ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ހުޅުވުނީ އެގްރީމެންޓުގައި ބުނެފައިވާ ތާރީޚުގައި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ސަރުކާރުގައި ފަށައިފައިވާ މި އެއަރޕޯޓުގެ މަސައްކަތް އެއްކޮށް ނިންމައި ހުޅުވައިފައިވަނީ ރޭގައެވެ. ހުޅުވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި އެއަރޕޯޓު ހުޅުވުމަށްފަހު އެކަމުގެ އުފާ މިސަރުކާރުން ދަނީ ކުރަމުންނެވެ. އެކަމާ ގުޅިގެން އެކްސްގައި އަމީރު ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނިމުމުން ވަރަށް ފޯރީގައި އެބަ ހުޅުވާ. ސަރުކާރު ބަދަލުވިއިރު ނިމިފަ ހުރީ %30 އޭ އެބަ ބުނޭ. އަދި ތިމަން މަނިކުފާނު ގެ ސަރުކާރާއި ހަވާލުވެގެން މަސައްކަތުގެ ސްޕީޑް އަވަސްކޮށް ނިންމި ވާހަކަ އެބަބުނޭ،“ އަމީރު ވިދާޅުވެފައިވެއެވެ. ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވިޔަސް އަމީރު ވިދާޅުވެފައިވަނީ ”އެކަމަކު- ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓް ވެސް ހުޅުވުނީ، ކުރިން އަޅުގަނޑުމެންވެސް ބުނަމުން އައި ހަމަ އެގްރިމެންޓްގަ މަސައްކަތް ނިންމަން އޮތް ތާރީޚަށް. ހަމަ އެހެން ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓްވެސް. މަސައްކަތް ނިންމާ އެއަޕޯޓް ހުޅުވަން ވަރަށް ގިނަ ތާރީޚްތައް ދިން. އެކަމަކު ހުޅުވުނީ ހަމަ ކުރީ ސަރުކާރުގަ ވެސް އޮތް ގޮތަށް، އެގްރިމެންޓްގަ އިން މުއްދަތަށް. ވީ އަވަހެއް ނެތް،“ ކަމަށެވެ. ”ތިޔަ ބޭފުޅުންނަށް ހަމައެކަނި ކުރެވޭނެ ކަމަކީ މީހުން ވާ ވެއްދުން! އެހެންކަމެއް ނުކުރެވޭނެ،“ އޭނާ ވިދާޅުވެފައިވެއެވެ.






