މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މަސްވެރިންނަށް ލޯނު ދޫކުރަން ފެށުމުން މަސްވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލު އައި ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. މީގެ އިތުރުން މަސްވެރިންގެ އާންމު ދިރިއުޅުމުގެ ހާލަތުވެސް ރަނގަޅުވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް މިހެން ވިދާޅުވީ ދިވެހީންގެ ބޭންކު މުޅި ރާއްޖެއަށް ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އޭނާ ވިދާޅުވީ މަސްވެރިކަމަކީ ދިވެހިރާއްޖޭގެ އިގްތިސާދުގެ މުހިންމު އެއް ސިނާއަތް ކަމަށެވެ. އެހެން ކަމުން މަސްވެރިކަމަށް އެހީތެރިވުމަށް މިފްކޯއާއި އެކު އެއްބަސްވުމެއްގައި ސޮއި ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑި އިރު ތެރޭ މަސްވެރންނަށް ފައިސާ ދޫކުރުމުގެ ނިޒާމެއް ގާއިމް ކުރެއްވުމަށް ކަމަށެވެ. ބަންދު ދުވަހެއް ނުވަތަ ރަސްމީ ދުވަހެއް ކަމުގައިވިޔަސް މި މުއާމަލާތް ފުރިހަމަ ކުރަމުން ގެންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން ދަނީ ބޭންކުގެ ފައިސާ އިން ނޫން ކަމަށާއި، މިފްކޯއަށް ލޯނު ދޫކޮށްގެންވެސް ނޫންކަން ޝަރީފް ފާހަގަކުރެއްވިއެވެ.
މަސްވެރިން މާލިއްޔަތު ދާއިރާގައި ބައިވެރިކުރުމުގެ ގޮތުން މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ޕާސަނަންލް ފައިނޭންސިން ކްރެޑިޓް ކާޑު އަދި ގެދޮރުގަތުމާ އިމާރާތްކުރުމާ މަރާމާތުކުރުން ފަދަ އެކިއެކި ބޭނުންތަކަށް ބިއެމްއެލް އިން ފައިސާ ލިބޭނެގޮތް ހަމަޖެހިގެން ދިއުމަކީ މުޅި މަސްވެރި ސިނާއަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
މަސްވެރިން ބާނާ މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ޖަމާކޮށްދިނުމަކީ ރައީސް މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދެވެ. އެ ވައުދާ އެއްގޮތަށް މިދިޔަ މަސްވެރީންގެ ދުވަހު މަސްވެރީން ބާނާ މަހަށް 48 ގަޑި އިރު ތެރޭގައި ފައިސާ ޖަމާ ކުރަން ވަނީ ފަށާފަ އެވެ.
މަސްވެރިކަމުގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް މިދިޔަ އޭޕްރީލް މަހުން ފެށިގެން ބީއެމްއެލް އިން އަންނަނީ ލޯނު ދޫކުރަމުންނެވެ.






