އިންޑިއާ މެރިޓައިމް ވީކް 2025 މުމްބާއީގައި އިފްތިތާޙްކޮށްފައިވަނީ، ”ޔުނައިޓިންގ އޯޝަންސް، ވަން މެރިޓައިމް ވިޝަން“ މި ޝިއާރުގެ ދަށުންނެވެ. މިއީ ދުނިޔޭގެ މެރިޓައިމް ދާއިރާގެ ބާރަކަށް ވުމަށް އިންޑިއާއިން ހިފާފައިވާ ބޮޑު އަމާޒެއްގެ ރަމްޒެކެވެ. މި ފަސް ދުވަހުގެ ބޮޑު އިވެންޓް އިފްތިތާޙްކޮށްދެއްވީ އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހް އެވެ. މި ހަރަކާތުގައި 100 އަށް ވުރެ ގިނަ ޤައުމުތަކުން 100,000 އަށް ވުރެ ގިނަ ޑެލިގޭޓުންނާއި 500 އެގްޒިބިޓަރުން ބައިވެރިވެއެވެ.
މި އިވެންޓްގެ މައިގަނޑު މަޤްޞަދަކީ އިންޑިއާގެ މެރިޓައިމް ދާއިރާގައި އިންވެސްޓްމަންޓް އިތުރުކުރުމާއި، ބްލޫ އިކޮނޮމީގެ މުސްތަޤުބަލަށް އާ މިސްރާބުތައް ކަނޑައެޅުމެވެ. މީގެ ތެރޭގައި ބަނދަރުތަކާއި އާގު ބޯޓު ބަނުމުގެ މަސައްކަތާއި، ލޮޖިސްޓިކްސް އަދި މެރިން ޓޫރިޒަމް ފަދަ ދާއިރާތަކަށް އިންވެސްޓްމަންޓް ހޯދުމަށް އަމާޒުކޮށްގެން ސަރަހައްދުގެ ސްޓްރެޓީޖިކް ސެޝަންތައް ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި ގްރީން ޝިޕިންގއާއި، އޮޓޮނޮމަސް ވެސަލްސް ބިނާކުރުމާއި، އަދި ހައިޑްރަޖަން ބޭނުންކުރާ ޓަގްބޯޓު ފަދަ އާ އީޖާދުތައް ދައްކާލުންވެސް ހިމެނުނެވެ.
މީގެ އިތުރުން “ޕޯޓްސް އޮފް ދަ ފިއުޗަރ” އާއި ޖެންޑަރ ލީޑަރޝިޕް އަދި ސަސްޓެއިނަބިލިޓީއަށް އަލިއަޅުވާލާ ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. ނޯވޭ، ޖަޕާން، ޔޫއޭއީ ފަދަ ޤައުމުތަކުގެ ބައިވެރިވުމާއެކު ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީފައި ވެއެވެ. މީގެ އިތުރުން، ކޯރުތަކާއި ކަނޑުގެ އައްސޭރިފަށުގެ ކޮމިއުނިޓީތައް ތަރައްޤީކުރުމަށް އާ ސަމާލުކަމެއް ދީފައިވާ ކަންވެސް ސާބިތުކޮށްދީފައި ވެއެވެ.
އިންޑިއާގެ މެރިޓައިމް ވިޝަންގައި އީޖާދާއި، ހވަށައި ޖެހޭ ތަރައްގީއާއި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތައް އެކުލެވިގެންވެއެވެ. މިކަމުގެ ސަބަބުން ކަނޑުގެ އިޤްތިޞާދުގެ މުސްތަޤުބަލް ބައްޓަންކުރުމުގައި މަރުކަޒީ ބާރެއްގެ ގޮތުގައި އިންޑިއާގެ މަޤާމު ވަރުގަދަކުރުމަކީ އަމާޒެއް ކަމަށް އިންޑިއާއިން ބުނެއެވެ.






