އިންޑިއާއިން އެވިއޭޝަން ޔުނިވާސިޓީއެއް ގާއިމް ކުރަނީ

އިބްރާހީމްް ސަމީރު
ނޮވެމްބަރ 16, 2025

އިންޑިއާގެ ސިވިލް އެވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ ކިންޖަރަޕޫ ވިދާޅުވަނީ އިންޑިއާގައި ކޮންމެ 50 ދުވަހަކުން އާ އެއާޕޯޓެއް އިފްތިތާހު ކުރަމުންދާ ކަމަށެވެ. މިކަމުން އެގައުމުގެ އެވިއޭޝަން ސެކްޓަރަށް އަންނަމުންދާ ހަލުވި ކުރިއެރުން ހާމަވެގެންދާ ކަމަށް ވިދާޅުވެއެވެ. މިއީ ދުނިޔޭގެ އެއްވެސް ގައުމަކުން މިހާ ހަލުވިކަމާއެކު  ފެނިގެން ނުދާ ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވެއެވެ.

ވިޝާކަޕަޓްނަމްގައި ބޭއްވި 30 ވަނަ ސީއައިއައި ޕާޓްނަރޝިޕް ސަމިޓްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ކިންޖަރަޕޫ ވިދާޅުވީ، މި ކުރިއެރުމުގެ ސަބަބުން އިންޑިއާ ވަނީ ގްލޯބަލް އެވިއޭޝަން ހަބަކަށް ވުމުގެ މަގުމަތީގައެވެ.

އެވިއޭޝަން ދާއިރާގެ ވަސީލަތްތައް އިތުރުކުރުމުގެ ގޮތުން، އަންދުރަ ޕްރަދޭޝް ސްޓޭޓްގައި މިހާރު ހަތް އެއާޕޯޓް ހިންގަމުންދާއިރު، އިތުރު ހަތް އެއާޕޯޓް އެޅުމަށް ރާވާފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އެވިއޭޝަން ދާއިރާގެ ތަމްރީނުތައް ފުޅާކުރުމަށްޓަކައި ހަތަރު ފްލައިޓް ޓްރެއިނިންގ އޮގަނައިޒޭޝަން (އެފްޓީއޯ) ގާއިމުކުރަމުންދާއިރު، ވިޝާކަޕަޓްނަމްގައި މެއިންޓެނެންސް، ރިޕެއަރ، އެންޑް އޯވަރހޯލް (އެމްއާރުއޯ) އިކޯސިސްޓަމެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެވިއޭޝަންގެ ދާއިރާގެ ހުނަރު ތަރައްގީކުރުމަށްޓަކައި އެވިއޭޝަން ޔުނިވަރސިޓީއެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އިންޑިއާއިން ލޮޖިސްޓިކްސްގެ ދާއިރާއާއި ތަމްރީނާއި އަދި ސިނާއަތުގެ ދާއިރާއަށް ކުރަމުންދާ އިންވެސްޓްމަންޓްތަކަށް އަލިއަޅުވާލައްވަމުން އޭނާ ވިދާޅުވީ އެވިއޭޝަން ސެކްޓަރުގެ ކުރިއެރުމަކީ 2047 ވަނަ އަހަރަށް އިންޑިއާއިން ކަނޑައަޅާފައިވާ ދުރު ރާސްތާގެ ވިސްނުމުގެ މުހިންމު ބައެއް ކަމަށެވެ.

ދެ ދުވަހުގެ ސީއައިއައި ޕާޓްނަރޝިޕް ސަމިޓްގައި 50 ގައުމަކުން 3،000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވިއެވެ. މީގެ ތެރޭގައި މިނިސްޓަރުންނާއި، ޑިޕްލޮމެޓުން، ސީއީއޯއިން އަދި ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ އިސްވެރިން ހިމެނެއެވެ.

މި ލިޔުމާ ގުޅޭ