ފަލަސްޠީނުގެ މިނިވަންކަމަށ މަސައްކަތް ކުރާ އިސްލާމީ ހަމާސް، އިސްލާމީ ޖިހާދު އަދި ޕޮޕިއުލަރ ފްރަންޓުން ފޯ ދަ ލިބަރޭޝަމން އޮފް ޕަލެސްޓައިން (ޕީއެލްއެފް) އިން އިއުލާން ކޮށްފައި ވަނީ ޣައްޒާއަށް އެއްވެސް އިސްތިއުމާރީ ބޭރުގެ ފަރާތެއްގެ ބެލެނިވެރިކަން ބަލައިނުގަންނާނެކަމަށެވެ.
ޣައްޒާ ސަރަހައްދު ހިންގުމާއި ޣައްޒާގެ އިދާރީ ކަންކަމަކީ ފަލަސްޠީނުގެ އެތެރޭގެ ކަމެއްކަމަށް އެ ހަރަކާތްތަކުން ޔަގީން ކޮށްދީފައި ވެއެވެ. ނަމަވެސް ޔަހޫދީންގެ ޖެނޮސައިޑުން ވީރާކޮށްފައިވާ ސަރަހައްދު އާރާސްތުކުރުމަށާއި އިއާދަކުރުމުގެ މަސައްކަތުގައި އަރަބި އަދި ބައިނަލްއަޤްވާމީ އެހީތެރިކަން ބަލައިގަންނާނެކަމަށް ބުނެފައިވެއެވެ.
ހަނގުރާމަ ހުއްޓާލުމަށްފަހު ބާއްވާ މަޝްވަރާތަކުގައި ފަލަސްޠީނުގެ އެއްބައިވަންތަކަން ހިފެހެއްޓުމަށާއި ޤައުމީ މުއައްސަސާތައް އަލުން ބިނާކުރުމަށް މިސްރުގެ އެހީގައި މަސައްކަތްކުރާނެކަމަށް އެ ޖަމާއަތްތަކުން ހާމަކޮށްފައިވެއެވެ. އަދި ފަލަސްޠީނު ރައްޔިތުންގެ ހައްޤުތަކަށް ޓަކައި އިސްތިއުމާރީ ޔަހޫދީ ދައުލަތާ ދެކޮޅަށް ކުރިއަށް ގެންދާ ދެކޮޅުވެރިކަން އެގޮތުގައި ދެމެހެއްޓުމަށާއި، ފަލަސްޠީނުގެ މިނިވަން، ސިޔާދަތީ ދައުލަތެއް އުފެއްދުމަށާއި އެ ދައުލަތުގެ ވެރިރަށަކީ ޤުދުސް ގެ ގޮތުގައި ޤާއިމުކުރުމަށް މަސައްކަތްކުރާނެކަމަށް ބުނެފައިވެއެވެ.
ޔަހޫދީ ޖެނޮސައިޑް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭގޮތުން، އިސްރާއީލުން ރޭވި ރޭވުންތައް ނާކާމިޔާބުވެފައިވާކަމަށާއި، ގަދަކަމުން ޣައްޒާއިން މީހުން ބޭރުކޮށްލުމުގެ ލަނޑުދަނޑިތައް ހާސިލުނުވާނެކަމަށް އެ ޖަމާއަތްތަކުން ޔަގީން ކަން ދެއެވެ. އަދި ޔަމަން، ލުބުނާން، އީރާން އަދި އިރާޤުން ދިން އެހީތެރިކަމަށާއި، މިސްރު، ޤަޠަރު އަދި ތުރުކީން މެދުވެރިންގެ ގޮތުގައި ކޮށްދިން މަސައްކަތްތަކަށް ވެސް ޝުކުރު އަދާކޮށްފައިވެއެވެ.






