ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީގެ ސާމާނު ހިފައިގެން ދަތުރުކުރަމުންދިޔަ ގްލޯބަލް ޞުމޫދު ފްލޯޓިއްލާއަށް، އިސްރާއީލުން ހަމަލާދީ ހުރަސްއެޅުމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކަން ކުށްވެރިކުރައްވައިފިއެވެ.
ރައީސްގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި، ވިދާޅުވެފައިވަނީ އިޒްރޭލުގެ އެ ހަމަލާއަކީ ބިރުދެއްކުމުގެ ހަމަލާއެއް ކަމަށެވެ. އެހެން ކަމުން އެކަން ބަލައިނުގަނެވޭނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އިންތިހާއަށް އެހީއަށް ބޭނުންވެފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކުރަމުންދިޔަ މަދަނީ ބަޔަކަށް ހަމަލާދީ، ހިސާރުކުރުމަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ. އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާވެސް ޚިލާފުކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އިސްރާއީލުން ކެނޑިނޭޅި އިންސާނީ ކަރާމާތަށް އަރައިގަތުމުގައި އެއްވެސް ހައްދެއް ނެތްކަމަށާއި، ރަޙުމާއި ހަމްދަރުދީ އެއްފަރާތްކޮށް އިސްރާއީލުން ހިންގާ މިއަނިޔާވެރިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައި އިސްރާއީލު ބާކީވެގެންދާނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ހަމަތަކާއި، އިންސާނިއްޔަތާއި ދެކޮޅަށް ކެނޑިނޭޅި ހިންގަމުންދާ ޖަރީމާތަކާއި މެދު ޖަވާބުދާރީކުރުވުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އަނެއްކާވެސް ގޮވާލައްވައިފައެވެ.
ރައީސް ވިދާޅުވެފައިވަނީ ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމާއި، ޙައްޤުތައް ކަށަވަރުކުރުމާއި، ސުލްޙަ އާއި އަމާންކަން ހޯދުމުގައި ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު އޮންނާނޭ ކަމަށެވެ.






