ދުނިޔޭގެ އެންމެ ފަނާ ކުރަނިވި ދެ ހަނގުރާމައާއި އަދި އޭގެ ފަހުގެ ބޮޑެތި ހަނގުރާމަތަކަކީވެސް ޔޫރަޕްގެ ހުދު ނަސްލުގެ ސޮލީބީ ނަސާރާއިން ހިންގާފައިވާ ހަނގުރާމަތަކެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގައި އިނގިރޭސިން ދިޔައީ ބައިވެރި ވަމުންނެވެ. އެ ދުވަސްވަރު ވަރުގަދަ ގޮވާ މާއްދާއެއް ޔަހޫދީއަކު އީޖާދު ކުރިއެވެ. އެއީ ޒަޔަނިސްޓުންގެ ލީޑަރު ހާއިމް ވައިޒްމަން އެވެ. އޭނާއަކީ، ޔަހޫދީންގެ ފުރަތަމަ ރައީސަކަށް ވުމުގެ ޝަރަފް އައިންސްޓައިންއަށް ދިނުމުން އެކަން ގަބޫލު ނުކުރުމުން ޔަހޫދީންގެ ފުރަތަމަ ރައީސަކަށްވި މީހާއެވެ.
ވައިޒްމަން އީޖާދު ކުރި ނައިޓްރޯގްލިސެރިން ފޯމިއުލާ އިނގިރޭސިންނަށް ހަދިޔާ ކުރިއެވެ. އޭނާ އެ ފޯމިއުލާ ދިނީ އިނގިރޭސިންގެ ސިޔާސީ ލީޑަރެއް މެދުވެރިކޮށެވެ. އަދި އިނގިރޭސިންނަށް ބޮޑު ހަނގުރާމަ ކާމިޔާބު ވުމަށްއެދި ހެޔޮ ދުއާ ކުރަމުންނެވެ. ވައިޒްމަން އަކީ، ފުރަތަމަ ބޮޑު ހަނގުރާމައަށް އެމެރިކާ ވަނުމަށް އެދި އެމެރިކާގެ ރައީސް ވުޑްރޯ ވިލްސަންއަށް ބާރުއެޅި ޔަހޫދީ މީހާއެވެ.
އެއަށްފަހު ވައިޒްމަންއާއި އިނގިރޭސި ސިޔާސީ ލީޑަރާ ދެމެދު ގުޅުން ބަދަހި ވެގެން ދިޔައެވެ.
މިއިނގިރޭސި ސިޔާސީ ލީޑަރަކީ މާތްﷲ އެމީހަކަށް ތާއަބަދަށް ލަޢުނަތް ލެއްވި އާތަރު ބެލްފޯރެވެ!
އެއީ 1906 ވަނަ އަހަރެވެ. ވައިޒްމަންގެ އެހީތެރިކަމަށް ޝުކުރު އަދާކުރަމުން ބެލްފޯރު ބުނީ، ”ހަނގުރާމަ ނިމުނުހައި އަވަހަކަށް ކަލޭމެންނަށް ގުދުސް ލިބިގެން ދާނެ“ ކަމަށެވެ.
އިނގިރޭސިންގެ އިގްތިސާދަށް ފައިސާ އަޅަމުން ދިޔައީ ޔަހޫދީންނެވެ. ޔަހޫދީ ރޮޗައިލްޑް އާއިލާއިންނެވެ. މުއްސަނދި ޔަހޫދީ ބެރަން ލޯޑް ލިއޮނަލް ވޯލްޓަރ ރޮޗައިލްޑަށް ފޮނުއްވި ސިޓީއެއްގައި ބެލްފޯރު ބުނެފައި ވަނީ ”ފަލަސްޠީނުގައި ދިރުއުޅޭ 7 ލައްކަ މީހުންނަށް ބަލާކަށް ބޭނުމެއް ނޫން“ ކަމަށެވެ.

މީގެ 108 އަހަރު ކުރީގެ މިފަދަ ދުވަހެއްގައި، 2 ނޮވެމްބަރު 1917ގައި މަލްޢޫނު ބެލްފޯރު ލިޔުނު ސިޓީގައި އޭނާ ވަނީ ”ފަލަސްތީނުގައި ޔަހޫދީނަށް ގައުމީ ވަޒަނެއް“ ގާއިމް ކޮށްދޭނެ ކަމަށް ބުނެފައެވެ. މަލްއޫނު ބެލްފޯރުގެ މި ސިޓީ ދުނިޔެއަށް މަޝްހޫރުވެފައިވަނީ ”ބަލްފޯރު އިޢުލާން“ ގެ ނަމުންނެވެ.
މަލްއޫނު ބެލްފޯރު ވަނީ އޭނާގެ ގަލަމު ތުނޑުން، ބިންމުގެ ހައްގުވެރިންގެ އަތުން ބިން ފޭރިގަނެ، އެ ބިމަށް ބީރައްޓެހި ބަޔަކަށް އެބިން މިލްކުވެރިކޮށް ދީފައެވެ. މިހުރިހައި ކަމެއް ހިނގަނީ، އިނގިރޭސި ތާޖުގެ ނަމުގައި އިނގިރޭސި ރަދުންނަށް އަންގައިގެންނެވެ.
މާތްﷲ އެމީހަކަށް ލަޢުނަތް ލެއްވި، އާރތަރް ޖޭމްސް ބެލްފޯރް އުފަންވީ 1848 ވަނަ އަހަރު ސްކޮޓްލޭންޑްގެ ވިޓިންހަމް އަށެވެ. އޭނާގެ ބައްޕައާއި ކާފައަކީ ސްކޮޓްލޭންޑްގެ ޕާލަމެންޓްގެ މެންބަރުކަން ކުރި މީހުންނެވެ.
ކެމްބްރިޖް ޔުނިވާސިޓީގައި ކިޔަވައި 1869 ވަނަ އަހަރު ޑިގްރީ ހާސިލް ކުރިއެވެ. އަދި، އެގެ 5 އަހަރު ފަހުން އިނގިރޭސި ޕާލަމެންޓަށް އިންތިޚާބުވިއެވެ. އުމުރުން 39 އަހަރުން ފެށިގެން ވަޒީރުކަމުގެ މަގާމުތައް ލިބެން ފެށިއެވެ. އޭގެ ފަހުން 1902 ން 1905 ށް އިނގިރޭސިންގެ ބޮޑުވަޒީރުކަން ކުރި އެވެ.
މަލްޢޫނު ބެލްފޯރަކީ ކޮންޒަވޭޓިވް ޕާޓީން އިންތިޚާބުވި މީހެކެވެ. 1916 ވަނަ އަހަރު އޭނާ އިނގިރޭސިންގެ ޚާރިޖީ ވަޒީރުކަން ކުރިއެވެ. ފަހުން، 1925 އިން 1929 އަށް އިނގިރޭސިންގެ ޕާލަމެންޓްގެ މަތިގޭގެ ރައީސްކަން ކުރިއެވެ.
ބެލްފޯރު ޔަހޫދީންނަށް ފަލަސްޠީނުގެ ބިން ހިބަ ކޮށްދޭނެ ކަމަށް ބުނެ ސިޓީ ދިނުމުން ފަރަންސޭސިންވެސް އެކަމާ ނުތަނަވަސްވިއެވެ. މި ދެގައުމަކީ އެއިރުގެ ބޮޑު ދެ އިސްތިއުމާރީ ބާރެވެ.
އެއިރު އިސްތިއުމާރުގެ ހަން ފެތުރުމާއި ގައުމުތައް ބަހާލުމުގައި އިސްކޮށް މިދެ ގައުމުން، ނަން މަޝްހުރު ދެމީޙަކު އުޅުނެވެ. މިހާރު ގައުމުތަކުގެ މެދުގައި ފެންނާން މިހިރަ ސަރަހައްދީ ރޮގުތަކަކީ މި ދެމީހުން ކުރަހާފައިވާ ރޮނގުތަކެވެ. އެއީ، އިނގިރޭސިންގެ ސައިކަސްއާއި ފަރްނސޭސިންގެ ޕީކޯއެވެ.
ފަލަސްޠީނު ޔަހޫދީންނަށް ދޭން އިނގިރޭސިން ނިންމުމުން، ޕީކޯ ގާތަށް ރުޅިއައެވެ. ޕީކޯ ބުނީ ފަރަންސޭސިންވެސް މިތިބީ އުސްމާނީ ޚިލާފަތުން ފަލަސްޠީނު ނިގުޅައިގަނެ، އެތަން އިސްތިއުމާރު ކުރުމަށްފަހު ޔަހޫދީން ފަލަސްޠީނުގައި ވަޒަންވެރި ކޮށްދޭން ތައްޔާރަށް ކަމަށެވެ. ދެ ފަރާތުންވެސް ބޭނުންވީ ދުނިޔޭގެ ޒަޔަނިސްޓުން ރުއްސާށެވެ.
މަލްޢޫނު ބެލްފޯރު ޔަހޫދީންނަށް ވެފައިޥާ ވައުދު ސާބިތުކޮށް ދިނުމަށްޓަކައި އިނގިރޭސިން ފަލަސްޠީނު ހިފިއެވެ. އަދި ޖޯޑަން ކޯރުގެ އިރުމަތީ އައްސޭރިވެސް އިނގިރޭސިންގެ އަތްދަށަށް ގެނައެވެ. (ޖޯޑަންގައި ހާޝިމީ ޚާންދާންގެ ރަސްކަން އިނދުނު ގޮތުގެ މައުލޫމާތު ހޯއްދަވާށެވެ!) އަދި އިނގިރޭސިންނަށް ލިބުނު ޣަނީމާގެ ބަދަލުގައި ލުބުނާންއާއި ސޫރިޔާ ފަރަންސޭސިންގެ އިސްތިއުމާރުގެ ދަށަށް ގެންދިއުމަށް އިނގިރޭސިން ރުހުނެވެ.
އިނގިރޭސިވިލާތުން ފަލަސްތީނު ހިފީ، ޖެނެރަލް އެލެންބީގެ ލީޑަރޝިޕްގެ ދަށުންނެވެ. މަލްޢޫނު ބެލްފޯރުގެ ވައުދު ތަންފީޒު ކުރުމުގެ މަސައްކަތް ހަވާލުވީ މި އެލެންބީއާ އެވެ. ޖޯޑަންގައި މީނާއަށް ޝުކުރުވެރިވެ ބައެއް ތަންތަނަށް މީނާގެ ނަމުން ނަން ދީފައި ވާނެއެވެ. އެގޮތުން ޖޯޑަން ކޯރު ހުރަސްކުރާ ފާލަމަށްވެސް ނަން ދީފައިޥާ މީނާގެ ނަމުންނެވެ.
މަލްޢޫނު ބެލްފޯރު ޔަހޫދީންނަށް ކޮށްދޭން ވައުދުވިކަން ކޮށްދިނުމަށްފަހު 1922 ވަނ އަހަރު ސިޔާސީ މައިދާނުން އޭނާ އެކަހެރިވި އެވެ. އޭގެ 3 އަހަރު ފަހުން އޭނާ ފެނުނީ ހިފާފައިވާ ފަލަސްޠީނުގައި ޔަހޫދީންގެ އިބްރާނީ ޔުނިވާސިޓީ ހުޅުވުމުގެ ހަފްލާގައެވެ.
އެ ދަތުރުގައި އޭނާ މިޞްރާއި ފަލަސްޠީނާއި ދިމިޝްޤަށް ޒިޔާރަތް ކުރިއެވެ. ކޮންމެ ތަނަކުންވެސް އޭނާއަށް މަލްޢޫނަށް ގޮވައި ލައުނަތް ލެއްވުމަށް ބަދު ދުއާ ކުރަމުން މީހުން މުޒާހަރާ ކުރިއެވެ. މި މުޒާހަރާތަކާ ގުޅިގެން އޭނާ ދަތުރު ކުރުކޮށްލައި ސިއްރިއްޔާތުގައި އިނގިރޭސިވިލާތަށް ގެންދަން މަޖުބޫރުވިއެވެ.
މި ދަތުރު ވެގެން ދިޔައީ އޭނާއަށް ނަފްސާނީ ބައްޔެއް މެދުވެރިވެ ޑިޕްރެޝަންއާ ކުރިމަތިލާން ޖެހުނު ދަތުރަކަށެވެ. އެކަމަކުން އޭނާއަށް އަރައެއް ނުގަނެވުނެވެ.
މަލްޢޫނު ބެލްފޯރުގެ ދަތުރާއި އޭނާގެ އެ ދުވަސްތަކާ ބެހޭ ގޮތުން މިސްރުގެ އަލްއަހުރާމް ނޫހުގެ އަރުޝީފްގައި އެހާދިސާތައް ހިމަނާފައި ވެއެވެ.
މަލްޢޫނު ބެލްފޯރު، 1930 ވަނަ އަހަރު މަރުގެންނެވުމާ ހަމައަށް ދިރިއުޅުނީ އެކަހެރިކޮށް ނަފްސާނީ ބައްޔެއްގައެވެ!
މާތް ﷲ ތާއަބަދަށް އޭނާއަށް ލަޢުނަތް ލައްވާށި! އާމީން!







