އެމްޑީޕީން މިރޭ މުޒާހަރާއަށް ނުކުންނަނީ ސަރުކާރު ވައްޓާލާކަށް ނޫނެވެ. ރައްޔިތުންގެ އަޑު އިއްވާށެވެ. މިއީ އެޕާޓީގެ ވިސްނުން ކަމަށްވިޔަސް މިއަދުގެ ސަރުކާރުގެ އިސްވެރިން މި މުޒާހަރާ ބާއްވާތީ ކަންބޮޑުވެގެން އުޅޭތަން ފެންނަކަމަށް އެމްޑީޕީގެ ލީޑަރުންނާއި އެކްޓިވިސްޓުން ދަނީ ބުނަމުންނެވެ.
ސަރުކާރަށް ތާއިދުކުރާ އެކްޓިވިސްޓުންނަށް ނޭނގި ނަމަވެސް މި މުޒާހަރާ ނުވަތަ އެއްވުން ޕްރޮމޯޓުވާ ކަހަލަ ޕޯސްޓަރުތަކާއި ޓުވީޓުތައް ދަނީ ސޯޝަލް މީޑިއާއަށް އޮއްސަމުންނެވެ.

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެފައިވަނީ އެޕާޓީން އެއްވެސް އިރެއްގައި ގާނޫނީ ސަރުކާރެއް ވައްޓާލަން މަސައްކަތް ނުކުރާނޭ ކަމަށެވެ. އެކަމާ ސަރުކާރުން އެއްވެސް ގޮތަކަށް ބިރުގަންނަން ނުޖެހޭ ކަމަށެވެ. އެހެންނަމަވެސް މިސަރުކާރު މިހާތަނަށް އައިއިރު ރައްޔިތުންނަށް ލިބެމުންދާ އެކިކަހަލަ ގެއްލުންތައް ސަރުކާރަށް ބުނެދޭން ޖެހޭކަމަށެވެ. ރީތިކޮށް ތިބެގެން ސަރުކާރަށް އަޑެއް ނީވުނެވެ. އެހެން ކަމުން މިރޭ މަގުމައްޗަށް ނުކުމެ އެންމެން އެއްއަޑަކުން ސަރުކާރަށް މެސެޖު ދިނުމުން އަޑު އިވިދާނެތާއެވެ. އޭނާ ވިދާޅުވެފައިވަނީ މިރޭގެ މުޒާހަރާ ބާއްވަނީ ވިޔާފާރިތަކާއި، އިގްތިސާދު ހަލާކުވެފައިވާތީ އެވާހަކަށް ސަރުކާރަށް އިއްވަން ކަމަށެވެ. މަޝްރޫއުތައް ހުއްޓި ތަރައްގީގެ ދުވެލި އެއްކޮށް ބްރެކިޖެހިފައިވާތީ އެވާހަކަ އަޑުއިއްވަން ކަމަށެވެ. މިޑީއާގެ މިނިވަންކަން ނަގާލައި ރައްޔިތުން އަޅުވެތިކޮށްފައިވާތީ އެވާހަކަ ދައްކަން ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރު ނުވެއްޓޭނެކަން ވެރިންނަށް ވެސް އެނގޭނޭ ކަމަށެވެ. އެހެންނަވެސް މުޒާހަރާއަށް ހުރަސް އަޅަން މަސައްކަތްކުރަނީ ސަރުކާރަށް އޮތް ތާއީދު ކުޑަކަން ހާމަވެދާނެތީ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް އަބްﷲ ޝާހިދު ވިދާޅުވެފައިވަނީ މިސަރުކާރުން ވަނީ ރައްޔިތުން ނިކަމެތިކޮށްލުމަށްޓަކައި ރައްޔިތުންގެ އަޑު ކަނޑުވާލައިފައި ކަމަށެވެ. ”ރައްޔިތު މީހާގެ ކަރުގަ އެހިއްޕެވީ. ރައްޔިތުންގެ އަޑު ނުކުންނާނެ އެއްވެސް ގޮތެއްނެތް. ބާރު ފެށިގެން އަންނަނީ ރައްޔިތުންނާއި ހަމައިން. އެ މާއްދާއިން ބާރު ލިބިގެން އަޅުގަނޑުމެން މި ނުކުންނަނީ،“
ޝާހިދު ވިދާޅުވީ ފުލުހުން ދޮގު ބަޔާން ނެރުނަސް އެމްޑީޕީން އަބަދުވެސް ސުލްހައަށް ލޯބިކުރާނޭ ކަމަށެވެ. ހަމަޖެހުމަށް ލޯބިކުރާނޭ ކަމަށެވެ. ”އެމްޑީޕީއަކުން މަސައްކަތެއް ނުކުރޭ އެއްވެސް ގޮތަކަށް ސުލްހަވެރި ސިޔާސީ ހަރަކާތެއް ނޫން ގޮތަކަށް ކުރާކަށް. ސަރުކާރުގެ ހަޑި މުޑުދާރު އަމަލު ހުއްޓާލަން ޖެހޭ. ބިރުވެރިކަން އުފެއްދުމަށްޓަކައި ދައްކަވާ ވާހަކަ ހުއްޓާލައްވާ،“ ޝާހިދު ވިދާޅުވިއެވެ.






