ޣައްޒާއަށް އިންސާނީ އެހީ ގެންދިޔަ ”ސުމޫދު ފްލޮޓިލާ“ އާ ދެކޮޅަށް އިސްރާއީލުން އަމަލުކުރި ގޮތާމެދު އިނގިރޭސި ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި މިކަމުގައި އިނގިރޭސި ރައްޔިތުންތަކެއް ހިމެނޭކަމަށް ބުނެ، އެ މައްސަލަ ރައްކާތެރިކަމާއެކު ހައްލުކުރުމަށް އިސްރާއީލުގެ އިދާރާތަކަށް އިނގިރޭސި ސަރުކާރުން ގޮވާލާފައިވެއެވެ.
ބްރިޓިޝް ފޮރިން އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސުމޫދު ފްލޮޓިލާގެ މައްސަލައިގައި ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި، މި މައްސަލައިގައި ހިމެނޭ ބްރިޓިޝް ރައްޔިތުންގެ އާއިލާތަކާއެކު މުވާސަލާތީ ގުޅުން ބަހައްޓަމުންދާ ކަމަށެވެ.
އިސްރާއީލު ޓެރަރިސްޓް ސިފައިން ވަނީ ކަނޑުގެ ސަރަހައްދުގައި މި އުޅަނދުތައް ހިފަހައްޓައި އެއިން މީހުން ހައްޔަރުކޮށްފައެވެ. އަދި ޣައްޒާގައި ދިމާވެފައިވާ އިންސާނީ ކާރިސާ ހައްލުކުރުމަކީ އިސްރާއީލު ސަރުކާރުގެ ޒިންމާއެއް ކަމަށްވެސް އިނގިރޭސިންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ކަމާ ގުޅިގެން އަރަބި އަޚުންގެ ފަރާތުން އަދި ހަމަ އެއްނެމ ބަޔާނެއްވެސް ނެރެފައެއް ނުވެއެވެ. ޓްރަމްޕަށް ސުލްހައިގެ އިނާމު ދޭން ބޭނުންވާ ޕާކިސްތާނުން ވަނީ ޔަހޫދީ ދައުލަތް މިކަމުގައި ކުށްވެރިކޮށްފައެވެ. އަދި ބޮޑު ބަސް ބުނާ ތުރުކީންވެސް ވަނީ އެބީދައިން އަމަލު ކޮށްފައެވެ.
ގްރީސްއިން ވަނީ ޔަހޫދީ އެމްބެސެޑަރު ހާޒިރުކޮށް އިހުތިޖާޖު އިއްވާފައެވެ.
އޮސްޓްރޭލިއާއިން ވަނީ ޔަހޫދީ ދައުލަތް ކުށްވެރިކޮށް ހަމައިގައި ތިބުމަށް އެމީހުންނަށް ގޮވާލާފައެވެ.
ބްރަޒިލުން ވެސް ވަނީ ޔަހޫދީ ދައުލަތް ކުށްވެރިކޮށްފައެވެ. އަދި ބައިނަލްއަގްވާމީ ގާނޫނަށް އިހުތިރާމް ކުރުމަށް ޔަހޫދީ ދައުލަތަށް ގޮވާލާފައެވެ.
ފަލަސްޠިނު ސަރުކާރުން ބުނެފައި ވަނީ ފަލަސްޠީނުގެ ސަރަހައްދުގައި އުޅޭ އުޅަނދަކަށް ހުރަސް އެޅުމުގެ ހައްގެއް ޔަހޫދީންނަށް ލިބިގެން ނުވާ ކަމަށެވެ.
”ޣައްޒާގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ކާބޯތަކެއްޗާއި، ބޭސްފަރުވާއާއި އެހެނިހެން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އދ އާއި އެހެނިހެން އެން.ޖީ.އޯ ތަކަށް ހުރަސް ނައަޅައި ވަގުތުން އެ ފުރުސަތު ހުޅުވާލަން ޖެހޭ،“ ބްރިޓިޝް ފޮރިން އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
ފުޅަނދުގައި ތިބި ގާނޫނީ ވަކީލުން ވަނީ ޔަހޫދީ ސިފައިންގެ އަމަލުތައް ޑޮކިއުމެންޓް ކޮށްފައެވެ. އަދި މިމީހުންގެ މައްސަލަ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާނެ ކަމަށްވެސް ބުނެ އިންޒާރު ދީފައި ވެއެވެ.
”ގްލޯބަލް ސުމޫދު ފްލޮޓިލާ“ އިން ދިޔައީ ޣައްޒާއަށް ބޭސްފަރުވާއާއި ކާބޯތަކެތި އުފުލަމުން ނެވެ. އެ ހަރަކާތުގެ އޮގަނައިޒަރުން ބުނެފައިވަނީ، އިސްރާއީލުގެ ކަނޑުގެ ސިފައިން ވަނީ އެ ބޯޓުތައް ހުއްޓުވާލާފައި ކަމަށާއި، އަދި ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ.
މިއީ 40 ބޯޓުގައި 500 އެކްޓިވިސްޓުން ބައިވެރިވާ ހަރަކާތެކެވެ.






