އެމެރިކާގެ ކުރީގެ ނައިބު ރައީސް ޑިކް ޗޭނީ މަރުވެއްޖެ

އިބްރާހީމްް ސަމީރު
ނޮވެމްބަރ 4, 2025

އެމެރިކާގެ ކުރީގެ ނައިބު ރައީސް ޑިކް ޗޭނީ، އުމުރުން 84 އަހަރުގައި މިއަދު މަރުވެއްޖެއެވެ. ޗޭނީއަކީ ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި އިރާގާއި އަފްޣާނިސްތާން ސުންނާފަތިކޮށްލި ހަނގުރާމައަށް ރޭވި އެކަކެވެ. އޭނާ މަރުވުމާއެކު، އަފްޣާނިސްތާނާއި އިރާގު އިސްތިއުމާރު ކުރުމުގެ ނިންމުންތައް ފައްކާކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ފަނާވެފައެވެ.

މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރި މި ހަތަރު މީހުންގެ ތެރެއިން މަރުގެންނެވުނު ތިން މީހުންނަކީ މިއަދު މަރުވި ޗޭނީއާއި، ހަނގުރާމައާ ބެހޭ ވަޒީރު ޑޮނަލްޑް ރަމްސްފެލްޑް އަދި އިރާގު ހަލާކުކޮށްލުމަށް ދުނިޔެއަށް ދޮގު ވާހަކަ ފެތުރި ކޮލިން ޕަވަލް އެވެ. މި ހަތަރު މީހުންގެ ތެރެއިން ދެން ބާކީ ހުރީ އެންމެ މީހެކެވެ. އެއީ މިވެރިންގެ މުގުލުގައި ހުރި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްއެވެ. ބުޝްގެ މިހާރުގެ އުމުރަކީ 79 އަހަރެވެ.

މި 4 މީހުންނަކީ މިލިއަނަކާ ގާތްކުރާ އަދަދަކަށް މުސްލިމުން ޝަހީދު ކޮށްލާފައިވާ މީހުންނެވެ. އެ ހަނގުރާމަތަކަށް 1.4 ޓްރިލިއަން ޑޮލަރު ހޭދަކޮށް އެއިން ފައިދާ ނެގި މީހުންނެވެ.

މިމީހުން މުސްލިމުންނަށް އަނިޔާ ކުރުމަށް ބިނާކުރި ޖަލުތަކަކީ އެކަންކަމުގެ ވޭންދެނިވި އަޒާބު ލިބޭނެ ކަންކަމެވެ. އޭގެ ތެރޭގައި އިރާގުގެ ނަންހުތުރު އަނިޔާވެރި އަބޫޣްރައިބް ޖަލާއި ކިއުބާގެ ގުއަންޓަނާމޯ ބޭ ގެ އަނިޔާވެރި ޖަލު ހިމެނެއެވެ.

އަބޫޣްރައިބްގައި، މުސްލިމުން އޮރިޔާމުން ބައިތިއްބައި، ބޮލުގައި ގޯނި އަޅައި، އެކެއްގެ މަތީގައި އަނެކަކު ބާއްވައިގެން އެމެރިކާ ސިފައިން ފޮޓޯނަގައި، ގަޔަށް ފަހަރުވަލައި، ކަރަންޓު ޖައްސައިގެން އަނިޔާކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

2004 ވަނަ އަހަރު ކުރިއަށް ގެންދިޔަ އެމެރިކާ ސިފައިންގެ ތަހުގީގެއްގައި ސާބިތުވެފައި ވަނީ މިކަމަކީ އަމަލީ ގޮތުން ބޭނުންތެރި މައުލޫމާތު ހޯދުމަށް ބުޝްގެ ދިފާއީ ވަޒީރު ރަމްސްފެލްޑްގެ ފިއްތުމަށް އެމެރިކާގެ އަސްކަރީ ޖާސޫސީ އޮފިސަރުން މި މީހުންނަށް ކުރި އަނިޔާތައް ކަމަށެވެ. ނިދި ނިގުޅައި ގަތުމާއި އަނިޔާތަކަށް ކެތް ނުކުރެވިގެން ގައިދީންގެ 12 މީހަކު ޝަހީދުވެފައިވާއިރު، އެތައް ސަތޭކަ ބަޔަކަށް ނަފްސާނީ މައްސަލަތައް ލިބިފައިވެއެވެ. ފަހުން އެމެރިކާގެ ދިފާއީ ވުޒާރާއިން ވަނީ ބަންދުގައި ބައިތިއްބައިގެން އަނިޔާކުރި މީހުންގެ ތެރެއިން 90 ޕަސެންޓު މީހުންނަކީ ކުށެއް ނެތް ބަޔެއް ކަމަށް އެއްބަސްވެފަ އެވެ.

ގުއަންޓަނާމޯ ޖަލު 2002 ވަނަ އަހަރުގެ ޖެނުއަރީ މަހު ހުޅުވައި، އެތާނގައި 779 މުސްލިމުން ބަންދުކޮށް އަނިޔާކުރެވުނެވެ. ޑިކް ޗޭނީ މަރުވުމާއެކު މި ހަނގުރާމަވެރި ނިންމުންތަކުގައި ބައިވެރިވި މައިގަނޑު ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ފަނާވެ ދިޔައީއެވެ.

މި ލިޔުމާ ގުޅޭ