވެސް ސަމްސުއްނިސާއަކަށް ރެއަކާ ނުލިއެވެ. ރަނގަޅުވާނީވެސް އެގޮތް ކަމުގައި އަހަރެންނަށް ވިސްނުނެވެ. އެހެންނޫންނަމަ އޭނާގެ ކަންބޮޑުވުން އިތުރުވީހެވެ. އަހަރެން ހަމަޖެހިލާ ކަމަށް ހަދާލީމެވެ. އަދި އޭނާގެ ފަރާތުން އިތުރު ސުވާލުތަކެއް އައުމުގެ ކުރިން އަހަރެން އޭނާއާއި ސުވާލުކުރަން ގަސްތުކުރީމެވެ. ”އަހަރެންނާ ތިހުރިހާ ސުވާލެއް ކުރާއިރު އަދި އަމިއްލަ ނަމެއްވެސް ނުބުނަމެއްނު.“ ސަމާސާ ގޮތަކަށް ހީނލާފައި އަހަރެން ބުނެލީމެވެ. ”އަހަރެންނަށް ކިޔަނީ މަރިޔަމް ޢަލީ. ޢާންމުކޮށް ކިޔަނީ މަރިޔަމް މަނިކެ. އެންމެ ރަނގަޅު އެހެން ކިޔަސް.“ ވަރަށް ހަމަޖެހިލާފައި އޭނާ ޖަވާބު ދިނެވެ. އަހަރެން އިތުރު ސުވާލެއް ކޮށްލަން އަނގަހުޅުވާލި ވަޤުތު، މަރިޔަމްމަނިކެ އޭނާގެ ވާހަކަ ފެށިއެވެ. އަނެއްކާވެސް ސުވާލަކުންނެވެ. ”ނަފީސާމެން މާލެއެއް ނޫންދޯ؟“ އަހަރެން އަމިއްލަ ރަށުގެ ކުޑަ ތަޢާރަފެއް ދިނީމެވެ. އެއަށްފަހު ދެން އޭނާގެ އަސްލު ސުވާލުތައް ކުރަން ފެށިއެވެ. ”ނަފީސާ ބުނިގޮތުގަ މީ ސަމްސުއްނިސާގެ ފުރަތަމަ ދަރިފުޅު، އެކަމަކު ބަލާބެލުމަށް އެއަށްވުރެ ޢުމުރުން މާ ދޮށީހެން ހީވަނީ. ކީއްވެ އެހާ ލަހުން ކުއްޖަކު ހޯދީ؟“ އަހަރެންނަށް ބުނާނެ އެއްޗެއް ނޭންގުނު ކަހަލައެވެ. އަދި ވަށައިގެން ދެންތިބި މީހުންނަށް ބަލައިލެވުނެވެ. އެންމެން ކަހަލަ ގޮތަކަށް ތިބީ އަހަރެމެންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އަހަރެންވެސް ހަމަޖެހޭ ކަމަށް ދައްކަން މަސައްކަތް ކުރީމެވެ. ”ތަންކޮޅެއް ލަހުން ބައިވެރިޔަކު ލިބުނީމަތާ އެހާ ލަހުން ކުއްޖަކު ލިބޭނީ ދޯ.“ ސަމާސާ ރާގަކަށް އަހަރެން ބުނެލީމެވެ. ”މިތަނަށް އައިސް މިކުއްޖާ އުރައިގެން އެހުރީ މިކުއްޖާގެ ބައްޕަ ދޯ. އަހަރެން މިހެން މިބުނީ އެމީހާޔާ މީނަ ވައްތަރު ގޮތެއް ހުރީމަ. އަނެއްކާ ރަނގަޅަށްތަ މިހީކުރެވުނީ؟“ އޭނަވެސް ސަމާސާ ކޮށްލާ ކަހަލަ ގޮތަކަށް ސުވާލުކުރިއެވެ. ”ތި ހީކުރީ ރަނގަޅަށް. އެއީ މީނަގެ ބައްޕަ. އެހެންވީމަ ވައްތަރު ގޮތެއްވެސް ހުންނާނެތާ ދޯ.“ އަހަރެން ހީނލާފައި ޖަވާބު ދިނީމެވެ.
އެވަޤުތު އެތަނަށް ޑޮކްޓަރ ޒިޔާރަތް ކުރެއްވުން އެއީ އަހަރެމެންގެ ނަސީބޭ ބުންނަސް ދޮގަކަށް ނުވާނެއެވެ. އެހެނީ އޭނާއަށް އިތުރު ސުވާލެއް ކުރަން މަޑުކުރަން ނުކެރި އެތަނުން ތެދުވެގެން ދިޔައީއެވެ. ކޮންމެއަކަސް ޑޮކްޓަރ ދުރުވެ ސަމްސުއްނިސާއާއި ކުޑަމީހާ ބެއްލެވުމަށްފަހު ހުރިހާ ކަމެއް ރަނގަޅުކަމަށް ބުނުއްވިއެވެ. އެދުވަހު ގެއަށް ފޮނުވާލާނެ ކަމަށްވެސް ޑޮކްޓަރ ބުނުއްވިއެވެ. ސަމްސުއްނިސާގެ ލޭގެ ހިނގުންވެސް މިހާރު ހަމައަކަށް އެޅިފައި ހުރީތީވެސް މެއެވެ. ޢަލީ ފިރާޤުއަށް އެކަން އަންގާލުމަށް އަހަރެން ބޭނުންވިއެވެ. އެހެންނަމަވެސް އެކަން ކުރާނީ ކިހިނަކުން ހެއްޔެވެ. އޭނާގެ ގެ ހުންނަތަން ނޭންގޭއިރު، އަހަރެންނަކަށް އޭނާއަށް ގުޅޭނެ ނަންބަރެއްވެސް ލިބިފައެއް ނެތެވެ. ކުއްލިޔަކަށް އަހަރެންގެ ހަނދާނަށް އައީ އަހަރެމެންގެ އެހީތެރިޔާއެވެ. އޭނާގެ ނަންބަރަށް ގުޅާލަން ވިސްނައިގެން އަހަރެން ދިޔައީ ހޮސްޕިޓަލުގެ ކައުންޓަރު ކައިރިއަށެވެ. އެހިސާބަށް ދިއުމާއިއެކު، އަހަރެންނަށް ލިބުނީ ސިހުމެކެވެ. ކައުންޓަރު ކައިރީގައި ހުރި ގޮނޑިބަރިން ގޮނޑިއެއްގައި އަރިއަކަށް އިށީންދެލައިގެން ނިދިޖެހިފައި އެއިނީ، ޢަލީ ފިރާޤެވެ. އަހަރެން އޭނާގެ ކައިރިއަށް ގޮސް މަޑުމަޑުން ގޮވާލީމެވެ. ސިއްސައިގެންގޮސް ލޯ ހުޅުވާލިއެވެ. އަދި އަހަރެންނާއި ދިމާއަށް ބަލައިލުމާއިއެކު ފުންމައިގެން ތެދުވިއެވެ. ލިބުނު ހައިރާން ކަމާއިއެކީ އަހަރެންނަށް ކޮށްލެވުނީ ސުވާލެކެވެ. ”ޢަލީ ފިރާޤު އަދިވެސް ގެއަށް ނުދަނީތަ؟“ އަހަރެން ކުރި ސުވާލަށް ތެދުތެދަށް ޖަވާބުދޭން ނުކެރިފާ ހުރިކަހަލަ ގޮތަކަށް އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. އަހަރެން އަނެއްކާވެސް ގޮވާލީމެވެ. ”ފަހަރެއްގަ އެއްވެސް ކަމަކު ބޭނުންވެދާނެ ކަމަށް މަޑުކޮށްލީ. އަނެއްކާ ނަފީސާ މިތާ ތިއުޅެނީ ސަމްސުއްނިސާ ވިހޭންސުރެ އެކަނިމާ އެކަނި. އެހެންވީމަ ނަފީސާ އެކަނި ދޫކޮށްލާފަ ދާންވެސް ނުކެރުނީ.“ ޢަލީ ފިރާޤުގެ ޖަވާބު އައީ އަހަރެން އުންމީދު ކުރި ގޮތަކަށް ނޫނެވެ. އަހަރެން ހީކުރީ، އޭނާގެ ދަރިފުޅަށްޓަކާ މަޑުކޮށްލައިގެން އިނީ ކަމަށެވެ. ”އަހަރެން ހީކުރީ ދަރިފުޅަށްޓަކާ މަޑުކޮށްލައިގެން އިނީ ކަމަށް. އެކަމަކު…“ އަހަރެންނަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮން ޢަލީ ފިރާޤު އަނެއްކާވެސް އަހަރެން ބުނި އެއްޗަކަށް ރައްދު ދީފިއެވެ. ”ތެދުތެދަށް ބުނަންޏާ އަހަރެން މަޑުކުރީ ހަމަ ނަފީސާއަށްޓަކާ. އެކަމަކު ތިބުނާހެން އެއީވެސް ކުށެއްނެތް މަޢުސޫމު ފުރާނައެއް. އޭނައަށްވެސް ޙައްޤުތަކެއް ލިބިގެންވޭ. އަހަރެން އޭނައަށް ބޭނުންވާ ހައްޤުތައް ދޭނަން.
އެކަމަކު އަހަރެންގެ ނަން ރަސްމީކޮން އޭނާއަށް ދެވެން ނޯންނާނެކަން އަހަރެންވެސް ޤަބޫލުކުރަން.“ ޢަލީ ފިރާޤުގެ ވާހަކައިން އަހަރެންގެ އުންމީދުތައް އާވެގެން ދިޔައެވެ. އަދި ހިތަށް ހަމަޖެހުމެއް ލިބުނެވެ. ”އަހަރެން މިތަނަށް މިއައީވެސް ޢަލީ ފިރާޤުއަށް ގުޅޭނެ ގޮތެއް ހޯދަންވެގެން. ނަސީބެއްނު އިތުރު ފަރާތަކަށް ނުގުޅާ ފަރުޖެހުނުކަން. އެކަމަކު ހިއެއްނުކުރަން މިކަމުގަ ތިކަހަލަ ވިސްނުމެއް ގެންގުޅޭނެ ކަމަކަށް.“ ”އަދިވެސް އަހަރެން ނަފީސާއާއި ގުޅެން ބޭނުންވާ މިންވަރު ސާބިތުކޮށްދޭން ޖެހޭނެތަ؟ އަހަރެން ތި ކަނބަލަކު ދެކެ ލޯބިވާ މިންވަރު އަދިވެސް ނޭންގެނީތަ؟“ ފާޑަކަށް ހީނލާފައި ޢަލީ ފިރާޤު ބުނެލިއެވެ. އަހަރެންގެ ހިތުތެރޭގައި އުފެދުނީ ޒާތެއްގެ ލަދުވެތި ކަމެކެވެ. އަދި އިސްދަށަށް ޖަހާލުން ފިޔަވާ އެހެން އެއްވެސް ހަރަކާތެއް އަހަރެންނަކަށް ނުގެނެވުނެވެ. ”ދެން ބުނެބަލަ، އަހަރެން ހޯދަން ތިއުޅެނީ ކަމަކުތަ؟“ އަހަރެން އެތަނަށް އައި މަޤުޞަދު ހަނދާންވީ ޢަލީ ފިރާޤުގެ އެސުވާލުންނެވެ. ”އާން. ޑޮކްޓަރ ދުރުވެ ސަމްސުއްނިސާޔާ ދަރިފުޅު ބައްލަވާފަ ބުނުއްވީ މިހާރު ގެއަށް ފޮނުވާލަން ވިއްޔޯ. ހޮސްޕިޓަލަށް ދައްކަން ޖެހޭ ބިލްތައްވެސް ހުންނާނެތާ ދޯ. ދެން އަނެއްކާ އަހަރުމެން ދާންވީ ކޮންތާކަށްތޯވެސް އަހަރެން ބަލާލަން ބޭނުން.“ އަހަރެން ބުނި އެއްޗަކަށް ޢަލީ ފިރާޤު ހިތްހަމަ ނުޖެހުން ފައުޅުކުރިއެވެ. ”ހޮސްޕިޓަލަށް ދައްކަންޖެހޭ ބިލެއް އޮތިއްޔާ އަހަރެން ހަމަ މިހާރުން މިހާރަށްވެސް ދައްކާ ޚަލާސްކުރާނަން. އެކަމަކު ދެން ތިކުރި ސުވާލަކީ ކޮންމެހެން ކުރަންޖެހޭނެ ސުވާލެއް ކަމަކަށް އަހަރެންނަކަށް ޤަބޫލެއް ނުކުރެވޭ. ހުންނާނެތަން ވާނީ ކުރިންވެސް ދައްކާފަ. ދެންވެސް ދާނީ ހަމަ އެތަނަށް.“ ”އަހަރެން އެސުވާލު މިކުރީ ކޮންމެހެން ޢަލީ ފިރާޤުގެ ހިތުގަ ހިތްހަމަ ނުޖެހުމެއް އުފައްދާކަށް ނޫން. ފޫޅުމާ ފޯރމުގައި ސޮއިކުރި ހިސާބުން ޢަލީ ފިރާޤަކީ ބުނާ ބަހުގަ ހިފަހައްޓާ އަދި އިތުބާރު ހިފޭނެ މީހެއްކަން އަހަރެންނަށް އެނގިގެން ހިނގައްޖެ. އެހެން މިއަހާލީ މިއަދު ދަރިފުޅު އުރާލައިގެން ހުރެ ދެއްކި ވާހަކަތަކުގެ ސަބަބުން ފަހަރެއްގަ އޭނަ އަމިއްލަ ގެއަށް ގެންދަން ބޭނުންވެދާނެ ކަމަށް ހީކޮށްލާފަ.“ ސަމާސާ ރާގަކަށް އަހަރެން ބުނެލީމެވެ. ”އިރާދަކުރެއްވިއްޔާ ތިކަންވެސް ކުރާނަން. އެކަމަކު އެދަރިފުޅު އަހަރުމެންގެ ގެއަށް ދާނީ އަހަރުމެން ދެމީހުންގެ ދަރިއެއްގެ ގޮތުގަ. އެކަން އެހެން ކުރުމަށްޓަކާ ކަންތައް ކުރަންވީގޮތްވެސް އަހަރެން ކިޔައިދޭނަން.“
ޑައިރީ ލައްޕާލާފައި އެއްފަރާތުގައި ބާއްވާލިއިރު، އަރުޝީގެ ދެލޯވަނީ ރޮއެރޮއެ ރަތްވެފައެވެ. އަރުޝީގެ ހިތުގައި އަނެއްކާވެސް އެތައް ސުވާލުތަކެއް އުފަން ކުރުވައިފިއެވެ. އަރުޝީގެ ހުރިހާ ރަސްމީ ލިޔުންތަކެއްގައި އޭނާގެ މައިންބަފައިން ކަމަށް ލިޔެފައިވަނީ ނަފީސާއާއި ޢަލީ ފިރާޤުގެ ނަމެވެ. އަރުޝީގެ އުމުރުން ހަތާވީސް އަހަރު ވީއިރުވެސް، އޭނާގެ ނަސްލު އައިސްފާ ވާގޮތުގެ ވާހަކަ އެއްވެސް މީހަކު އޭނާގެ ގާތުގައި ނުދެއްކީ ކީއްވެގެން ބާއެވެ؟ ނަފީސާއަކީ އޭނާގެ އަސްލު މަންމަ ނޫންކަން ހިނދުކޮޅަކަށްވެސް އިހުސާސްނުވީ ކީއްވެގެން ބާއެވެ؟ މިވޭތުވެދިޔަ ހަތާވީސް އަހަރުގެ ތެރޭގައި ސަމްސުއްނިސާ އަރުޝީއާއި ވާހަކަ ނުދެއްކީ ކީއްވެގެން ބާއެވެ. އަމިއްލަ ބަނޑުން އުފަންކުރިވި ދަރިޔަކު އެހެން މީހެއްގެ އަތްމައްޗަށް ދޫކޮށްލާނެ ހިތްވަރު ސަމްސުއްނިސާއަށް ލިބުނީ ކިހިނެއްބާއެވެ؟ ޙާލާތު ކޮންމެ ގޮތަކަށް އޮތަސް އެއްވެސް މަޔަކު އޭނާގެ ދަރިޔަކު އެހެން މީހެއްގެ އަތްމައްޗަށް ދޫކޮށްލާހާ ރަހުމުކުޑަ ވެދާނެބާއެވެ؟ ހައްތަހާވެސް ސުވާލެވެ. ޖަވާބު ހޯދަން ދާނީވެސް ވަކި ކޮންތާކަށް ހެއްޔެވެ؟ ޖަވާބުދޭން ހުރީވެސް ހަމަ އެމައިމީހާއެވެ. އެހެނަސް އެއީ އޭނާގެ އަސްލު މަންމަކަން ޤަބޫލުކުރާކަށް އަރުޝީ ބޭނުމެއް ނޫނެވެ. ކޮންމެގޮތަކަށް ކަންތައް ގޮއްސަ އޮތަސް އަރުޝީ ޤަބޫލުކުރަން ބޭނުންވަނީ ނަފީސާއަކީ އޭނާގެ މަންމަ ކަމުގައެވެ. އިތުރު މީހަކަށް މަންމަ ކިޔާކަށް އަރުޝީ ބޭނުމެއް ނޫނެވެ. މިހުރިހާ ވިސްނުމަކާއި ފިކުރެއްގެ ތެރެއަށް ގެއްލިފާ އިންދާ، ކޮންމެވެސް މީހަކު އޭނާގެ ކޮނޑުގައި އަތްއަޅާލިހެން ހީވެގެން ސިއްސައިގެން ދިޔައެވެ. ތެޅިގަތްފާ ބަލައިލިއިރު، ކައިރީގައި އިނީ ސަމްސުއްނިސާއެވެ. އަރުޝީއަށް ކުއްލިއަކަށް ދުރަށް ޖެހިލެވުނެވެ. ބޭއިޚްތިޔާރުގައެވެ. ”އަހަރެން ދިޔައީ ސިއްސައިގެން. ދެންވެސް ތިހެން އައިސް އަހަރެންގެ ގައިގަ އަތްނުލައްޗޭ.“ އަރުޝީއަށް ވާހަކަ ދެއްކުނީ ބޮޑާވެރި ގޮތަކަށްކަން ވިސްނުނު ކަހަލައެވެ. އެހެނީ އެހެން ބުނުމާއިއެކު، ސަމްސުއްނިސާއާއި ވާހަކަދައްކަމުން ގެންދިޔަ ރާގު ބަދަލުކުރަން އަރުޝީ މަސައްކަތްކުރިއެވެ. ސަމްސުއްނިސާ އިނީ ވަރަށްބޮޑަށް އަސަރުކޮށްފާކަންވެސް އަރުޝީއަށް އިހުސާސް ވުމާއިވެސް އެކުގައެވެ. ”އަހަރެންނަށް މަޢާފުކުރޭ. މާބޮޑަށް ޚިޔާލެއްގެ ތެރެއަށް ގެއްލިފަ އިންދާ އަތްލީމަ ސިއްސައިގެން ދިޔައީ.“ ސަމްސުއްނިސާއަށް ފުން ނޭވާއެއް ލެވުނެވެ. ”އެހެންވިއްޔާ މަޢާފަށް އެދެންޖެހޭނީ ދައްތައެއްނު.“ ”ނޫނޭ. މަޢާފަށް އެދޭނެކަމެއް ނެތް. އަހަރެންގެ މަންމަ އަބަދުވެސް ބުނާނެ ކޮންމެ ޙާލަތެއްގަވެސް ތިމާއަށްވުރެ ބޮޑެތި މީހުންނާ ވާހަކަ ދައްކަންވާނީ އަދަބުވެރިކޮންނޭ. އެހެންވެގެން އަހަރެން މަޢާފަށް މިއެދުނީ. ތިކޮޅުން މަޢާފަށް އެދޭނެކަމެއް ނެތް.“ އެހެން ބުނުމާއިއެކު، އަރުޝީ އެނދުން ތެދުވަން މަސައްކަތް
ކުރިއެވެ. ޑައިރީ ނަގާ އަތަށް ލައިގެންނެވެ. އެވަޤުތު ސަމްސުއްނިސާގެ ނަޒަރު އެޑާއިރީއަށް ގޮސް ހުއްޓުނެވެ. ”ތިޔައީ އަރުޝީގެ މަންމަ ދިން ފޮތްދޯ؟ މިހާރު ކިޔާލައިފިންތަ؟ ކީކޭތަ ލިޔެފަ އޮތީ؟“ އަރުޝީގެ އެތެރެހައްޓަށް ހޫނުފެން އެއްޗެއް އަޅާލިކަހަލައެވެ. އޭނާގެ މޫނުމަތި އެއްކޮން ރަތްވެގެން ދިޔައެވެ. އެހެންނަމަވެސް އަރުޝީ މަސައްކަތްކުރީ ހަމަޖެހިގެން ހުންނާށެވެ. ހަމައެހެންމެ އޭނާގެ ހިތުގައި ސަމްސުއްނިސާއަށްޓަކާ އޮތް ނަފުރަތު އިތުރުވާންވެސް ފެށި ކަހަލައެވެ. އަރުޝީގެ ހިތުގައި އުފެދިފައި ހުރި އެތައް ސުވާލުތަކެއްގެ ޖަވާބު ހޯދަންވެސް ބޭނުންވި ކަހަލައެވެ. އެހެންނަމަވެސް އަރުޝީއަށްވަނީ، އޭނާގެ މަންމަގެ ފަރާތުން ކެތްތެރިކަމުގެ ރީތި ސިފަ ދަސްވެފައެވެ. އެގޮތުގެ މަތިން އެވަޤުތުވެސް އޭނާ އިސްކުރީ ކެތްތެރި ކަމާއިއެކީ ހަނުހުންނާށެވެ. އާނއެކެވެ. އަރުޝީ، ސަމްސުއްނިސާއާއި ސުވާލުކުރަން ބޭނުމެވެ. އެހެނަސް އެއީ އެންމެ ރަނގަޅު ވަޤުތު ނޫންންކަމުގައި އޭނާގެ ހިތްބުނަމުން ގެންދިޔައެވެ. ސަމްސުއްނިސާ އޭނާގެ މައެއްގެ ގޮތުގައި ބަލައިގަތުމަކީ ނާދިރު ކަމެއްކަމުގައިވެސް އަރުޝީގެ ހިތް ބުނަމުން ގެންދިޔައެވެ. އެހެނަސް ތަޤުދީރުގެ ނިޔާއަކީ ހިތުގައި ކުރަހާލެވޭ ތަދުބީރަކުން ބަދަލުކުރެވޭނެ އެއްޗެއް ނޫންތާއެވެ. ކުރިމަގުގައި ކަންއޮތީ ކޮންމެ ގޮތަކަށްވިޔަސް މަންމަގެ މަގާމު ސަމްސުއްނިސާއަށް ދޭކަށް އަދިއެއް އަރުޝީގެ ހިތެއް ނުރުހެއެވެ. މާޒީގައި ފޮރުވިފައިވީ ޙަޤީޤަތް އެނގުމުން ދެންވާނެގޮތެއް ނޭންގެއެވެ.
އެހުރިހާ ޚިޔާލުތަކުން ދުރަށް ޖެހިލާފައި ސަމްސުއްނިސާ ކުރި ސުވާލަށް ކޮންމެސް ޖަވާބެއް ދޭން އަރުޝީ ނިންމިއެވެ. ”އަދި އެއްކޮން ކިޔާ ނުނިމޭ. ކިޔާ ނިމުނީމަ ބުނާނަން މަންމަ ލިޔެފައޮތީ ކީކޭކަން. ތަންކޮޅެއް ރަނގަޅަށް ކިޔައިދޭންވެސް އެނގޭނީ އޭރުންހެން ހިވަނީ. އެދުވަހެއް އަންނަނަދެން ކެތްކޮށްލާ.“ އަރުޝީގެ މުޚާތަބު ކުރުމުގައި ތަންކޮޅެއް ރުންކުރުގޮތެއް ހުންނަކަން ސަމްސުއްނިސާ އޮތީ މީގެ ކުރިންވެސް ފާހަގަ ކޮށްފައެވެ. އެކަމާއި ބެހޭގޮތުން މީގެ ކުރިން އަރުޝީއާއި ސުވާލު ނުކުރިކަމުގާއި ވީނަމަވެސް މެއެވެ. އެހެންނަމަވެސް މިއަދަކު ސަމްސުއްނިސާއަކަށް ކެތެއް ނުވިއެވެ. އޭނާގެ އެތެރޭގައިވާ މައިވަންތަކަން ހޭލިކަހަލައެވެ. ”އަހަރެންނަށް ފާހަގަކުރެވޭ މިހާރަކަށް އައިސް އަރުޝީ ދައްތަޔާ ވާހަކަ ދައްކާއިރު ތަންކޮޅެއް ރުންކުރު ގޮތެއް ހުންނަކަން. ހީވަނީ ކޮންމެސް ކަމަކާ ދައްތަޔާމެދު ހިތްހަމަ ނުޖެހިފަ ހުންނަހެން. އަނެއްކާ އަރުޝީ ހިތްހަމަ ނުޖެހޭވަރުގެ ކަމެއް ދައްތައަށް ކުރެވުނީތަ؟“ އަރުޝީ ފާޑަކަށް ހީނލާފައި ސަމްސުއްނިސާގެ ސުވާލަށް ޖަވާބުދިނެވެ. ”ހިތްހަމަ ނުޖެހުމެއްގެ ތެރެއިން އުފަންވެފަހުރި މީހަކު ދެން އެހެން މީހަކާ ދޭތެރޭގަ ފާޅުކުރާނެ ހިތްހަމަނުޖެހުމެއް އޮންނާނެހެން ހީވޭތަ؟“ އެހެން ބުނެލުމާއިއެކު އަރުޝީ އެތަނުން ތެދުވެގެން ދިޔައީއެވެ. ސަމްސުއްނިސާގެ ހިތުގައި އެތައް ސުވާލުތަކެއް އުފައްދާފައެވެ.
- ނުނިމޭ –






