ޕާކިސްތާނުގެ ޑިޖިޓަލް މޮނިޓަރިންގ ފުޅާކޮށްފި

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 5, 2025

އެމްނެސްޓީ އިންޓަނޭޝަނަލްގެ އެންމެ ފަހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޕާކިސްތާން ސަރުކާރުން ވަނީ އެ ގައުމުގެ ޑިޖިޓަލް މޮނިޓަރިންގގެ ނިޒާމު ފުޅާކޮށްފައެވެ. މި ގޮތުން ޗައިނާގެ ގީޖް ނެޓްވާރކް އަދި ޖަރުމަނުގެ އުޓިމާކޯ ފަދަ ބޭރުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން މިހާރު 4 މިލިއަނަށްވުރެ ގިނަ ރައްޔިތުންގެ ޑޭޓާއާއި މުވާސަލާތަށް ފާރަލަމުން ދެއެވެ.

ޕާކިސްތާނު ސަރުކާރުން ބޭނުންކުރާ މައިގަނޑު ދެ ނިޒާމަކީ ނެޝަނަލް ފަޔަރވޯލްގެ ގޮތުގައި ބޭނުންކުރާ ”ޑަބްލިއުއެމްއެސް 2.0“ އަދި މާސް ސަރވެއިލަންސް ޕްލެޓްފޯމް ”އެލްއައިއެމްއެސް“ އެވެ. މި ނިޒާމުތަކުގެ ސަބަބުން ވެބްސައިޓްތައް ބްލޮކްކުރުމާއި، މުއާސަލާތުތަކަށް ހުރަސް އަޅައި އިންޓަރސެޕްޓް ކުރުމާއި، ލޮކޭޝަން ޑޭޓާ ޓްރެކްކުރުމުގެ ބާރު ސަރުކާރަށް ލިބިގެންދެއެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި ވަސީލަތްތައް އިތުރަށް ބޭނުންކުރެވެމުންދަނީ ނޫސްވެރިންނާއި، އެކްޓިވިސްޓުންނާއި، އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށެވެ.

ޤާނޫނުއަސާސީން ލިބިދޭ ރައްކާތެރިކަމާއި ބައިނަލްއަޤްވާމީ އެއްބަސްވުންތަކުގެ ދަށުން ދައުލަތުން އުފުލަންޖެހޭ ޒިންމާތަކާ ޚިލާފަށް، ޕާކިސްތާނުގައި މިހާތަނަށް ޑޭޓާ ރައްކާތެރިކުރުމުގެ ފުރިހަމަ ޤާނޫނެއް ނެތެވެ. 2024 ވަނަ އަހަރު އެކްސް ބަންދުކުރުމަށްފަހު އިސްލާމްއާބާދުން ވަނީ މި ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައެވެ. އަދި ވީޕީއެން ބޭނުންކުރުން ވެސް ޤަވާއިދުގެ ދަށަށް ގެނެވި، އިސްލާމީ ނަޒަރިއްޔާތުގެ ކައުންސިލުން ވަނީ ވީޕީއެން ބޭނުން ކުރުމަކލީ ހަރާމް އަދި ”ޣައިރު އިސްލާމީ“ ކަމެއްކަމުގައި ކަނޑައަޅާފައެވެ.

މަދަނީ ޖަމްޢިއްޔާތަކުން އިންޒާރުދެމުންދާ ގޮތުގައި ޑިޖިޓަލް އަނިޔާވެރިކަން މިހާރު ވަނީ އާންމު ކަމަކަށް ވެފައެވެ. ”މޮނިޓަރިންގގެ މައިގަނޑު މަޤްޞަދަކީ އިދިކޮޅު އަޑުތައް ކަނޑުވާލުން،“ ބޮލޯ ބީގެ އުސާމާ ޚިލްޖީ ވިދާޅުވެއެވެ. ފްރީޑަމް ހައުސްއިން މިހާރު ޕާކިސްތާން ގިންތި ކޮށްފައިވަނީ އޮންލައިން މިނިވަންކަން ނެތް ޤައުމެއްގެ ގޮތުގައެވެ. އަދި އެރޮނގުން 100 ޕޮއިންޓުން އެ ޤައުމަށް ލިބިފައިވަނީ 27 ޕޮއިންޓް ކަމަށް ވެސް ފްރީޑޮމް ހައުސްއިން ފާހަގަކޮށްފައިވެއެވެ.

މި ލިޔުމާ ގުޅޭ