ބަނގްލަދޭޝްގައި ހަޅުތާލުކޮށް ގައުމު ބަންދުކޮށްފި

އިބްރާހީމްް ސަމީރު
ނޮވެމްބަރ 16, 2025

ބަންގްލަދޭޝްގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އާވާމީ ލީގުން ވަނީ، އެ ޕާޓީ ގާނޫނާ ޚިލާފަށް މަނާކުރުމާއި އަދި އެ ޕާޓީގެ ލީޑަރު ޝެއިޚް ޙަސީނާގެ މައްޗަށް ދައުވާކުރުމާ ދެކޮޅަށް މުޅި ބަނގްލަދޭޗްގައި ހަޅުތާލެއް ފަށާފައެވެ. ކުރީގެ ބޮޑުވަޒީރު ޙަސީނާ އިސްކޮށް ހުންނަވާ އާވާމީ ލީގަކީ ޑރ. މުޙައްމަދު ޔޫނުސްގެ ވަގުތީ ސަރުކާރުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކޮށްފައިވާ ޕާޓީއެކެވެ.

މި މައްސަލައިގެ ސިޔާސީ ފަސްމަންޒަރަށް ބަލާއިރު، 1971 ވަނަ އަހަރުގެ ހަނގުރާމައިގެ ކުށްތަކުގެ މައްސަލަތައް ބެލުމަށް އުފެއްދި އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް ވަނީ ހަސީނާއާ ދެކޮޅަށް ޝަރީއަތް ކުރުމަށް ބޭނުން ކޮށްފައެވެ.

އާވާމީ ލީގުން ބުނާ ގޮތުގައި ޙަސީނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ހަޤީޤަތެއް ނެތް ދައުވާތަކެކެވެ.

އަވާމީ ލީގްގެ ހަޅުތާލަށް ރައްޔިތުން ތާއީދުކޮށްފައިވާތީ، ޑާކާގެ މަގުތައް ވަނީ ހުސްވެފައެވެ. ވިޔަފާރިތައް ބަންދުކޮށް، ސްކޫލްތަކާއި ޔުނިވަރސިޓީތަކުގެ ކްލާސްތައް ވަނީ މެދުކަނޑާލާފައެވެ. އަވާމީ ލީގަށް ތާއީދުކުރާ ފަރާތްތަކުން މި އަމަލު ސިފަކޮށްފައިވަނީ ޔޫނުސްގެ ސަރުކާރަށް ރަމްޒީ ގޮތުން ދެކޮޅު ހެދުމުގެ އަމަލެއްގެ ގޮތުގައެވެ.

ހަޅުތާލުގެ ތެރޭގައި ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމުގެ ރިޕޯޓުތައް ވެސް ލިބިފައިވެއެވެ. ޔޫނުސްއާ ގުޅުންހުރި ކަމަށް ބުނާ ހަރުކަށި ގްރޫޕްތަކުން އާވާމީ ލީގުގެ އެކްޓިވިސްޓުންނަށް ހަމަލާދީ، ޕާޓީގެ އޮފީސްތަކަށް ގެއްލުންދީފައިވާ ކަމަށްވެއެވެ. މީގެ އިތުރުން، މިނިވަންކަމުގެ ހަނގުރާމައިގެ ތާރީޚާ ބެހޭ ފޮތްތައް ހިފައިގެން އުޅުނު ދަރިވަރުންތަކެއް ފުލުހުން ހައްޔަރު ކުރި ކަމަށްވެސް ބުނެއެވެ.

ޓްރައިބިއުނަލް އިން ހަސީނާއާ ދެކޮޅަށް މާދަމާ ނޮވެމްބަރު 17 ގައި ހުކުމް އިއްވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، މި ނިންމުމަކީ ކުރިން ކަނޑައަޅާފައިވާ ނިންމުމެއް ކަމަށާއި އަދި މިއީ އިތުބާރު ނެތް ނިންމުމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ޢާންމު ރައްޔިތުންގެ އިޙްސާސްތައް ހުރި ގޮތަށް ބަލާއިރު، ބަންގްލަދޭޝް ގިނަ ރައްޔިތުން ޔޫނުސްގެ ވެރިކަމަށް މިހާރު އިތުބާރު ނުކުރާ ކަމަށް އިދިކޮޅު މީޑިއާއިން ބުނެއެވެ.

ބަނގްލަދޭޝްގެ އިޤްތިޞާދީ ހާލަތު ދަށްވަމުންދާ މި ދަނޑިވަޅުގައި ޔޫނުސްގެ ވެރިކަމަކީ ގާނޫނީ ހައިސިއްޔަތެއް ނެތް އަދި ހަމަޖެހުން ނަގާލާ ވެރިކަމެއްގެ ގޮތުގައި އެފަރާތްތަކުން ސިފަ ކޮށްފައި ވެއެވެ.

އާވާމީ ލީގުން ވަނީ ހަޅުތާލު އިތުރަށް ހަރުކަށިކޮށް، އިތުރު މުޒާހަރާތަކެއް ބާއްވައި ހޯމަ ދުވަހު މުޅި ގައުމު ބަންދުކުރުމަށް ގޮވާލާފައެވެ. އެ ޕާޓީން ބުނެފައިވަނީ ގާނޫނާ ޚިލާފު އަނިޔާވެރިކަމާ ދެކޮޅަށް ތެދުވާނެ ކަމަށެވެ.

މި ލިޔުމާ ގުޅޭ