މަސްތުވާތަކެއްޗާއި މަނާ ބޭސްތަކަކާއެކު އަންހެނަކާއި ތިން ފިރިހެނުން ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަން ހިންގީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެނެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކުރީ ދިވެހި އަންހެނަކާއި ދިވެހި ފިރިހެނެއްގެ އިތުރުން ބިދޭސީ ދެ ފިރިހެނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހމ. މާވަހަރު، ޝާނާ، 32، އާއި ށ. ފޭދޫ، މާވަސްގެ، އަހުމަދު ސައްފާން، 26، އާއި ބަންގްލަދޭޝް، ފާރޫކު ޗޮކީދާރު، 50، އާއި ބަންގްލަދޭޝް، ސަފިކް، 40، އެވެ.
އޮޕަރޭޝަނުގައި ބަލައިފާސްކުރި ދެ ތަނުން އަތުލައިގަތީ މަސްތުވާތެކެތި ކަމަށް ބެލެވޭ 24.06 ގްރާމުގެ ތަކެއްޗާއި 363 ގުޅަ މަނާ ބޭހުގެ އިތުރުން ކުށް ކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 4،500 ރުފިޔާ އެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝާނާ ގެ ބަންދަށް 10 ދުވަސް އަދި ދެންތިބި ތިން މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ.






