އިސްރާއީލުގެ ޓެރަރިސްޓް ސިފައިން ވަނީ ޣައްޒާގެ ދެކުނުން އުތުރަށް ދަތުރުކުރުމަށް ބޭނުންކުރާ މަގު ކަމުގައިވާ އައްރަޝީދު މަގު ބަންދުކުރުމަށް ނިންމާފައެވެ. މިއީ ޣައްޒާގައި މީހުން އެއްކޮޅުން އަނެއް ކޮޅަށް ހިނގުމަށް މިހާރު ހުޅުވިފައި އޮތް ހަމައެކަނި މަގެވެ. މިއީ ޣައްޒާ ސިޓީއަށް ޔަހޫދީ ޓެރަރިސްޓުން ދެމުންގެންދާ ހަމަލާތައް އިތުރަށް ހަރުކަށިކުރަމުންދާ ދަނޑިވަޅެއްގައި އަޅާފައިވާ ފިޔަވަޅެކެވެ.
ޔަހޫދީ ސިފައިންގެ އަރަބި ބަހުގެ ތަރުޖަމާން އަވީހައި އަދްރައީ ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައި، އައްރަޝީދު މަގު މިއަދު މެންދުރު 12:00 ން ފެށިގެން ބަންދުކުރެވޭނެ ކަމަށް ބުނެފައެވެ. އަދި ޣައްޒާ ސިޓީން ބޭރު ވެވިފައި ނުވާ ފަރާތްތަކަށް ދެކުނަށް ދިއުމުގެ ހުއްދަ ދެވޭނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ޔަހޫދީންގެ މަގްސަދަކީ ޣައްޒާއިން ނަސްލު ސާފުކޮށްލުމެވެ. މި ފިޔަވަޅަކީ ޣައްޒާގެ އާންމު ރައްޔިތުން އިތުރަށް ބިކަ ކޮށްލައި އިންސާނީ ހާލަތު އިތުރަށް ގޯސް ކުރުމަށް އަޅާ ފިޔަވަޅެކެވެ.
އެމެރިކާގެ ރައީސާއެކު އަރަބި އިސްލާމީ ގައުމުތަކުގެ ނަން މަޝްހޫރު ލީޑަރުން ސުލްހައިގެ ނަމުގައި ވާހަކަތައް ދެއްކި އިރު ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއާއި ހުޅަނގު އައްސޭރީގައި ތަހައްމަލު ކުރަމުންދާ ވޭނާ ބެހޭ ގޮތުން އެވެރިންނަށް ވާހަކަ ދައްކައި އެމެރިކާގެ ސިޔާސަތަށް އިއުތިރާޒް ކުރާކަށް ނުކެރުނެވެ. ޕާކިސްތާނުން ވެސް ވަނީ ޓްރަމްޕަކީ މުސްލިހެއް ކަމުގައި ހަދައިގެން އޭނާއަށް ނޯބެލްގެ ސުލްހައިގެ އިނާމު ދިނުމަށް ގޮވާލާފައެވެ. މި ހިނދު ޓްރަމްޕަކީ ފާޅުގައި ޣައްޒާއިން ނަސްލު ސާފުކޮށްލުމަށް ގޮވާލި ފަރާތެވެ.






