ވެރިކަންކުރާ ޕީއެންސީން މިރޭ ބާއްވާ ބޮޑުޖަލްސާއަށް ރާއްޖޭގެ އެކި ރަށްރަށުން މީހުން މާލެއައިސް ޖަލްސާ ފުރާލާނޭ ކަމަށް އިންތިޒާމް ކުރާ ފަރާތްތަކުން ބުނެފިއެވެ. އިއްޔެއާއި މިއަދު ވެސް އެކި ރަށްރަށުން އެތައް ސަތޭކަބަޔަކު މިހާރުވަނީ މިޖަލްސާގައި ބައިވެރުވުމަށް މާލެއައިސްފައެވެ.
މިއީ ވެރިކަމުގައި އޮންނަ ޕާޓީއަކުން މާލޭގައި ބާއްވާ މިފަދަ އެންމެބޮޑު ޖަލްސާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. ގަދައަށް ޕްރޮމޯޓު ކޮށްގެން ބާއްވާ މިޖަލްސާއަށް އަންނަމުންދާ މީހުންނާއި ޕީއެންސީން ބުނެފައިވަނީ ޖަލްސާ ވަރުގަދަވާނޭ ކަމަށެވެ. މީހުން އިންތިހާއަށް ގިނަވާނޭ ކަމަށެވެ.
ޕީއެންސީގެ ސަރުކާރަށް ދެއަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ޕީއެންސީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާނޭ އުފާވެރި ޚަބަރުތައް އަޑުއަހަން ބޭނުން ވެގެން ކަމަށްބުނެ މާލެއައި ބަޔަކު ވެސް އެބައުޅެއެވެ.
”ނިމިގެން މިދާ ދެއަހަރު ތެރޭގައި ރައީސް ވަނީ ގައުމަށް އެތައް ކަމެއް ކޮށްދެއްވާފައި. ވަޅުޖެހިފައިވާ އިގްތިސާދު ރަނގަޅުކޮށްފައި. މިރޭ ބާއްވާ ޖަލްސާގައި ކުރިއަށްއޮތް އަހަރުތަކަށް އެމަނިކުފާނު ރައްޔިތުންނަށް ދެއްވާނޭ އުފާވެރި އުންމީދީ މެސެޖުތަކަށް މިހާރުވެސް މިދަނީ އިންތިޒާރު ކުރަމުން،“ މިރޭގެ ޖަލްސާއަށް މާލެއައިސް ހުރި މީހަކު ބުންޏެވެ.
މިރޭގެ ޖަލްސާ އޮންނާނީ އާޓިފިޝަލް ބީޗުގައެވެ. ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ.






