ޗިކާގޯގެ ސައުތު ސައިޑްގައި އެމެރިކާގެ އިމިގްރޭޝަނުން މީހުންގެ ގޭގެއަށް ކޯޓު އަމުރެއް ނެތި ވަދެ އެތަންތާގެ ޙުރުމަތް ކަނޑައި މީހުންނަށް އިހާނެތި ގޮތްގޮތަށް ކަންކޮށްފައިވާތީ އިލިނޮއިސްގެ ގަވަރނަރ ޖޭބީ ޕްރިޓްޒްކަރ ވަނީ އެކަން ތަހުގީގު ކުރުމަށް ނިންމާފައެވެ.
އެމއެރިކާގެ މަރުކަޒީ ސަރުކާރުގެ އެޖެންޓުން ވަނީ ދަންވަރު މީހުން ނިދަން ތިއްބައި ގޭގެއަށް ވަދެ، ކުޑަކުދިންގެ އަތުގައި ޒިޕް-ޓައި ބޭނުންކޮށްގެން ބިޑި އަޅުވައި އެކުދިން ބަނދެ، ކުދިންނާއި އެމީހުންގެ އާއިލާތަކާ ވަކިކޮށް ފައި، ގަޑިއިރުތަކެއް ވަންދެން ބަންދުގައި ބައިތިއްބާފައެވެ.
މިއި ގޯތި ގެދޮރުގެ ޙުރުމަތް ކަނޑާލުމުގެ އިތުރުން ކުޑަކުދިންގެ ހައްގަށް އަރައިގަތުމެއް ގޮތް ކުޑަ އަމަލެއް ކަމަށްވެސް ވަކީލުންނާއި އިންސާނީ ހައްގަށް މަސައްކަތް ކުރާ މީހުން ބުނެއެވެ. އެމެރިކާގެ ވެރިކަމަށް ޓްމްޕް އައި ފަހުން މީހުންގެ އިންސާނީ ހައްގަށް އަރައި ގަތުން ވަނީ އާންމު ކަމަކަށް ވެފައެވެ.
ސެޕްޓެމްބަރ 30 ވަނަ ދުވަހުގެ މެންދަމު ކުރިއަށް ގެންދިޔަ މި ރެއިޑްގައި އެމެރިކާގެ ދާޚިލީ ވުޒާރާ ކަމަށްވާ ހޯމްލޭންޑް ސެކިއުރިޓީއާއި، ބޯޑަރ ބަލަހައްޓާ އިދާރާއާއި އެތެރޭގެ ޖާސޫސީ އިދާރާ އެފްބީއައި ގެ ގިނަ އެޖެންޓުންނާއި އޮފިސަރުން މި ޖަރީމާގައި ބައިވެރިވިއެވެ. ހެކިންގެ ބަހުން އެނގޭ ގޮތުގައި، ހަތިޔާރު އެޅި އޮފިސަރުން ވަނީ ދޮރުތައް ވައްޓާލައި ގެތަކަށް ވަދެފައެވެ. އަދި ހެލިކޮޕްޓަރުތަކުގައި އައިސް ރައްޔިތުން ހައްޔަރުކުރި މަންޒަރު ފެނުނު ކަމަށް ވެސް ހެކިން ބުނެފައިވެއެވެ.
މި ރެއިޑްގައި 37 މީހުން ހައްޔަރުކޮށްފައި ވެއެވެ. މި ސަރަހައްދަކީ ގޭންގް މީހުން ގިނަ ތަނެއް ކަމަށް ޓްރަމްޕް ސަރުކާރުން ބުނެއެވެ،. ނަމަވެސް ކޯޓު އަމުރެއް ނެތި މީހުންގެ ގެދޮރަށް ވަނުމާއި ކުޑަ ކުދިންގެ ހައްގަށް އަރައި ގަތުން ވަނީ ކުށްވެރިކޮށްފައެވެ.
ގަވަރނަރ ޕްރިޓްޒްކަރ ވަނީ މި އޮޕަރޭޝަނަކީ ”ލަދުގަންނަން ޖެހޭ ފަދަ ޖަރީމާއެއް“ ކަމެއްކަމަށް ވިދާޅުވެ، ކުޑަކުދިންނާމެދު މިފަދަ އަސްކަރީ ގޮތްތައް ބޭނުންކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި އެމެރިކާގެ ރައްޔިތުން ހިމެނޭކަންވެސް ފާހަގަކުރައްވާފައިވެއެވެ. ޓްރަމްޕްގެ ސަރުކާރުން މިހާތަނަށް މިކަމާ ގުޅޭ ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.






