އައްޑޫ މަރަދޫ

އައްޑޫސިޓީ ބައިބައިކޮށްލުމުގެ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫން

އައްޝައިޚް ޙަސަން ލަޠީފް މޫސާ
އޮކްޓޯބަރ 16, 2025
ސްކޫލު ދުވަސްވަރު ކިޔައިއުޅުނު ވާހަކައެކެވެ. ސުރުޚީއަކީ ދެ ބުޅަލުގެ އަރައިރުމެވެ. އަރައިރުންވީ، ބޯކިބާ ބެހުމުގެ މައްސަލައިގައެވެ. އެންމެ ފަހުން އެ ބެހުމުގެ ކަންތަކާ ޙަވާލުވީ ހިޔަޅެވެ. ބޯކިބާ ފަޅާލުމަށްފަހު، ދެބައި ކިރިއިރު އެއްބަޔަށް ބަރުވުމުން، އެ ބަރުވި ބައިން އެތިކޮޅެއް ކައިލުމަށްފަހު ކިރާލިއެވެ. މިފަހަރުވެސް ހަމަހަމައެއް ނުވިއެވެ. ކޮންމެއަކަސް ދެފަޅި ހަމަހަމަ ކުރުމަށްޓަކައި ފަހަރަކު ފަޅިއަކުން ކަމުންކަމުން ގޮސް ބޯކިބާ ހުސްވެއްޖެއެވެ. ދެބުޅަލަށް ލިބުނީ ކޮޅުކެއްސެވެ. މިއީ އަރައިރުންވެ ބައިބައިވުމުގެ ނަތީޖާއެވެ. ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހޭ ކޮންމެ ފަހަރަކު ވަރިކުރަން ވެއްޖެނަމަ، އެއިން ރަނގަޅު ނަތީޖާއެއް ނެރެވޭނެތޯއެވެ؟
އައްޑުއަށް ސިޓީއެއްގެ ދަރަޖަ ލިބުނީ އައްޑޫގެ ވަރަށްގިނަ ބައެއްގެ ވަރަށް ބުރަ މަސައްކަތުންނެވެ. މިއަދު މާލޭސިޓީ ފިޔަވައި މުޅި ދިވެހި ރާއްޖޭގައި އޮތް އެންމެ ބޮޑު އެންމެ ބާރުގަދަ އެންމެ ފަޚުރުވެރި ސިޓީއަކީ އައްޑޫސިޓީއެވެ. އެހެންކަމުން އައްޑޫގެ ލޮބުވެތި ރައްޔިތުން ބަލަންވީ، އައްޑޫ ސިޓީއަކީ، މާލޭސިޓީއާ އެއްވަރުގެ ބިޔަ، ބޮޑު ސިޓީއަކަށް އެ ސިޓީ ހެދޭތޯއެވެ.
އައްޑޫގެ ރައްޔިތުންގެ ތެރޭގައި ޢިލްމީ ފަންނީ ސިކުނޑިތައް ބައިވަރެވެ. އެފަދަ ސިކުނޑިތަކުގެ ބޭނުން ހިފިއްޖެނަމަ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖެ ސިއްސުވާލާފަދަ ރީތި، ބިޔަ، ބާރުގަދަ ސިޓީއަކަށް އައްޑޫސިޓީ ހެދިދާނެއެވެ. ވަގުތީ ފައިދާއެއް ޙާޞިލްކުރުމުގެ އެދުމުގައި ބައިބައިނުވާށެވެ. ކުރިޔަށް އަޅަންޖެހޭ ފިޔަވަޅު ފަހަތަށް އެޅުމަކީ ފައްސި ވިސްނުމެއްނޫނެވެ.
އައްޑޫގެ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މާތްވެގެންވާ އިސްލާމްދީންވެސް ދައްކާފައިވާ މަގަކީ އެއްބައިވަންތަކަމުގެ މަގެވެ. ވަކިވަކިވެގަތުމަކީ ނިކަމެތިވާނެ ކަމެކެވެ.
ވަކިވަކި ސިޓީ ހަދާނަމަ މާލޭ ސިޓީވެސް ބައިބައިކޮށްލަންވީ ނޫންތޯއެވެ؟ މާލެއަށް އެއް ސިޓީ، ހުޅުމާލެއަށް އެއްސިޓީ، ވިލިމާލެއަށް އެއް ސިޓީ ހަދާލަންވީ ނޫންތޯއެވެ؟ އެއީ މާ އައުލާކަން ބޮޑު ގޮތެއް ނޫންތޯއެވެ؟
އައްޑޫސިޓީގެ ރައްޔިތުންނަކީ ބަޔަކު ދައްކާހާ މަގަކުން ހިނގަންޖެހޭ ވަރަށްވުރެ މާ ވިސްނުންތެރި ބައެކެވެ. ކެރުންތެރި ބައެކެވެ. ޢިލްމާއި ވިސްނުމާއި ހުނަރުހުރި ބައެކެވެ. ވީމާ، ބަޔަކު ދެއްކިހާ މަގަކުން އަޅުގަނޑުމެން ހިނގާކަށް ނުޖެހެއެވެ. ރައްޔިތުންގެ މަޖްލިސްގައި ތިއްބެވި އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެމްބަރުންވެސް މިކަމަށް ޙައްލެއް ހޯއްދަވަން ޖެހެއެވެ.
ދިވެހި ސަރުކާރަށް އަޅުގަނޑު ދަންނަވާނީ، މިވޯޓުން އައްޑޫގެ އެއްވެސް ރަށެއް އިސްތިސްނާ ނުކުރެއްވުމަށެވެ. ވޯޓެއް ނަންގަވާނަމަ މާލޭސިޓީވެސް ބައްސަވާލެއްވުމަށް ވޯޓެއް ނެންގެވުމަށެވެ. ރައްޔިތުންނަށް ކޮށްދޭންޖެހޭނީ، އެ މީހުންނަށް ފައިދާއާއި ލާބަހުރި ކަންތައްތަކެވެ. ގެއްލުމާއި ހަލާކު ހުރި ކަންތައްތަކެއް ނޫނެވެ.
ޢަރަބި ޝާޢިރަކު ވިދާޅުވެފައި އޮވެއެވެ.
”مَتَى يَبْلُغُ البُنْيَانُ يَوْماً تَمامَهُ إِذا كُنْتَ تَبْنِيْهِ وَغَيْرُكَ يَهْدِمُ“
މި ބައިތުގައި އެ ވިދާޅުވާ އެއްޗެއްގެ މުރާދަކީ، އެއްބަޔަކު ޢިމާރާތްކުރަމުންދާއިރު އަނެއްބަޔަކު އެ ތަޅައި ސުންނާފަތި ކުރަމުން ދާނަމަ، އެ ޢިމާރާތްކޮށް ނިމޭނެ ދުވަހެއް އަންނާނެހެއްޔެވެ؟
ނިންމާލަމުންވެސް ދަންނަވާނީ [ދޭހަވުމަށް ބުއްދިވެރިންނަށް އިޝާރާތުން ފުދެއެވެ.] އަޅުގަނޑުގެ ދުޢާއަކީ އައްޑޫސިޓީގެ ރައްޔިތުންނަށް ހެޔޮވިސްނުން ދެއްވައި، އައްޑުސިޓީއަށް ބާއްޖަވެރި އުޖާލާ ދުވަސްތަކެއް ދެއްކެވުމެވެ.
ހެޔޮއެދޭ: ޙަސަން ލަޠީފް މޫސާ

މި ލިޔުމާ ގުޅޭ