ތައިވާން: ފަލަސްތީނު މީހުންނަކީ ނުބައި ބައެއް. އިޒްރޭލު ބަރާބަރު

އިބްރާހީމްް ސަމީރު
ނޮވެމްބަރ 13, 2025

ޗައިނާގެ ބާޣީ ޕްރޮވިންސް ކަމުގައިވާ ތައިވާނުގެ ފޮރިން މިނިސްޓްރީން ބުދަ ދުވަހު ދިން ބަޔާނެއްގައި، ބުނެފައި ވަނީ އެމީހުންނަށް ”ފަލަސްތީނު މީހުންނަކީ ނުބައި ބައެއް“ ކަމަށާއި އިޒްރޭލު މީހުންނަކީ ބަރާބަރު ބަޔެއް ކަމަށެވެ. އދގެ މެމްނަބަރަކަށް ނުވާ މި ބާޣީ ޕްރޮވިންސުން ދިން މިބަޔާނާ މެދު ގިނަ ބަޔަކު ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

ތައިވާނުގެ ފޮރިން މިނިސްޓްރީން ބުނީ، ޣައްޒާގައި އިޒްރޭލުން ހިންގާ ހަނގުރާމައާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައިވީ ނަމަވެސް، އިޒްރޭލާ އެކު ގުޅުން ބަދަހިކުރަން ތައިވާން ބޭނުންވާ ކަމަށެވެ. އެ މިނިސްޓްރީން ފާހަގަކުރި ގޮތުގައި، އިޒްރޭލުން ވަނީ ”މެދުއިރުމަތީގެ އެހެން ޤައުމުތަކަށް ވުރެ ބޮޑަށް ތައިވާނަށް ތާއީދުކޮށްފަ“ އެވެ.

ތައިވާނުގެ ފޮރިން މިނިސްޓަރު ލިން ޗިއާ ލޮންގް ނޫސްވެރިންނަށް ވިދާޅުވީ، ”އަހަރެމެންނަށް ރައްޓެހިކަމުގެ އަތް ދިއްކޮށްލާ ގައުމުތަކަށް އަހަރެމެން ވެސް އަތް ދިއްކުރާނަން“ ކަމަށެވެ. އޭނާ އިޝާރާތްކުރެއްވީ މި އަހަރުގެ ކުރީކޮޅު އިޒްރޭލުގެ ޕާލިމެންޓުގެ 72 މެންބަރުން ސޮއިކުރި ގަރާރަކަށެވެ.

އެ ގަރާރުގައި ޖެނޮސައިޑް ހިންގާ ގައުމުން ވަނީ ބައިނަލްއަޤްވާމީ މުހިންމު ޖަމްޢިއްޔާތަކުގައި ތައިވާން ހިމެނުމަށް ތާއީދުކޮށްފަ އެވެ. ލިން ވިދާޅުވީ މިއީ ”ތައިވާނަށް އިޒްރޭލުގެ ތާއީދު އޮތްކަމުގެ މިސާލެއް“ ކަމަށެވެ.

ލިން ވިދާޅުވި ގޮތުގައި، ”ފަލަސްތީނަކީ ތައިވާނަށް ވަރަށް ނުބައި ބައެކެވެ. ސަބަބަކީ އެއީ ޗައިނާއިން ގެންގުޅޭ ’ވަން ޗައިނާ ޕްރިންސިޕަލް‘ އާ އެއްގޮތްވާ ގޮތަށް ފަލަސްޠީނުން ކަންކުރާތީ އެވެ. އެ ޕްރިންސިޕަލްގައިވާ ގޮތުން ޗައިނާއަކީ އެއް ޤައުމެއް ކަމަށާއި ތައިވާނަކީ ޗައިނާގެ ވަކިނުވާ ބައެއް ކަމަށް ބުނެފައިވެ އެވެ.“ ތައިވާނުގައި ހުންނަ ފޮރިން ކޮރެސްޕޮންޑެންޓްސް ކްލަބުން އިންތިޒާމުކުރި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ”އިންސާނީ ހައްޤުތަކާއި ޤައުމީ މަޞްލަޙަތުތައް އެކުއެކީގައި ގެންދަން ޖެހޭނެ“ ކަމަށެވެ.

މި އަހަރުގެ ކުރީކޮޅު ތައިވާން ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އެއީ ހިފާފައިވާ ހުޅަނގު އައްސޭރީގައިވާ އިޒްރޭލުގެ ސެޓްލްމެންޓެއްގައި ހުންނަ މެޑިކަލް ސެންޓަރަކަށް އެހީ ދިނުމަށް ތައިވާނުން ރާވާފައިވާ ރޭވުމަކާ ގުޅިގެންނެވެ. މިދިޔަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައި ވަނީ ހުޅަނގު އައްސޭރި ވެސް ހިމެނޭ ގޮތަށް ފަލަސްތީނުގައި ޔަހޫދީން ހިފާފައިވާ ސަރަޙައްދުތަކުގައި އިޒްރޭލު އޮތުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ.

ހުޅަނގު އައްސޭރިއަށް އެހީ ދިނުމުގެ ޕްލޭން މިހާރު ތައިޕޭއިން ދޫކޮށްލައިފިންތޯ އެހުމުން، ލިން އެއަށް ވަކި ޖަވާބެއް ނުދެއްވައެވެ. ނަމަވެސް، އޭނާ ވިދާޅުވީ ތައިވާނުން އިސްކަން ދެނީ ޣައްޒާ ހަނގުރާމައިގައި އިންސާނީ އެހީތެރިކަން ދިނުމަށް ކަމަށާއި، ތައިވާނުގެ ޑިޕްލޮމެޓުންނަށް ވަނީ މި ހަނގުރާމައަށް ނުވަނުމަށް އިރުޝާދު ދީފައި ކަމަށެވެ.

މި ލިޔުމާ ގުޅޭ