ބަލިތަކާ ދުރުބައެއްގެ ގޮތުގައި ތިބެ ގައުމު ބިނާކުރާ ބަޔަކަށް ވާންޖެހޭ: ރައީސް

މުހައްމަދު އަލީ
ނޮވެމްބަރ 14, 2025

ދިވެހީންނަކީ ބަލިތަކާދުރު ބައެއްގެ ގޮތުގައި ދެމިތިބެ، ގައުމު ބިނާކޮށް ބާއްޖަވެރި ދިރިއުޅުމެއް ހޯދުމަށް އަޒުމް އާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައިވައިފިއެވެ.

”ދިވެހީންނަކީ ބަލިތަކާ ދުރު ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ދެމިތިބެ، ޤައުމު ބިނާކޮށް ބާއްޖަވެރި ދިރިއުޅުމެއް ހޯދުމުގެ ޢަޒުމު މިފަދަ ކޮންމެ ދުވަހަކުމެ އަޅުގަނޑުމެން އާކުރަން ވާނެ،“ ހަކުރުބަލީގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހާމަކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ސިއްހީ އާދަތަކަށް ޅައިރުއްސުރެ ”އަޅުގަނޑުމެން“ އަހުލުވެރިވުން މުހިންމު ކަމަށެވެ. އެގޮތުން ކެއިންބުއިމާއި، ހަރަކާތްތެރިވުމާއި، ދުވަހުގެ ތާވަލު ރާވާލުމުގައިވެސް ސިއްހަތަށް ސަމާލުވާން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ހަށިގަނޑަށް ގެއްލުން ހުރި ކަންކަމާ ދުރުހެލިވުމުގެ ތަރުބިއްޔަތު ވެސް ލިބިގަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ”މިގޮތުން، މިކަންކަމަށް މުޖްތަމައު ހޭލުންތެރި ކުރުމަށް އަމިއްލަ ޖަމާއަތްތަކާއި ފަރުދުންގެ ފެންވަރުގައިވެސް ކުރައްވާ މަސައްކަތްތަކަށް ޝުކުރު ދަންނަވަން،“ ރައީސް ވިދާޅުވެފައިވެއެވެ.

 

މި ލިޔުމާ ގުޅޭ