ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް މީޑިއާ ފެންޑާގެ ބޭނުން ހިފަމުން ނުދާތީ، މިއަދުން ފެށިގެން، އެ ފެންޑާ އުވާލައްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
މި ފެންޑާއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ހޯދައި، މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރީން ތިބުމަށް ޚާއްޞަކޮށްގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި ހެދިތަނެކެވެ. އެތަން ހުޅުވާފައިވަނީ ވަނީ 2025 ވަނަ އަހަރު މެއި 29 އެވެ. ހުޅުވިފަހުން ފާއިތުވި ދުވަސްތަކުގައި ވެސް އެތަން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ބޭނުން ހިފަމުން ނުގެންދާކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެެވެ.
އެ އުޞޫލުގެ ދަށުން، މީޑިއާ ފެންޑާ ބޭނުން ކުރަން ރާއްޖޭގެ މީޑިއާތަކުން ކަނޑައެޅި ނޫސްވެރީންނަށް އެތަން ބޭނުންކުރުމުގެ ރަސްމީ ހުއްދަ ދޫކޮށްފައިވީ ނަމަވެސް، އެ ހުއްދަ ހޯދާފައި ނުވާ ބަޔަކު، ނޫސްވެރީންގެ ނަމުގައި މީޑިއާ ފެންޑާއަށް ވަދެ، އެ ތަން ބޭނުންކުރުމުގެ އުޞޫލުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދާކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެ ކަމުގެ ސަބަބުން، އެ ތަނުގައި ތިބެ ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށްވެސް ނުކުރެވޭކަމުގެ ޝަކުވާ، އެތަން ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާ ބައެއް ނޫސްވެރީން ކޮށްފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
ގްރީން ޒޯންގައި ހުންނަ މިތަނުގައި ޢާންމު މަޞްލަޙަތު ގެއްލޭ، އަދި ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ކުރަމުން ދިއުމުގެ ސަބަބުން، އެސަރަޙައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާކަން ވެސް ފާހަގަކުރައްވާފައިވެއެވެ.
ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެ ތަނުގައި ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭގޮތަށް ޢަމަލުކުރަމުން ދިއުމަކީ، މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި ޢާއްމުކޮށްފައިވާ އުޞޫލުގެ ބައެއް މާއްދާތަކާ ޚިލާފު ޤާނޫނީ ކުށެއް ކަމުގައިވެސް ފާހަގަކުރައްވާފައިވެއެވެ.
މީޑިއާ ފެންޑާ އުވާލެއްވި ކަމުގައިވިޔަސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެ ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ކަވަރުކުރުމުގެ އިންތިޒާމު، އެ ކަމަށް ބޭނުންވާ ނޫސްވެރީންނަށް އެހެން ގޮތަކަށް ހަމަޖައްސައިދެއްވާނޭކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.






