އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރަކަށް ހުންނެވި އިބްރާހީމް އަމީރު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފިއެވެ.
އެކްސްގައި އަމީރު ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”އޭސީސީ ގެ ތަހްގީގަކަށް ބުނެ އަޅުގަނޑަށްވެސް އާދިއްތަ ދުވަހު 2:30 އަށް އޭސީސީ އަށް ހާޒިރުވުމަށް އަންގާފަ އެބައޮތް،“ ކަމަށެވެ.
އެހެންނަމަވެސް އޭނާ ވިދާޅުވެފައިވަނީ 2019 އިން 2023 ވަނައަހަރަށް މާލީ ވަޒީރުކަމުގައި މަސައްކަތްކޮށްފައި ވާނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކުގައި ކަމަށެވެ. ”ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށް ދައުލަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްފައިނުވާނެ،“ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ”ވަޒީރުކަމުގައި ކޮންމެކަމެއްވެސް ނިންމާފައި، ލަފާދީފައި ވާނީ ދައުލަތަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކޮށް، ފައިދާވާނެ ގޮތަށް. އެ ޔަގީންކަން ނަފްސާއި މެދު އެބައޮތް،“
އޭނާ ވިދާޅުވެފައިވަނީ އޭސީސީ ގެ ރައީސާއި، މެމްބަރުން ގެންދަނީ ވަޒީފާގެ ދިފާއުގައި ބޭއިންސާފުން މީހުން ފްރޭމްކުރަމުން ކަމަށެވެ. އެ މަސައްކަތް ހުއްޓާލަން ގޮވާލާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އޭސީސީ އަށާއި ޕޮލިހަށް ގެންދަނީ އެއްވެސް އަސާސެއް ނެތް ކަންތައްތަކުގައި ބިރު ދައްކަން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
”އެއްވެސް ބިރެއް ނުގަނޭ. އަޅުގަނޑުމެން ބޯ ގުދުކުރާނީ ހަމައެކަނި އާލަމްތަކުގެ ވެރި މާތްﷲ އަށް. މުއިއްޒު ކަހަލަ ޚުދުމުހްތާރު ވެރިޔަކަށް ބޯނުލަބާނަން. ކުރާނެ ކަމެއް ކުރަންވީ،“ އޭނާ ވިދާޅުވެފައިވެއެވެ.
އަމީރުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލު ވެސް އޭސީސީއަށް ހާރުވާން ވަނީ އަންގައިފައެވެ.






