ބޯޓު ފަރަށް އެރުމުން 4 މިލިއަން ޑޮލަރު ދީނީ

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 6, 2025

ނިއުޒިލޭންޑްގެ ނޭވީގެ އުޅަނދެއް ކަމުގައިވާ އެޗްއެމްއެންޒެޑްއެސް މަނަވަނުއި، ސަމޯއާގެ އުޕޯލޫ ޖަޒީރާގެ ފަރަށް އުރި ފެތުމާ ގުޅިގެން، ސަމޯއާ ސަރުކާރަށް 10 މިލިއަން ސަމޯއާ ތާލާ (ގާތްގަނޑަކަށް 3.6 މިލިއަން އެމެރިކާ ޑޮލަރު) ގެ ބަދަލެއް ދިނުމަށް ނިއުޒިލޭންޑުން އެއްބަސްވެއްޖެއެވެ.

2024 ވަނަ އަހަރުގެ އޮކްޓޯބަރު 6 ވަނަ ދުވަހު އެ އުޅަނދު ފަރަށް އުރުމަށްފަހު އޭގައި އަލިފާން ރޯވެގެން ފެތުނެވެ. އެ އުޅަނދުގައި ތިބި 75 މީހުން ސަލާމަތްކުރެވުނެވެ. ރަސްމީ ތަޙުޤީޤުން ދައްކާގޮތުން މި ހާދިސާ ހިނގީ އޮޓޯޕައިލެޓްގައި ދުއްވަމުންދިޔަ އުޅަނދުގެ ފަޅުވެރިންގެ އިހުމާލާއި، ތަމްރީނާއި ތަޖުރިބާ ނެތުމުގެ ސަބަބުންނެވެ.

ނިއުޒިލޭންޑްގެ ފޮރިން މިނިސްޓަރ ވިންސްޓަން ޕީޓަރސް ވިދާޅުވި ގޮތުގައި، ސަމޯއާއިން އެދުނު ގޮތަށް ފުރިހަމަ އަދަދު ދިނުމަށް ނިންމާފައިވަނީ ހެޔޮ ނިޔަތުގައެވެ. ފެތިފައިވާ އުޅަނދު އަދިވެސް އޮތީ އެތަނުގައެވެ. ނަމަވެސް އެ އުޅަނދުން ނުރައްކާތެރި ސާމާނުތައް ސާފުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ތިމާވެށީގެ ގޮތުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި ކަނޑުގެ ފެނުގައި ހައިޑްރޯކާބަން ގެ މިންވަރު އިތުރުވެފައެއް ނުވެއެވެ.

މި އުޅަނދަކީ ނިއުޒިލޭންޑްގެ ނޭވީއިން ބޭނުން ކުރާ 9 އުޅަނދުގެ ތެރެއިން އެއް އުޅަނދެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިން ފެށިގެން މިހާތަނަށް އެގައުމުން ފެތުނު ފުރަތަމަ އުޅަނދެވެ. މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

މި ލިޔުމާ ގުޅޭ