ޝާމިލް ލޯގޯ އިފްތިތާޙްކޮށް، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށް އިޖުތިމާއީ އަދި އާއިލާ ތަރައްގީއާ ބެހޭ ވުޒާރާއިން ޚާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ. މިއީ ”ޝާމިލް 2025“ ގެ ނަމުގައި ބާއްވާ ހަރަކާތެކެވެ.
”މިއީ އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކާއި ހުނަރުތައް އެއްތަނަކުން ދައްކާލުމާއި، އަދި އެ ފަރާތްތަކުގެ އުފެއްދުންތައް އާންމުންނަށް ވިއްކޭނެ މަގުތަނަވަސްކޮށްދިނުމާއި، އެފަރާތްތައް އިގްތިސާދީގޮތުން ބާރުވެރިކުރުމުގެ އަމާޒުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ،“
މި ހަރަކާތުގެ ތެރެއިން ސަގާފީ ތަފާތު ހަރަކާތްތައް ދައްކާލުމާއި، މުނިފޫހިފިލުވުމުގެ އައިޓަމްތައް ވެސް އިސްރަށްވެހިން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާނެހެން ކުރިއަށް ގެންދެވޭނެއެވެ.
’ޝާމިލް ލޯގޯ‘ އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަސައްކަތްތެރިކަން ފާހަގަކޮށް، އެފަރާތްތަކަށް ދެމެހެއްޓިނިވި އާމްދަނީ ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ތަޢާރަފްކުރެވޭ ޚާއްޞަ ބްރޭންޑެއް ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މި ލޯގޯ ވެގެންދާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމަށް ލިބޭ އިތުރު ބާރަކަށެވެ.
މި މަސައްކަތަކީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި ބިޒްނަސް ކޯޕަރޭޝަން ސެންޓަރާ ގުޅިގެން ކުރިއަށް ގެންދާ ކަމަކެވެ.
”ޝާމިލް 2025“ ކުރިއަށްދިއުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 13 ވަނަ ދުވަހުގެ ހަވީރު 16:00-18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް އަދި ނޮވެންބަރ 15 އަދި 16 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. މި ހަރަކާތްތައް ކުރިއަށްދާނީ ނޭޝަނަލް އާޓް ގެލަރީގައެވެ.






