ބޯއިންގ އިން 35 މިލިއަން ޑޮލަރުގެ ބަދަލު ދޭން ނިންމައިފި

އިބްރާހީމްް ސަމީރު
ނޮވެމްބަރ 13, 2025

ބޯއިންގ ކުންފުނިން ވަނީ އެކުންފުނީގެ ފެންވަރު ދަށް އުދުހޭ ބޯޓުތައް ވެއްޓިގެން މަރުވެފައިވާ މީހުންގެ އާއިލާއަކަށް ބަދަލު ދޭން ނިންމާފައެވެ. އެގޮތުން، 2019 ވަނަ އަހަރު އިތިއޯޕިއާގައި ހިނގި 737 ބޯއިންގ މެކްސް މަރުކާގެ ބޯޓުގެ ހާދިސާގައި މަރުވި އ.ދ. ގެ އިންޑިއާ މުވައްޒަފެއްގެ އާއިލާއަށް 35 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ބަދަލުގެ ގޮތުގައި ދޭން ވަނީ ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ޝިކާގޯގެ ފެޑެރަލް ކޯޓެއްގެ ތަހުކީމް ކޮމިޓީ، ޖޫރީއަކުންނެވެ. އެމެރިކާގެ މި ކުންފުނިން މިހާރު ވަނީ އެ އާއިލާއަށް ދޭންޖެހޭ ޖުމްލަ ބަދަލުގެ އަދަދު ކަނޑައަޅާފައެވެ.

އެމެރިކާގެ ބޯއިންގ ކުންފުނިން އެ އާއިލާއަށް 28 މިލިއަން ޑޮލަރު ދިނުމަށް ބުދަ ދުވަހު ކޯޓުން ވަނީ އަމުރުކޮށްފައެވެ. ނަމަވެސް، އެކްސިޑެންޓުގައި މަރުވި ޝައިޚާ ގާގްގެ ފިރިމީހާއާ އެކު ކޯޓުން ބޭރުގައި އެއްބަސްވުމަކަށް އާދެވިފައިވާތީ، އިތުރު 3.45 މިލިއަން ޑޮލަރު، އަދި 26 އިންސައްތައިގެ އިންޓްރެސްޓާއެކު ބޯއިން އިން ދޭން ޖެހެއެވެ. އެހެންކަމުން، ގާގްގެ އާއިލާއަށް ބޯއިންގ އިން ދޭންޖެހޭ ޖުމްލަ އަދަދު 35.8 މިލިއަން ޑޮލަރަށް އަރައެވެ.

މަރުވި ޝައިޚާ ގާގް އަކީ އ.ދ. ގެ ތިމާވެށީގެ ދާއިރާގައި މަސައްކަތް ކުރި އިންޑިއާގެ މުވައްޒަފެކެވެ. މި ބަދަލު ދިނުމަށް ކޯޓުން ނިންމާފައިވާއިރު، މިއީ 2019 ގައި 157 މީހުން މަރުވި އިތިއޯޕިއާގެ އެކްސިޑެންޓާ ގުޅިގެން ހުށަހަޅާފައިވާ އެތައް ދަޢުވާއެއްގެ ތެރެއިން މިހާތަނަށް ނިމުނު ފުރަތަމަ ދައުވާއެވެ.

އިތިއޯޕިއާގެ ހާދިސާގެ ކުރިން 2018 ވަނަ އަހަރު އިންޑޮނޭޝިއާގައި ހިނގި އެފަދަ އެހެން ހާދިސާއެއްގައި 346 މީހުން ވަނީ މަރުވެފައެވެ. މި ދެ ހާދިސާގެ ސަބަބުން ބޯއިންގ 737 މެކްސް މަރުކާގެ ބޯޓުތައް ދުނިޔޭގެ އެތައް ގައުމަކުން ވަނީ ވަގުތީ ގޮތުން ބޭނުން ކުރުން ހުއްޓާލާފައެވެ. މި ދެ ހާދިސާއާ ގުޅިގެން ބޯއިންގ އާ ދެކޮޅަށް އެތައް ދަޢުވާއެއް ހުށަހަޅާފައިވާއިރު، ގާގްގެ އާއިލާއަށް ހުކުމެއް ލިބުމަކީ އެހެން ދަޢުވާތަކަށް ވެސް އަސަރުކުރާނެ ނިންމުމެއް ކަމަށް ބެލެވެއެވެ.

މި ލިޔުމާ ގުޅޭ