”ވާނުވާ ބަންދުގައި“ ބަޔަކު ތިބެގެން ނުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ކޯޓު މަރުހަލާގެ ތެރެއިން ނިންމަންޖެހިފައި ހުރި މައްސަލަތައް ވީ އެންމެ އަވަހަކަށް ނިންމެވުމަށް ގޮވާލައްވައި، ޢަދުލުވެރިކަމާއި، އިންސާފުވެރިކަމާއެކު އެކަން އެގޮތަށް ކުރައްވާނެކަމުގެ ސައްތަ އިންސައްތަ ޔަގީންކަން ޖުޑީޝަރީގެ މައްޗަށް އެބައޮތް ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ”ވާނުވާ ބަންދު“ގެ މައްސަލައަށް ނިމުން ގެނެސްދެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށެވެ. އެކަން އެގޮތަށް ކުރުމަށް ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތަކެއް ހުރި ކަމަށާ، ސަރުކާރުން މިހާރުވެސް އެ ރޮނގުން މަސައްކަތްތައް ކުރައްވާފައިވާކަން ވެސް ރައީސް ހަމަކުރެއްވިއެވެ.
މިކަމަށް އިސްކަންދެއްވައިގެން ޖުޑީޝަރީއަށް ބޭނުންވާ ޖާގަ ހަމަޖައްސަވައިދެއްވުމާއި، ދަޢުލަތުގެ ބަޖެޓު ކަނޑައަޅުއްވުމުގައި ޖުޑީޝަރީގެ ބަޖެޓް ވަކިކޮށްދެއްވާފައި ވަނީވެސް، މި ސަބަބާހެދިކަމުގައި ރައީސް ވިދާޅުވިއެވެ.
އެގޮތުން ޖުޑީޝަރީގެ ތެރެއިން ނިންމަންހުރި ކަންކަން ނިންމުމަށް ސަރުކާރުން ކޮށްދޭންޖެހޭކަންކަމުގެ ތެރޭގައި، ޤާނޫނީ އިމުގެ ތެރެއިން ގެންނަންޖެހޭ އިސްލާހެއް ކަމުގައި ވީ ނަމަވެސް، އެކަމަކަށް ބޭނުންވާ އެއްބާރުލުން ސަރުކާރުން ދެއްވުމާއި، ޝަރުޢީ ނިޒާމާއި ޤާނޫނު ހެދުމުގެ ނިޒާމުގެ ކަންކަމުގައި ސަރުކާރުން ދެމި އޮންނާނީ ޗެކް އެންޑް ބެލަންސް ގާއިމުކުރުމުގައި ފުރިހަމައަށް އެއްބާރުލުންދިނުމުގައިކަމުގައި ވިދާޅުވިއެވެ.






