ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މުހައްމަދު އަލީ
އޮކްޓޯބަރ 30, 2025

ހދ. ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އުމުރުން 48 އަހަރުގެ އަލީ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މިމަހު ނަވާވީސް ވަނަ ދުވަހު އެރަށަށް ދިޔަ ބޯޓަކުން މަސްތުވާތަކެތި އެތެރެކުރަން އުޅުމުން ފުލުހުން އެދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ އިންޓަރލިޖެންސް ރިޕޯޓަކާ ގުޅިގެން ނޮޅިވަރަމުގެ ފުލުހުންނާއި، ކުޅުދުއްފުށިސިޓީގެ ފުލުހުން އެއްބައިވެގެންނެވެ.

ހައްޔަރު ކޮށްފައިވާ އަލީ ރަޝީދަކީ ނޮޅިވަރަމް، ޔާދު ގޭ މީހެކެވެ. އޭނާ ވަނީ އެ ބޯޓުން ދެ ޕެކެޓު މަސްތުވާތަކެތި އެތެރެކޮށްފައެވެ. އެތަކެތި ފެނިފައިވަނީ ބޯޓު ބަލައި ފާސްކުރިއިރު ޑަބިޔަލަކާއި، ފޮށިގަނޑެއްގެ ތެރެއިން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ފަނަރަ ދުވަހަށް އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ތަހުގީގު ކުރަމުން ގެންދަވާ ކަމަށެވެ.

މި ލިޔުމާ ގުޅޭ