ޗައިނާގެ ހުޅަނގު ދެކުނުގެ ސިޗުއާން ޕްރޮވިންސްގައި، އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީފަންޑަށް ހިޔާނާތްތެރިވި 100 އަށް ވުރެ ގިނަ ރަށު ފެންވަރުގެ އޮފިޝަލުންގެ މައްސަލަ ބެޒާރު ވެއްޖެއެވެ. މިކަމުގެ ސަބަބުން، ދަށު ފަންތީގައި ކޮރަޕްޝަން ފުޅާ ދާއިރާއެއްގައި ހިނގާކަން ހާމަވެ، އެކަމަށް އާ ސަމާލުކަމެއް ލިބިގެން ގޮސްފައިވެއެވެ.
ކޮމިއުނިސްޓް ޕާޓީގެ ރަސްމީ ނޫސް ކަމަށްވާ ”ޕީޕަލްސް ޑެއިލީ“ އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ޗެންގްޑޫ އާ ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުރުގައި އޮންނަ ޝިފާންގްގައި ސަރުކާރު މުވައްޒަފުންގެ 119 މީހަކު ވަނީ ވަޒީފާ ނެތް މީހުންނަށް ދޭ އެހީ ސިއްރުން އަމިއްލަ އެކައުންޓަށް ޖަމާކޮށްފައެވެ. އެ މުވައްޒަފުން ވަނީ ސަރުކާރުގެ މުސާރަ ވެސް ނަގާފައެވެ.
މި ހިޔާނާތުގެ މައްސަލަ ހިނގާފައިވަނީ ރަށްފުށުގެ 43 ކޮމިއުނިޓީއެއް ގައެވެ. އަދި މިކަން 2014 ވަނަ އަހަރުން ފެށިގެން މިކަން ހިނގާފައި ވެއެވެ. މި މުއްދަތުގެ ތެރޭގައި، ސަރުކާރަށް 1.5 މިލިއަން ޔުއާން (ގާތްގަނޑަކަށް 210,600 އެމެރިކާ ޑޮލަރު) ގެ ގެއްލުންވެފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އެހިސާބުގެ އެންޓި-ކޮރަޕްޝަން އިދާރާތަކުން ހާމަކުރި ގޮތުގައި، މި އޮފިޝަލުން ވަނީ އެހީފަންޑުގެ ނިޒާމުގައި ހުރި ހުސްތަންތައް ދަނެގަނެ އެކަންކަން ނާޖާއިޒު ގޮތުގައި ބޭނުންކޮށްފައެވެ. އެމީހުން ވަނީ ވަޒީފާ ނެތް މީހުންގެ ގޮތުގައި ރަޖިސްޓްރީވެގެން، ވަޒީފާއެއް ނެތް މީހުންނަށް ޚާއްސަކޮށްފައިވާ އެހީގެ ފައިސާ ވަނީ ނަގާފައެވެ.
ޗައިނާއަކީ ބޭޒާރުވާ ހިނދު ކޮރަޕްޝަނަށް ޖާގަ ދޭ ގައުމެއް ނޫނެވެ. އިސް މަސްއޫލުވެރިންނަށް ކޮރަޕްޝަންގެ މައްސަލަތަކުގައި ދެވެނީ ދަންމަޅިއެކެވެ.






