އާއިލާމީހަަކަށް އަނިޔާދީ ބިރުދެއްކި މައްސައަލާއާއެކު 5 ދައުވާއެއްގައި ޖަޒީލް ޖަލަށް

މުހައްމަދު އަލީ
ސެޕްޓެމްބަރ 29, 2025

އާއިލާމީހަަކަށް އަނިޔާދީ ބިރުދެއްކި މައްސައަލާއާއެކު ފަސް މައްސަަލައެއްގައި، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމާފުޅު، މަރިޔަމް ޒުބައިރު (މަންދީ)އަށް ހަމަލާދިން، މ. ހަނީކޯމްބް އަހުމަދު ޖަޒީލް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެދަށުން ކުރި، މީހެއްގެ ފުރާނައަށް ނުވަތ ހަށިގަނޑަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ތިން ދައުވާ އާއި އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާއެވެ.

މީގެ ތެރެއިން މީހެއްގެ ފުރާނައަށް ނުވަތ ހަށިގަނޑަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާގައި ތިންމަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް، އަދި އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާގައި ދެ މަސްދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

އަނިޔާއެއް ދިނުމުގެ ކުށުގެ ތިން ދައުވާގެ ތެެރެއިން އެއްދައުވާގައި ނުވަ މަސްދުވަހުގެ މުއްދަތަށް، އަނެއް ދައުވާގައި ހަތަރުމަސްދުވަހުގެ މުއްދަތަށް އަދި، އަނެއް ދައުވާގައި އެއް އަހަރާއި ހަތްމަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

މި ލިޔުމާ ގުޅޭ