އެމްޑީޕީން މިރޭ ބާއްވާ ”ލޫޓުވައިފި ލޫޓުވައިފި“ މުޒާހަރާ ބާއްވާތީ ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކެތް ނުވެގެން ބަސް ބުނެފިއެވެ.
އޭނާ ބުނެފައިވަނީ މިރޭގެ މުޒާހަރާއަށް ޖޭޕީގެ އެއްވެސް މެންބަރަކު ނިކުމެގެން ނުވާނޭ ކަމަށެވެ. އެހެން ބުނެ އާދައިގެ މަތީން އޭނާ ވަނީ މުޒާހަރާއަށް ނުދިޔުމަށް އާދޭސް ކޮށްފައެވެ.
އޭނާ ބުނެފައިވަނީ އެމްޑީޕީން މިރޭ ބާއްވާ މުޒާހަރާއަކީ ބިނާކުރަނިވި މުޒާހަރާއެއް ނޫންކަމަށާއި އެއީ ފަނާކުރަނިވި މުޒާހަރާއެއް ކަމަށެވެ. ”އެއީ ވެރިކަން ހޯދަންކުރާ ބޮޑު ނުބައި ކަމެއް،“ އޭނާ ބުނެފައިވެއެވެ. އެހެންކަމުން މި މުޒާހަރާގައި އެއްވެސް ރައްޔިތަކު ބައިވެރި ނުވުމަށް އޭނާ ވަނީ އެދިފައެވެ. ގާސިމް މިހެން ބުނުމުން އޭނާއަށް ފާޑުކިޔިން ސޯޝަލް މީޑިއާގައި ވަނީ އިތުރު ވެފައެވެ.
އެމްޑީޕީން މިރޭ ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް ރަށްރަށުން މިހާރު ވަނީ މާލެ އަންނަން ފަށައިފައެވެ. އެތައް ސަތޭކަބަޔަކު މި މުޒާހަރާގައި ބައިވެރިވުމަށް މާލެ އަންނާނޭ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.






