އިސްލާމޯފޯބިއާ: ޝަނިވާރުވާޑާ ކިއްލާ ތެރޭ ނަމާދުކުރި ތިން އަންހެނަކަށް ދަޢުވާކޮށްފި

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 26, 2025

އިންޑިއާގެ ޕޫނޭ ޕޮލިހުން ވަނީ ތާރީޚީ ޝަނިވާރުވާޑާ ކިއްލާ ތެރޭގައި ތިން އަންހެނަކު ނަމާދުކުރި ކަމަށް ތުހުމަތުކޮށް، އެ މީހުންނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާފައެވެ. މި މައްސަލަ ފެންމަތިވެފައިވަނީ، ހަރުކަށި ހިންދުތުވާގެ ސިޔާސަތަށް ބާރުއަޅާ ބީޖޭޕީގެ މެންބަރަކު އެކަމުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމުންނެވެ. މި ކިއްލާއަކީ އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާ (އޭއެސްއައި) ގެ ދަށުން ހިމާޔަތްކޮށްފައިވާ ތަނެކެވެ.

ފުލުހުން ބުނި ގޮތުގައި، މި ވީޑިއޯ ރެކޯޑުކޮށްފައިވަނީ ހުކުރު ދުވަސް ނޫނީ ހޮނިހިރު ދުވަހު އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ބުރުގާ އަޅައިގެން ތިބި ތިން އަންހެނަކު ވަނީ ކިއްލާގެ ތެރޭގައި ނަމާދުކޮށްފައެވެ. މި ކްލިޕް ވަރަށް ހަލުވިކަމާއެކު ވައިރަލް ވުމުން އިންޑިއާގެ ހައްދުފަހަނައަޅާފައިޥާ ހަރުކަށި ހިންދޫ ޖަމާއަތްތަކުގެ މެމްބަރުން ވަނީ މުސްލިމުންނާ ދެކޮޅަށް ވަރުގަދަ އިހުތިޖާޖުތަކެއް ކޮށްފައެވެ. މި ހާދިސާއާ ގުޅިގެން އޭއެސްއައި ގެ މަސްއޫލުވެރިން ވަނީ ވިޝްރާމްބާގް ޕޮލިސް ސްޓޭޝަނަށް ގޮސް ޝަކުވާ ހުށަހަޅާފައެވެ. އެމީހުންގެ ބަޔާނަށްފަހު، ހޯމަ ދުވަހުގެ ހަވީރު ވަނީ އެ ކިއްލާގައި ނަމާދުކުރިކަމަށް ތުހުމަތުކުރެވޭ ތިން އަންހެނެއްގެ މައްޗަށް އެފްއައިއާރް ރަޖިސްޓްރީކޮށްފައި ވެއެވެ.

ވިޝްރާމްބާގް ޕޮލިސް ސްޓޭޝަންގެ އޮފިސަރަކު ބުނެފައި ވަނީ ”އޭއެސްއައިގެ އޮފިޝަލުން ހުށަހެޅި ޝަކުވާއާ އެއްގޮތަށް، އޭއެސްއައިގެ ރައްކާތެރިކަމުގެ ދަށުގައިވާ ތަނެއްގައި އަޅުކަން ކޮށްފައިވާތީ، ކާކުކަން ނޭނގޭ ތިން އަންހެނެއްގެ މައްޗަށް  ދަޢުވާ އުފުލާ ކަމަށެވެ.

މި ޝަކުވާ ހުށަހަޅާފައިވަނީ ޤަދީމީ ބިނާތަކާއި އާކިއޮލޮޖިކަލް ސައިޓްތައް ރައްކާތެރިކުރުމުގެ ޤަވާއިދު 1959 ގެ ދަށުން، ހިމާޔަތްކޮށްފައިވާ ބިނާތަކަށް އަމަލުކުރުމުގެ ގަވާއިދާ ޚިލާފުވެފައިވާކަމަށް ބުނެއެވެ.

މި ވީޑިއޯ އާންމުވުމާއެކު، ޕޫނޭ ގެ ބީޖޭޕީއަށް ނިސްބަތްވާ އެމްޕީއާއި ހިންދީންގެ ހައްދުފަހަނައަޅާފައިޥާ ހަރުކަށި ކަނާތު ފިޔައިގެ ޖަމާއަތެއް ކަމަށްވާ ޕަތިތު ޕަވާން ސަންގާތަނާގެ މެމްބަރުން ވަނީ އިއްޔެ ހަވީރު ޝަނިވާރުވާޑާއަށް އެއްވެ، މުޒާހަރާކޮށް މުސްލިމުންނަށް ބަދުބަސް ގޮވާފައެވެ. އަދި އެ އަންހެނުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލާފައެވެ.

މުޒާހަރާގެ ތެރޭގައި އެ މީހުން ވަނީ ހިންދީންގެރ ގޮވަލި ގޮވަމުން ގެރި ގުއި އަދި ގެރީގެ ގޮރު ބޭނުންކޮށްގެން އެތަން ސާފުކޮށްފައެވެ!

އަދި މި މުޒާހަރާގެ ތެރޭގައި ބީޖޭޕީގެ އެމްޕީ ކުލްކަރުނޭ ބުނެފައި ވަނީ ”މި ތަނަކީ ހަމައެކަނި ތާރީޚީ ބިނާއެއް ނޫން، މިއީ މަރާތާގެ ފަޚުރެއް. ހިންދޫ މުޖުތަމަޢުގެ އިހުސާސްތަކަށް އަސަރުކުރާ އެއްވެސް ޢަމަލެއް އެއްވެސް މީހަކު ހިންގާކަށް ހިތްވަރު ނުދޭނަން.“ ކަމަށެވެ.

މި ހާދިސާއަކީ އިންޑިއާގައި އިސްލާމޯފޯބިއާ އާއި ދީނީ ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ހިނގާފައިވާ ކަމެކެވެ.

އައި ލަވް މުހައްމަދު ފަދަ ސްޓިކާތަކާއި ބެނާތައް ގެންގުޅެގެން ބީޖޭޕީގެ ހައްދުފަހަނައަޅާފައިޥާ ޔޯގީ ވެރިކަން ކުރާ ޔޫޕީގައި މސްލިމުންނަށް ގޯވާކޮށް މުސްލިމުންގެ ގެތައް ތަޅައި މުސްލިމުން ހައްޔަރު ކުރެއެވެ. އަދި ޔޫޕީގައި ވަނީ ހަލާލު ލޭބަލް ޖެހުމާއި ހަލާލު މުދާ އުފައްދައި ވިއްކުންވެސް މަނާ ކޮށްފައެވެ.

ހައްދުފަހަނައަޅާފައިވާ ހަރުކަށި ހިންދީންގެ މިފަދަ ހަރުކަށި އަމަލުތައް މަރުކަޒީ ފެންވަރުގައި ފިޔަވަޅު އެޅުމެއް ނޯވެއެވެ.

މި ލިޔުމާ ގުޅޭ