އެންމެ މުހިންމު ކަމަކީ ދެފުށް ފެންނަ ގޮތަށް ރައްޔިތުންނަށް ޚިދުމަތް ދިނުން: ރައީސް

މުހައްމަދު އަލީ
ނޮވެމްބަރ 12, 2025

ޖުމްހޫރީ ވެރިކަމެއްގައި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، އެންމެ މުހިންމުވާ ކަންކަމަކީ، ދެފުށް ފެންނަގޮތަށް، އިންސާފުވެރިކޮށް، ޢަދުލުވެރިކޮށް ޚިދުމަތްދިނުން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަސްފާހަގަ ކުރަން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިކަން ކުރުމުގައި އޮތް އެންމެ ބޮޑު ވަބާއިން ސަލާމަތްވުމަށްޓަކައި، ޑިޖިޓަލައިޒޭޝަންގެ ތެރެއަށްދާން ނިންމި ކަމަށެވެ. ”މި ނިންމުމަކީ، އެންމެ ބޮޑަށް އަޅުގަނޑު ފާހަގަކުރަން ބޭނުންވާ ކަންތައް. މިކަން ކާމިޔާބު ވާނީ، އެންމެންވެސް މިކަން ބަލައިގަނެގެން، އެމްބްރޭސް ކޮށްގެން، މިކަން ކުރަން ނިންމައިގެން، ބޭނުންވެގެން. އަޅުގަނޑުމެން ކޮރަޕްޝަންގެ ޢަމަލުތަކާ ދުރަށްދާން ނިންމި ވަރަކަށް، އަޅުގަނޑުމެންނަށް ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ދެވޭނީ،“ ރައީސް ވިދާޅުވިއެވެ.

”ދެވަނަ ކަމަކަށް އަޅުގަނޑު ފާހަގަކޮށްލާނީ، ދައުލަތް ހިންގުން ހަރުދަނާކުރުމަށްޓަކައި އަޅުގަނޑު ވީ ވަޢުދުގެ ތެރެއިން، މިހާރު ކުރިއަށް އޮތް އަހަރަށް ހުށަހެޅިފައިވާ ބަޖެޓުގައި އެވަނީ، ޝަރުޢީ ދާއިރާ އޭގެ އަސްލު މާނައިގައި މިނިވަން ކޮށްފައި. ހިންގުން ވަކިކޮށްދީފައި. ޚިދުމަތް ދިނުމުގައި އަމިއްލައަށް ޚަރަދުކުރެވޭނެ ގޮތް ގާއިމުކޮށްދީފައި. ބަޖެޓުގެ ވަކި އިންސައްތައެއް، އެއީ، މުޅި ޖުޑިޝަރީއަށް ކަނޑައަޅައި، ވަކި އިންސައްތައެއް ގޮތުގައި ކަނޑައަޅައި، ވަކި އެކައުންޓެއް އެމް.އެމް.އޭގައި އުފައްދައި، އެ އެކައުންޓް ތެރެއިން ޖުޑިޝަރީގެ ޚަރަދުތައް ކުރެވޭނެގޮތް، ޖުޑިޝަރީގެ އަތްމައްޗަށް ދޫކޮށްލަނީ،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިނިވަންކަމާ އެކީގައި ޚިދުމަތް ކުރުމުގައި، އެއީ ވަސީލަތުގެ ގޮތުން ކަމުގައިވިޔަސް، މުޒައްޒަފުން ހޯދުން ކަމުގައިވިޔަސް، އަދި އެހެން ގޮތްގޮތުން ވިޔަސް، އެ ބަޖެޓުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރެވޭނެގޮތް، ކޮންމެ ދުވަހަކު ވަކި ތަނަކުން ހުއްދަ ހޯދަން ނުޖެހޭގޮތަށް އެކޮމިޝަން މިހާރުވާނީ މިނިވަންކޮށްފައި ކަމަށެވެ.

 

މި ލިޔުމާ ގުޅޭ