ފަސް ގަރުނަށް ވުރެ ދިގު މުއްދަތެއް ވަންދެން މެދު ނުކެނޑި ޗައިނާގައި މިލިއަނުން މީހުން ކުޅު ޖަހައި ތަފާލި ޖަހާ ދެމަފިރިންނަކީ ކިން ހުއީ އާއި އޭނާގެ އަނބިމީހާއެވެ.
މި ދެމީހުން ރަމުޒު ކޮށްދޭ ދެ ބުދު ވަނީ ހަންޒޫގައި ބަހައްޓާފައެވެ. ކޮންމެ ދުވަހަކު މީހުން ކުޅު ޖަހައެވެ. އަދި ތަފާއްޔެއް ޖަހާފައި ނޫނީ ނުދެއެވެ. މި ދެމަފިރިން ގެ ބުދު ބަހައްޓާފައި ވަނީ އިސްދަށަށް ޖަހައި ފުރަގަހަށް އަތް ބަނދެފައެވެ.
އެއީ ދުވަހަކު ވެސް ހަނދާން ނައްތައި ނުލެވޭ ވަރަށް ގައުމަށް ޚިޔާނާތްތެރި ވެފައިވާ ދެމަފިރިން ކަމަށް ބުނެއެވެ. އަދި މި ދެ މަފިރިންނަށް ނަފްރަތު ކުރުމަކީ މިހާރު ސަގާފަތުގެ ބައެކެވެ.
މިމީހުންގެ ބުދު ބަހައްޓާފައި ވަނީ މިމީހުން ޚިޔާނާތްތެރިވި ގައުމީ ބަޠަލުގެ މަހާނަ ކުރިމަތީގައެވެ.
ކޮންމެ ދުވަހަކު ވެސް، އެތައް ސަތޭކަ މީހުން މިތަނަށް ޒިޔާރަތްކޮށް އެ ބުދުތަކަށް ކުޅު ޖަހައި އަދި ބައެއް މީހުން ކޮޅުފައިންވެސް ޖަހައެވެ.
މި ބުދުތައް ބެހެއްޓީ 15 ވަނަ ގަރުނު ގައެވެ. އެއަށް ފަހު 11 ފަހަރަށް މި ބުދުތައް އައުކޮށް ބަދަލުކޮށްފައި ވެއެވެ.
މއިން ދައްކައި ދެނީ ކިން ހުއީ އާއި އޭނާގެ އަނބިމީހާގެ ގައުމީ ޚިޔާނާތުގެ ހަނދާން، ޗައިނާގެ ރައްޔިތުންގެ ހިތްތަކުން އަދިވެސް ފިލައިގެން ނުދާކަމެވެ.






