ކުރިއަށްއޮތް ފަސް ހަފްތާތެރޭގައި ކޮންޓްރެކްޓަރުންނަށް ސަރުކާރާއި ކުންފުނިތަކުން ދޭންހުރި ފައިސާ ދައްކައި ޚަލާސް ކުރައްވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިޔަސް އެމަނިކުފާނު އެކަން ނުކުރައްވާނޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު ވިދާޅުވެފައިވަނީ މީގެ ކުރިން ވެސް ރައީސް ވަނީ މިފައިސާ ދެއްވާނޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައި ކަމަށެވެ. ”ނޮވެމްބަރު 2024 ގަ ދިން މި އިންޓަރވިއުއެއްގައި މި ބުނަނީ ކުރިޔަށް އޮތް 2 މަސް ތެރޭ ހުރިހާ ފައިސާއެއް ދައްކާ ޚަލާސް ކުރާނަމޭ. އިޤްތިސާދީ ބިންގާ ރަނގަޅޭ. ޑޮލަރު އިތުރު ކުރުމަށް ބައިވަރު ބަދަލު ގެންނަ ވާހަކަ،“
އެފަހުން ދެމަސް ވެގެން ދިޔައިރު ވެސް އެއްވެސް ފައިސާއެއް ނުދެއްކެވި ކަމަށާއި، ޖެނުއަރީ 2025 ގަ އަނެއްކާ ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާ ވާހަވިދާޅުވި ކަމަށް ވެސް އަމީރު ފާހަގަކުރައްވާފައި ވެއެވެ. އޭގެ ފަހުން 10 މަސް ވެގެން ދިޔައިރު ކޮންޓްރެކްޓަރުންނަށް އެއްވެސް ފައިސާއެއް ނުދެވޭ ކަމަށާއި، މިހާރު ސަރުކާރުން ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާގެ އަދަދު 8 ބިލިއަނަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. ”ބޭރުން ފައިސާ ހޯދުނީއެއް ނޫން. މިހާރުވެސް މަހު ފަހުކޮޅަށް އެޅީމަ ސަރުކާރުވެސް އަދި ސަރުކާރު ކުންފުނިތައް ވެސް މަސް ނިމުނީމާ މުސާރަ ދޭން އެއްވެސް ބިލަކަށް ފައިސާ ދެނީކީ ނޫން. ދައުލަތުގެ އާމްދަނީ ހަމަ މުޅި މި އަހަރުގަ ވެސް ހުރި ޓްރެންޑްގައި،“ އޭނާ ވިދާޅުވެފައިވެއެވެ.
އަމީރު ވިދާޅުވެފައިވަނީ އާ ސިޔާސަތުތަކުގެ ތެރެއިން ލިބޭނެ ކަމަށް އަންދާޒާކުރި ފައިސާއެއް ވެސް ސަރުކާރަށް ހޯދިފައި ނުވާކަމަށެވެ. ”ކުންފުނިތަކަށް ފިނޭންސް މިނިސްޓްރީ އިން ފައިސާ އިންޖެކްޓް ނުކޮށް ކުންފުނުތަކުން ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާއެއް ނުދެވޭނެ. އެ ފައިސާ އެއް ނެތް ސަރުކާރުގައި،“
އެހެން ކަމުން ”މަނިކުފާނު ތިޔަ ދޮގު ތަކުރާރު ނުކޮށް، ކޮންޓްރެކްޓަރުން ބިލިއަނުން ދައްކަންޖެހޭ ފައިސާ ދައްކާނެ ގޮތެއް ކިޔައިދޭން ވީނު،“ އަމީރު ވިދާޅުވެފައިވެއެވެ.






