އެމެރިކާގެ ހާރވާޑް ޔުނިވާސިޓީގައި އިންސާމނުންގެ ގުނަވަނުގެ ވިޔާރި ހިންގައި ގުނަވަންތައް ވަގަށް ނަގައިގެން ކަޅު ބާޒާރުގައި ވިއްކާފައިވާ މައްސަލާގައި ޔުނިވާސިޓީއާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށް ކޯޓުން ނިންމައިފިއެވެ.
މިމައްސަލާގައި ހާވާޑް ޔުނިވާސިޓީއާ ދެކޮޅަށް ދައުވާ ކުރެވޭނީ އެ ޔުނިވާސިޓީގެ މެޑިކަލް ސްކޫލަށް ގާތްތިމާގެ މީހުންގެ ހަށިގަނޑުތައް ހަދިޔާކުރި އާއިލާތަކުން ކަމަށް ވެސް ވަނީ ނިންމާފައެވެ.
މެސެޗުސެޓްސްގެ ސުޕްރީމް ކޯޓުން ވަނީ ގާނޫނީ ފިޔަވަޅުތަކުން ޔުނިވާސިޓީ ރައްކާތެރިކޮށްދެމުން ދަށު ކޯޓަކުން ކުރި ހުކުމް ބާތިލްކޮށްފަ އެވެ. އަދި މިކަމުގައި ހާވާޑް މެޑިކަލް ސްކޫލަށް ހަދިޔާ ކުރާ ގުނަވަންތައް ބަލައި ގަންނަ ޕްރޮގްރާމްގެ މެނޭޖިން ޑިރެކްޓަރު މާކް އެފް ސިޗެޓީ އަކީ މިކަމަށް ގާނޫނީ ގޮތުން ޒިންމާވާ މީހާ ކަމަށް ވެސް ކޯޓުން ވަނީ ނިންމާފަ އެވެ.
ކޯޓަށް ސާބިތު ވެފައިވާ ގޮތުގައި ”އެތައް އަހަރުތަކެއް ވަންދެން ގުނަވަނުން ވައްކަން ކުރުމާއި ގުނަވަނުގެ ވިޔަފާރި ކުރުމަށް މަކަރުވެރި ސްކީމެއް ވަނީ ހިންގާފަ“ އެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިންސާނުންގެ ބައެއް ގުނަވަންތަކާއި ހަން ވަނީ، އިޒްރޭލަށް ގެންގޮސްފައެވެ. އަދި ބައެއް ހާލަތުގައި އިޒްރޭލު ސިފައިންވެސް އެތާނގައި އެ ގުނަވަންތަކަށް ދިރާސާތައް ހަދާފައި ވެއެވެ.
ހާވަޑް އަށް ކުރިމަތިވެފައި ވާ މައްސަލައަކީ 2018 އާއި 2023 އާ ދެމެދު އެތައް އާއިލާ އެއްގެ 47 މެމްބަރުންގެ ފަރާތުން ކުރާ 12 ދައުވާއެކެވެ.
އެ ދައުވާތަކުގައި ބުނެފައި ވަނީ ހާވަޑް އިން މޯޗަރީ ސެކިއުރިޓީ އަށް އިހުމާލުވެ، އެމެރިކަން އެސޯސިއޭޝަން އޮފް އެނަޓޮމީގެ ގަވާއިދުތަކަށް ފަރުވާލެއް ބަހައްޓާފައި ނުވާ ކަމަށެވެ.
ކޯޓުން ބުނެފައި ވަނީ ހާވާޑަށް ހަދިޔާ ކުރި ހަށިގަނޑުތަކަށް އެ ޔުނިވާސިޓީން އިހުތިރާމުކޮށް ފަރުވާތެރި ކަމާއެކު ބަހަލައްޓަން ޖެހޭނެ ކަމަށެވެ. ހާވާޑުން ގުނަވަންތަކުގެ ވިޔަފާރި ކުރިކަން ބޭޒާރު ވުމާއެކު އެކަމުގައި އިސްކޮށް އުޅުނު މީހާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
އިންސާނުންގެ ގުނަވަނުގެ ވަގު ވިޔަފާރީގައި މިމީހުން ވަނީ ބޮލުގެ ނާށިގަނޑާއި ސިކުނޑިއާއި ހަންގަނޑާއި ކަށިތައް ވަގަށް ނަގައިގެން ބައިބައި ކޮށް ވިއްކާފައެވެ.
ބައެއް މީހުން ބުނެފައި ވަނީ އިންސާނެއްގެ ނޫނެއް 600 ޑޮލަރަށް ގަތް ކަމަށެވެ.
އެހެން މީހަކު ބުނެފައި ވަނީ ޕޭޕާލް މެދުވެރިކޮށް ޖުމްލަ 37،000 ޑޮލަރުގެ 39 ވިޔަފާރި އޭނާ އެމީހުންނާއެކު ގުނަވަންތައް ގަތުމަށް ކޮށްފައި ވާނެ ކަމަށެވެ.






