އިދިކޮޅު އެމްޑީޕީން އިސް ނަގައިގެން މާދަމާރޭ މާލޭގައި ބާއްވާ ”ލޫޓުވައިފި ލޫޓުވައިފި“ މުޒާހަރާގައި ބައިވެރިވާނެކަން އަދާލަތު ޕާޓީން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.
އަދާލަތު ޕާޓީއާއި އެމްޑީޕީ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް އެކަށީގެންވާ މުއްދަތު ދެވިއްޖެ ކަމަށެވެ. ނަމަވެސް ވެރިކަމުގެ ދައުރު ދެބައިވާން ދާއިރު ގައުމުގެ ހާލަތު ބޮއްސުންލައިގެން ގޮސްފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެހެންކަމުން މި ހާލަތުގައި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރެވޭނެ ހަމައެކަނި ގޮތަކީ ގިނަ ސިޔާސީ ޕާޓީތައް ގުޅިގެން ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތް ކުރުން ކަމަށް އެމްޑީޕީ އާއި އަދާލަތު ޕާޓީއަށް ވެސް އެއްބަސް ވެވޭތީ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ދެ ޕާޓީގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވީ ކަމަށްވެސް ބުނެފައިވެއެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށާއި ސަރުކާރުން ކުރަމުންދާ ވައްކަމާއި ހިންގަމުންދާ ހިޔާނާތުގެ ސަބަބުން އާންމުންގެ ދިރިއުޅުމުގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ދަށްވަމުންދާ ކަމަށެވެ.
އަދި އެކަންކަން ފޮރުވުމަށްޓަކައި މިނިވަން މީޑީއާ ނެތިކޮށްލަން ސަރުކާރުން މަަސައްކަތް ކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެއިތުރުން ރަނގަޅަށް ހިނގަހިނގާ އޮތް ދިވެހިރާއްޖޭގެ އިގުތިސާދަށް މި ސަރުކާރުން ގެނައި ގޯސް ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު މިއިން ދުވަހަކު ނުދާ މިންވަރަށް ދަށަށް ގޮސް މާލީ އިދާރާތަކުގެ އިތުބާރު ދިވެހިރާއްޖެއަށް ގެއްލިފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. ނަތީޖާއެއްގެ ގޮތުން ތަކެތީގެ އަގުބޮޑުވުމާއި ވިޔަފާރިތައް ފުނޑުފުނޑުވުމާއި އެތައް ބައެއް ވަޒީފާތައް ގެއްލިފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.






