އައްޑުއަތޮޅު ހުޅުދު އާއި މީދު އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވައިފިއެވެ. އެމަނިކުފާނު މިގޮތަށް ކަނޑައެޅުއްވީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރަށް އިސްލާހު ގެންނަވައިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު އިޞްލާޙުކުރައްވާފައި ވަނީ، އައްޑުއަތޮޅު ހުޅުދު އާއި މީދު އާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޓަކައި 2025 އޮކްޓޫބަރު 25 ވީ ހޮނިހިރު ދުވަހު ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، އައްޑުއަތޮޅު ހުޅުދޫއަށް ޚާއްޞަކޮށްގެން އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެންނަކަމުގައި އައްޑުއަތޮޅު ހުޅުދޫގެ ރައްޔިތުން ނިންމާފައިވާތީ އެވެ. ހަމަ އެހެންމެ އައްޑުއަތޮޅު މީދޫއަށް ޚާއްޞަކޮށްގެން މީދޫ ކައުންސިލް އުފައްދަން ފެންނަކަމުގައި އައްޑުއަތޮޅު މީދޫގެ ރައްޔިތުން ނިންމާފައިވާތީ، ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ޢަމަލުކުރެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް އިޞްލާޙުކުރައްވައި އިއްޔެ ޝާއިޢުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ ޤަރާރުގައި، މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ”އައްޑޫ“ އަކީ ”އައްޑޫ ސިޓީ“ ކަމުގައި ކަނޑައަޅައި، ”އައްޑޫ ސިޓީ“ ގައި ހިމެނޭނީ އައްޑުއަތޮޅު ”ހިތަދޫ“ އާއި، އައްޑުއަތޮޅު ”މަރަދޫ“ އާއި، އައްޑުއަތޮޅު ”މަރަދޫފޭދޫ“ އާއި، އައްޑުއަތޮޅު ”ފޭދޫ“ ކަމަށާއި، ”އައްޑޫ“ ގެ އިޙްތިސާސްގެ ބައެއްގެ ގޮތުގައި އޮތް ”ހުޅުދޫ“ އާއި ”މީދޫ“ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފައެވެ.
މި އިޞްލާޙާއެކު، އައްޑޫހުޅުދޫ އާއި އައްޑޫމީދޫ ވަނީ، މީހުން ދިރިއުޅޭ ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިތުރުކޮށްފައެވެ. އަދި ”އައްޑޫ“ އަކީ ”އައްޑޫ ސިޓީ“ ކަމަށާއި، އައްޑޫ ސިޓީގައި ހިމެނެނީ އައްޑުއަތޮޅު ހިތަދޫ އާއި، އައްޑުއަތޮޅު މަރަދޫ އާއި، އައްޑުއަތޮޅު މަރަދޫފޭދޫ އާއި، އައްޑުއަތޮޅު ފޭދޫ ކަމުގައި ބަޔާންކޮށް، ޤަރާރުގެ ޖަދުވަލެއްގެ ގޮތުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކުރައްވައިފައި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައި އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.






