އިމްރާން ޚާނަށް އިންތިޚާބު ކާމިޔާބު ވިޔަ ނުދިނުމަށް ކުރި މަސައްކަތް ބޭޒާރުކޮށްފި

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 6, 2025

ޕާކިސްތާނު ސަރުކާރުން އިމްރާން ޚާނުގެ ޕީޓީއައި ޕާޓީއަށް 2024ގެ އިންތިޚާބުގައި ގަސްތުގައި ދަތިތަކެއް ކުރިމަތިކޮށް، ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފު ގިނަ ކަންތައްތަކެއް ހިންގާފައިވާކަމަށް ބުނެ ކޮމަންވެލްތު އޮބްޒާވަރ ގްރޫޕުން ޕާކިސްތާނުގެ 2024 ވަނަ އަހަރުގެ އާންމު އިންތިޚާބާ ގުޅޭ ފައިނަލް ރިޕޯޓު ނެރެފިއެވެ.

މި އިންތިޚާބުގައި ޕީޓީއައި އާ ގުޅުންހުރި މިނިވަން ކެންޑިޑޭޓުން 92 ގޮނޑި ކާމިޔާބުކުރި ނަމަވެސް، ސަރުކާރު އެކުލަވާލުމުގެ ފުރުސަތު އެ ޕާޓީއަށް ދީފައެއް ނުވާކަން ފާހަގަ ކޮށްފައި ވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ މައިގަނޑު މައްސަލަތަކުގެ ތެރޭގައި، ޕީޓީއައިގެ އިންތިޚާބީ ނިޝާން ކަމަށްވާ ކްރިކެޓް ކުޅޭ ބެޓް ބޭނުންކުރުން މަނާކުރުމާއި، އިމްރާން ޚާނު ހައްޔަރުކޮށް އޭނާއާ ދެކޮޅަށް 200 އަށްވުރެ ގިނަ ދަޢުވާ އުފުލުމާއި، ޕާޓީގެ މެންބަރުންނާއި ތާއީދުކުރާ ފަރާތްތައް ހައްޔަރުކުރުމާއި، މީޑިއާގައި އިމްރާން ޚާނުގެ ނަން ބޭނުންކުރުން މަނާކުރުން ފަދަ ނޭއްގާނި އަމަލުތައް ހިމެނެއެވެ. އަދި ވޯޓު ލުމުގެ ކުރީ ރޭ މޯބައިލް ޚިދުމަތްތައް ހުއްޓާލުމާއި، ވޯޓު ގުނުމުގައި އަދަދު ދިމާނުވުމާއި ކަރުދާސްތައް އިތުރުވުން ފަދަ ތަފާތުތަކާ ގުޅޭ ކަންބޮޑުވުންތައްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ރިޕޯޓު ނެރުން ލަސްވެފައިވާކަމަށް ބުނެ ޕީޓީއައިން ފާޑުކިޔާފައިވާއިރު، އިންތިޚާބުގެ ކުރިންނާއި އިންތިޚާބުގެ ދުވަހު ހިންގާފައިވާ އޮޅުވާލުންތަކުގެ ހެކިތައް ވެސް މި ރިޕޯޓުން ކަށަވަރުކޮށްދޭކަމަށް އިމްރާން ޚާނުގެ އެހީތެރިޔާ ސައްޔިދު ޒުލްފިޤާރު ބުޚާރީ ވިދާޅުވެފައި ވެއެވެ. މި ރިޕޯޓާއެކު، ޕާކިސްތާނުގެ ޑިމޮކްރެޓިކް ނިޒާމާމެދު ބައިނަލްއަޤްވާމީ ފެންވަރުގައި އުފެދިފައިވާ ސުވާލުތައް އިތުރުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ