އެމްޑީޕީން އޮކްޓޯބަރު ތިންވަނަ ދުވަހު މާލޭގެ މަގުތަކަށް ނުކުންނަ ސަބަބު ކުރީގެ ސްޓޭޓު މިނިސްޓަރ އަކްރަމް ކަމާލުއްދީން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވިދާޅުވެ ދެއްވައިފިއެވެ. އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި އަކްރަމް ވިދާޅުވެފައިވަނީ އޮކްޓޯބަރު ތިނެއްގައި ނުކުންނަނީ 110 ބިލިއަން ރުފިޔާ ބަޖެޓުން ހުސްކުރިއިރު އެއްވެސް ފައިދާއެއް ރައްޔިތުންނަށް ނުވީތީ ކަމަށެވެ. އޭގެ އިތުރުން އެންސްޕާއިން 35 މިލިއަން ރުފިޔާ ވަގަށް ނަގައިގެން މުއިއްޒު ޕްރޮމޯޓް ކުރަން ޓީވީ ޗެނަލް ހެދީތީ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
”އޮކްޓޯބަރު 3 ގައި މި ނުކުންނަނީ އާސަންދައަށް ދަތިކޮށް ބޭސް ސިޓީއަށް ސަލާން ޖަހަން މަޖުބޫރު ކުރީތީ. ގާނޫނާ ހިލާފަށް ފަނޑިޔާރުން ވަކިކޮށް ސުޕްރީމް ކޯޓު ފުނޑާލީތީ. ކަރަންޓު ބިލުތައް ބޮޑުކޮށް ރައްޔިތުން ފެލަމުންދާތީ. ރައްޔިތުން އިންތިހާބު ކުރި މަންދޫބުން އަޅުވެތިކޮށް ރައްޔިތުންގެ ބާރު ފޭރިގަންނާތީ. އޮކްޓޯބަރު 3 ގައި މި ނުކުންނަނީ ހައްގަކުން ހައްގަކުން ލޫޓުވަމުން ގޮސް ރައްޔިތުން އަޅުވެތި ކުރަމުންދާތީ. އޮކްޓޯބަރު 3 ގައި މި ނުކުންނަނީ ރަސްމާލެ ހިއްކުމުގެ ނަމުގައި ބިލިއަން ރުފިޔާގެ ދަރަނި ނަގައި އިސްރާފު ކުރަމުންދާތީ،“ އަކްރަމް ވިދާޅުވެފައިވެއެވެ.
މީގެ އިތުރަށް އޭނާ ވިދާޅުވެފައިވަނީ ދިވެހި އަސްކަރިއްޔާއަށް ޑްރޯން ގަތުމުގެ ނަމުގައި 560 މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިންގާފައިވުމީވެސް އޮކްޓޯބަރު ތިނެއްގައި ނުކުންނަ ސަބަބެއް ކަމަށެވެ. އަދި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލީ ޒަރޫރީ ބޭނުންތައް ނުފުއްދޭ ހިސާބަށް ކަންކަން ހިނގައްޖެމަށާއި، ޚިޔާލާއި ފިކުރުގައި ތަޅު އަޅުވައި މިނިވަން ނޫސްވެރިކަން ސަރުކާރުން މަރާލީތީ ވެސް ނުކުންނަން ޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ. ”އޮކްޓޯބަރު 3 ގައި މި ނުކުންނަނީ ކައުންސިލް އެޅުމަށް ނު އަގުގައި RCC އަށް ދިން 631 މިލިއަން ރުފިޔާ އިން ބައެއް ރިސްވަތުގެ ގޮތުގައި ނަގާތީ،“ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ މި އެއްވުމުގައި ހަމަޖެހުން ނަގާލަން ރާވާފައިވާ ކަމަށާއި އެފަދަ ހާލަތެއްގައި މުޒާހަރާ ނުވަތަ އެއްވުން ހުއްޓުވާނޭ ކަމުގެ އިޝާރާތެއް ފުލުހުން ދީފައިވާ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.






