ދިވެހި ވިޔަފާރިތައް މެދުވެރިކޮށް މަސައްކަތް ކުރުވުމަށްފަހު ފައިސާ ނުދީހުރި ހުރިހާ ބިލްތަކަށް ކުރިއަށްއޮތް ފަސް ހަފްތާތެރޭގައި ފައިސާދައްކައި ނިމޭނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ
އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ 17 ނޮވެމްބަރު 2023 ގައި އެމަނިކުފާނު ސަރުކާރު ހިންގެވުމާ ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭ ކަމަށެވެ. އެހެންކަމުން ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް ދައްކަންޖެހޭ ”ފައިސާ، ކުރިޔަށް އޮތް 5 ހަފްތާ ތެރޭ ދައްކާ ނިމޭނެކަން ދަންނަވަން،“ ރައީސްވިދާޅުވެފައިވެއެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ އޭރު ދިވެހި އިގްތިސާދު އޮތީ ފުން އަނދަވަޅެއްގައި ކަމަށެވެ. މިއީ އެ އިގްތިސާދު ނަގާ ކޮޅަށްޖެހުމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މީ ޙާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.






