ގަވާއިދާ ޚިލާފަށް އުޅެމުންދަނީ ފަނަރަ ޕަސެންޓު ބިދޭސީން

މުހައްމަދު އަލީ
ނޮވެމްބަރ 12, 2025

ބޮޑެތި ރެއިޑް އޮޕަރޭޝަންތަކުގަ ޗެކް ކުރެވުނު ބިދޭސީންގެ ތެރެއިން 85 އިންސައްތަ ބިދޭސީން ތިބީ ޤަވާއިދާ އެއްގޮތަށް ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) އަޙްމަދު ފަސީޙް ވިދާޅުވެއްޖެއެވެ.

ކޮންޓްރޯލަރ މިހެން ވިދާޅުވީ ”މޯލްޑިވްސް 2.0“ މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފަސީޙް ވިދާޅުވީ ދިވެހިރާއްޖޭގަ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސްގެ ސީދާ ބެއްލެވުމުގެ ދަށުން ފެއްޓެވި އިހުލާސްތެރި މަސައްކަތްތަކުގެ ފޮނި ނަތީޖާ މިވަނީ ފެންނަން ފަށާފައި ކަމަށެވެ.

މި މަސައްކަތްތައް އެންމެ ފުރަތަމަ ފެށިގެން އައިއިރު ރެއިޑް އޮޕަރޭޝަންތަކުގަ ޗެކްކުރެވުނު ގިނަ ޢަދަދެއްގެ ބިދޭސީން ތިބީ ދައުލަތަށް ދައްކަންޖެހޭ ވާރކް ޕާރމިޓް ފީ ނުދައްކައެވެ. އަދި މަސައްކަތްކުރުމަށް ހުއްދަ ދޫކޮށްފަވާ ސައިޓް ނޫން އެހެން ސައިޓްތަކުގައި ވާރކް ވިސާ ނެތި،  ޤަވާއިދާ ޚިލާފަށް ބިދޭސީން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެވެނު ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ނަމަވެސް މިއަދު އެމަންޒަރު ބަދަލުވާން ފަށާފައިވާ ކަމަށާއި މިފަހުން ކުރިއަށް ގެންދެވުނު ބޮޑެތި ރެއިޑް އޮޕަރޭޝަންތަކުގަ ޗެކް ކުރެވުނު ބިދޭސީންގެ ތެރޭން 85 އިންސައްތަ ބިދޭސީން ތިބީ ޤަވާއިދާ އެއްގޮތަށް ކަމަށް ފަސީޙުސީޖީ ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ފަށައިފައެވެ. އަދި ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ވެސް މިހާރު ވަނީ ފަށާފައެވެ.

މި ލިޔުމާ ގުޅޭ