ފުލުހުންގެ ތުހުމަތުތަައް ދޮގުކޮށް "ލޫޓުވައިފި ލޫޓުވައިފި" އެއްވުމަށް ހުރަސްނާޅަން ގޮވާލައިފި

މުހައްމަދު އަލީ
އޮކްޓޯބަރ 1, 2025

އަންނަ ހުކުރު ދުވަހުގެރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބާއްވާ ބޮޑު އެއްވުމުގެ ތެރެއަށް ކުށްކުރާ ގުރޫޕުތައް ނެރެ މާލެތެރެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް، ފުލުހުން ކޮށްފައިވާ ތުހުމަތުތައް އެމްޑީޕީން ދޮގުކޮށްފިއެވެ.

ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ފުލުހުން ހުއްދަ ދީފައިވާ ރޫޓުގެ ބޭރުން، ސިޔާސީ ފަރާތްތަކުން ބާއްވާ އެ ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި، ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ، މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދޭން ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ތުހުމަތުތައް ދޮގުކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުކުރު ދުވަހުގެ ރޭ ބާއްވާ ”ލޫޓުވައިފި ލޫޓުވައިފި“ ހަރަކާތަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމުގެ ޔަގީންކަން ދޭ ކަަމަށެވެ. އަދި ފުލުހުންގެ ބަޔާނަކީ އެ އެއްވުމަށް ހުރަސް އެޅުމަށް ކޮށްފައިވާ ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ބަޔާނެއް ކަމަށެވެ.

އެ ހަރަކާތާ ގުޅޭ މައުލޫމާތު ދިނުމަށް ސެޕްޓެމްބަރު 28 ވަނަ ދުވަހު އެމްޑީޕީން ފުލުހުންނާ ބައްދަލުކޮށްފައިވާނެ ކަމަށާއި، ހަމަ އެ ދުވަހު އެއްވުން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަގުތަކާއި ރޫޓުގެ ތަފްސީލު ހިމަނައި ލިޔުމުން އަނގާފައިވާކަމަށްވެސް ބުނެފައިވެއެވެ. އެ ރޫޓަށް އެއްވެސް ބަދަލެއް އެމްޑީޕީން ގެނެސްފައި ނުވާއިރު ފުލުހުން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް ހަރަކާތް ކުރިއަށްގެންދާނެ ކަމަށް އަންގާފައި ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

”އެމްޑީޕީން ބާއްވަން ހަމަޖެހިފައިވާ ސުލްހަވެރި ސިޔާސީ ހަރަކާތް ހަލަބޮލިކޮށް، ހަމަނުޖެހުން ހިންގުމަށް މުއިއްޒުގެ ސަރުކާރުން ކުށްކުރާ ގްރޫޕްތަކަށް ފައިސާ ދީގެން އެ ގްރޫޕްތައް ނެރުމަށް ކުރަމުންދާ މަސައްކަތްތައް ކުށްވެރި ކުރަމެވެ. މާލޭގައި ކުށްކުރާ ގްރޫޕުތައް ނެރެގެން އެއްވުމަށް ހުރަސް އެޅުމަށް މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަސައްކަތް ކުރަމުންދާކަން މި ޕާޓީން ފުލުހުންނަށް އެންގުމުން އެމްޑީޕީގެ ބޮލުގައި އެ ތުހުމަތު އެޅުވުމަށް މަސައްކަތް ކުރުމަކީ ހިތާމަވެރި ކަމެކެވެ.،“

މާލެ ތެރެ ހަލަބޮލިކޮށް މުދަލަށް ގެއްލުން ދިނުމަށް މުއިއްޒުގެ ސަރުކާރުން ފައިސާ ދީފައިވާ ގްރޫޕުތަކުގެ އަމަލުތައް ހުއްޓުވައި އެއްވުމުގެ ބައިވެރިންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް އެމްޑީޕީއިން ފުލުހުންނަށް ވަނީ ގޮވާލައިފައެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް މުއިއްޒު އަންގަވައިގެން ހުރަސް ނޭޅުމަށްވެސް ލުހުންނަށް ވަނީ ގޮވާލައިފައެވެ.

މި ލިޔުމާ ގުޅޭ