ޒުވާނުންނަކީ މިއަދުގެ ލީޑަރުންނެވެ. މާދަމާއަށް މަޑުނުކުރާށެވެ!

ޟަމްރަތު އަހްމަދު
އޮކްޓޯބަރ 22, 2025

ޒުވާނުންގެ ދުވަހަކީ ގައުމުގެ މުސްތަގުބަލު ކަނޑައަޅާ ދުވަހެކެވެ. ގައުމުގެ މާޒީއާއި މިއަދުގެ ހާލަތުގައި ކުރެވުނު ތަޖުރިބާގެ އަލީގައި މުސްތަގުބަލު ކަނޑައަޅާ ދުވަހެކެވެ. ކާބަފައިންގެ ފަރާތުން ޖާރީވެގެން އައި ކަންކަން އަދުގެ ތަޖުރިބާއާ ގުޅުވުމުން ނުކުތް ނަތީޖާތައް ޒުވާނުންނާ ހަވާލުކުރުމަށް ރާވަންވީ ދުވަހެކެވެ. މި ދުވަހުގެ މުނާސަބަތުގައި ޒުވާނުންނަށާއި ހުރިހައި ޚިދުމަތްތެރީންނަށް ތަހުނިޔާ ދަންނަވަމެވެ.

ޒުވާނުންނަކީ މުސްގަތުބަލުގެ ލީޑަރުން ކަމަށް ދެކިގެން މަޑުކުރެވޭކަށް ނެތެވެ. ޒުވާނުންނަކީ މިއަދުގެ ބަތަލުންނެވެ. މިނެއް ނެތް އުންމީދުތަކާއި ފޮނި ޚިޔާލުތަކާއި ހަގީގަތަށް ވާސިލްވުމުގެ ރީތި ހުވަފެންތަކުގެ ޖާގައަކީ ޒުވާނާގެ ސިކުނޑިއެވެ. މުސްތަގުބަލުގެ ދިވެހިރާއްޖެ އޮންނާނޭ ޖާގައަކީ އަދުގެ ޒުވާނާގެ ސިކުނޑިއެވެ. ގައުމަށް ޖަމާވެފައިވާ ހުރިހައި ބަރަކާއި ބުރައެއް އުފުލުން އޮތީ ޒުވާނާގެ ކޮނޑުމަތީގައެވެ. ގައުމާ މެދު ގޮތް ނިންމުމުގެ ބާރު އޮތީ ޒުވާނާގެ މުލައްދަނޑީގައެވެ. މި ކަންކަމަށް ސާފު ނަޒަރަކުން ބަލާއިރު ފެންނާން އޮތީ އަދުގެ ޒުވާނުންނަށް ކޮށްދޭން ޖެހިފައިވާ ގިނަގުނަ ކަންކަމެވެ.

އިލްމާއި ހުނަރާއި ތަރުބިއްޔަތެވެ. ސުލޫކާއި ތަހުޒީބުގެ ސިފަތަކެވެ. ދުޅަހެޔޮކަމާއި ފުދުންތެރިކަމެވެ. ނަގައިކިޔާ މުޖުތަމައުގައި ބައިވެރިވުމާއި ބަސްކިޔައި އަޑު އިއްވުމުގެ ފުރުސަތުތަކެވެ. ޒުވާނާގެ ހުވަފެންތަކުގެ ދުނިޔެއަށް ވާސިލްވެވޭނޭހެން އަދުގެ ދުނިޔެއާ އެއްހަމަ ވެވޭނޭ މަގުން ގައުމުގެ ކަންކަން ރާވައި ހިންގުމުގައި ބައިވެރިވުމުގެ ފުރުސަތުތަކެވެ.

ލީޑަރޝިޕް އަދާކުރުމުގައި އުމުރަކީ އުޒުރެއް ނޫނެވެ. ޒުވާނުންނަކީ ފަހުން ބޭނުންކުރަން ފޮރުވާފައި ބެހެއްޓޭނޭ މުދަލެއް ނޫނެވެ. މިއަދުގެ މި ވަގުތުގައި ވެސް ޒުވާނުންނަށް އެކަށޭނަ ޖާގަދޭން ޖެހެއެވެ. އަދުގެ ޒުވާނުންގެ އަތްމައްޗަށް ޠަބީޢަތުގެ ބާރުގަދަ އަތުން ގައުމު ފުރޮޅާލާ ދުވަހު މި ގައުމާއިގެން ހިންދެމިލެވޭނޭ އިލްމާއި ފަންނާއި ތަޖުރިބާ ޒުވާނުންނަށް ލިބިދޭން ޖެހެނީ މިއަދުއެވެ.

މިއަދަކީ ޒުވާނުންގެ ދުވަހެވެ. ނަމަވެސް ހަގީގީ މާނައިގައި ޒުވާނުންގެ ދުވަހަކީ މިއަދުގެ ޒުވާނުންގެ އަތްމައްޗަށް މި ގައުމު އެއްކޮށް ދާ ދުވަހެވެ. އަދުގެ ޒުވާނުން ގައުމާ ހަވާލުވާ ދުވަހެވެ. މިއަދު މި ފާހަގަކުރާ ޒުވާނުންގެ ދުވަހަކީ އެދުވަހަށް ތައްޔާރުވުމުގެ ގޮތުން ފާހަގަކުރާ ދުވަހެވެ.

މިއަދު ދިވެހި ޒުވާނުން އެންމެ އިސްކަން ދޭންވީ ހަގީގަތް ގަބޫލުކުރުމަށެވެ. ހަގީގަތަށް ވާސިލްވުމަށެވެ. ގައުމުގައި ހުރި މައްސަލަތަކާއި ޒުވާނުންނަށް ހުރި ހުރަސްތަކަށް ފުންކޮށް ތަހުލީލީ ނަޒަރަކުން ވިސްނުމަށެވެ. އޭގެ ސަބަބުތައް ދެނެގަތުމަށެވެ. އެ ސަބަބު މެދުވެރިވުމަށް ދިމާވި ކަންކަން ދެނެގަތުމަށެވެ. މިއަދާ ތަފާތު މާދަމާއެއް ލިބޭނީ އޭރުންނެވެ.

ޒުވާނުންނަކީ ހަމައެކަނި މުނިފޫހި ފިލުވުމާއި ކުޅިވަރު ކުޅުމުގެ ބައެއް ކަމަށް ހީވާ ނަމަ އެއީ ވަރަށް ވެސް ބޮޑު ކުށް ހީއެވެ. ގައުމުގައި ޒުވާނާގެ މަގާމަށް އިހުމާލުވެވޭ ކުށް ހީއެކެވެ.

ޒުވާނާގެ ހަގީގީ މަގާމަށް މި ގައުމުގައި ވަނީ ހިޔަނިއެޅިފައެވެ. މިއީ އެންމެން ދަންނަ، އެކަކަށް ވެސް ނޭނގޭކަމެކެވެ. މި ކަޅު ހިޔަނި ފަނޑުކޮށްލެވޭ ވަރުގެ އަލިކަމެއް އުފެދެންވީ އަދުގެ ޒުވާނާގެ ބުއްދީގައެވެ. މިއީ ފަހި ނަޒަރަކުން ވިސްނުން ހިންގައިފި ނަމަ ދާދި ފަސޭހައިން ވާސިލްވެވިދާނޭ ހިސާބެކެވެ. މިއާ މެދު ގޮތެއް ނިންމުމުގެ ބާރާއި އިޚްތިޔާރު ޒުވާނާގެ އަތުގައި މިހާރު ވެސް އެބައޮތެވެ.

ޒުވާނާއަށް މުޖުތަމައުގެ އިތުބާރު ލިބެންޖެހެއެވެ. އިހުތިރާމް ލިބެންޖެހެއެވެ. ލޯބި ލިބެންޖެހެއެވެ. ފުރުސަތު ލިބެންޖެހެއެވެ.

ގައުމުގެ ކުރިއެރުމަށް ޒުވާނާގެ ހުނަރު ބޭނުމެވެ.

އަދުގެ ޒުވާނުންނަށް އޮތީ ހަގީގަތަށް ވާސިލްވުމެވެ. މުޖުތަމައުގައި ޒުވާނުންނަށް ހުރަސްތަކެއް އެބަހުއްޓެވެ. މޫސުމީ ބަދަލުތަކުގެ ނަތީޖާއިން ގޮންޖެހުންތަކެއް އެބަހުއްޓެވެ. ވިލުންތެރި މުޖުތަމައަކަށް ވާސިލްވުމުގައި ދަތިތަކެއް އެބަހުއްޓެވެ. އެކިއެކި ސަބަބުތަކާ ގުޅިގެން އުފެދޭ ގުޖަޑުތަކުގެ ސަބަބުން ދަތިތަކެއް އެބަހުއްޓެވެ. ފިކުރުތަކުގެ ބައިބައިވުމުގެ ސަބަބުން އަމާޒު ގެއްލި ވަސްވާހާ އެކީ އުފެދޭ ޝައްކުތަކެއް އެބަހުއްޓެވެ.

ގައުމުގެ ޒުވާނާއެވެ! ތިބާގެ ހައިސިއްޔަތާއި ބާރުގައި ތެދުވާށެވެ! ތެދުވެ ހިންދެމިލާށެވެ! ތިބާގެ އުންމީދުތަކާއި ތިބާއާ ދޭތެރޭގައި ހުރި ހުރަސްތައް ނައްތައިލާށެވެ! ގައުމުގެ އަދާއި މާދަމާގައި ތިބާގެ އަޑު ވަރަށް މުހިންމެވެ. ތިބާގެ އުންމީދުތަކަށް އިހުތިރާމް އެބަހުއްޓެވެ. ގައުމުގެ ކަންކަން ރޭވުމާއި ހިންގުމުގައި ތިބާގެ ބައިވެރިވުމުގައި ކިތަންމެ މާނައެއް އެބަހުއްޓެވެ.

ޒުވާނާއެވެ! ތިބާގެ ހަގީގީ ސޫރާގައި ފާޅުވާށެވެ! ހަގީގަތުން ބޭރުގައި ތިބާއަށް އެޅިފައިވާ ހުރަސްތަކަށް ސަބަބުވެރިވީ މީހުން ޖަވާބުދާރީ ކުރުވާށެވެ!

މިއީ ތިބާގެ ގައުމެވެ. އަދުގެ ނަގާކިޔާ މުޖުތަމައުން މާދަމާ ތިބާއަށް ޖާރީވެގެން އަންނާން އޮތް، ތިބާގެ ގައުމެވެ. މިގައުމުގެ ކޮންމެ ފަރުދަކަށް އޮތް ހިއްސާ ހަމަ އެވަރަށް ތިބާއަށް އެބައޮތެވެ. ތިބާގެ އަޑު އިއްވާށެވެ! ތިބާއަކީ ބަޠަލަކަށްވުމާއި ނުވުން އޮތީ މިއަދު އަމަލުކުރާ ގޮތެއްގެ މައްޗަށެވެ. މި ވަގުތު ފާއިތުވުމަށްފަހު ދެނެއް އަނބުރައި ނުލިބޭނެއެވެ. މިއީ ތިބާއަށް އިންޒާރެކެވެ. މާޒީއަށް ބާރެއް ނުފޯރައެވެ. މުސްތަގުބަލަށް އޮތީ އުންމީދެކެވެ. އަމަލުކުރާން އޮތީ މިއަދެވެ. ތިބާ ގޮތެއް ނިންމާށެވެ. ޒުވާނުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފަށްފަށުން ތަކުރާރުކުރަމެވެ.

 

މި ލިޔުމާ ގުޅޭ