މާލޭގައި މުޅިން އަލަށް، އޭޓީއެމްގެ ޚިދުމަތްތަކާ އެކު، ބަސް ސޮޓޮޕް ޢިމާރާތްތަކެއް ތަރައްޤީ ކުރުމުގެއް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުން ވެފައިވަނީ މާލެ ސީޓީ ކައުންސިލާއި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) އާއި ދެމުގައެވެ.
މާލެ ސީޓީ ހޯލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް، އަބްދުލް މުޙައިމިން ނަސީރެވެ. އެމް.އައި.ބީ ގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރ، މުޙައްމަދު ޒުލާލް ޒައީމެވެ.
މިއެއްބަސްވުމުގެ ދަށުން މާލޭގެ ހަތަރު ސަރަހައްދެއްގައި މި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ. މިއިމާރާތްތައް ކުރާނީ މަޖީދީމަގު، މާފަންނު މައިޒާނާއި، އަމީނީމަގުގައި ހުންނަ ސިނަމާލެ 3 އާއު ބޮޑުތަކުރުފާނު މަގުގައި ހުންނަ، ތައިސޭކޮށި އަދި ބޮޑުތަކުރުފާނު މަގު، ރާޅުގަނޑު ސަރަހައްދުގައެވެ.
މި މަޝްރޫއުގެ ޖުމްލަ ޚަރަދު ކުރާނީ އެމް.އައި.ބީ އިންނެވެ. މި އިންތިޒާމް ބައްޓަންކުރެވިފައިވަނީ 10 (ދިހައެއް) އަހަރުގެ މުއްދަތަށް ކުލި ދައްކަން ނުޖެހޭ ގޮތަށެވެ. އެ ގޮތުން ބަސް ސްޓޮޕް ޢިމާރާތްތަކާއި، އޭޓީއެމް ކިއޮސްކްތައް ހިމެނޭ މި ވަސީލަތްތައް ފަރުމާކޮށް، ޢިމާރާތްކޮށް، އަދި ބެލެހެއްޓުމުގެ ޒިންމާ އަކީ އެމް.އައި.ބީ ގެ ޒިންމާއެއްވެސްމެއެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތަ ނިމުމަކަށް އައުމުން، ޢިމާރާތްކުރެވިފައިވާ ޢިމާރާތްތަކާއި ދާއިމީ ސްޓްރަކްޗަރތައް، ބިމުގައި ދެމިހުންނާނެ ކަމަށާއި އަދި އެ ތަން ވެގެންދާނީ މާލެ ސިޓީ ކައުންސިލުގެ ތަނެއްގެ ގޮތުގައި ކަމަށް ވެސް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
މި އިމާރާތްތައް ތަރައްޤީ ކުރުމުގައި ދެ ފަރާތުން ވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، ބަސްހުއްޓާ ސަރަޙައްދުގައި، އެ ތަނަށް ވަދެނިކުތުމަށް އެއްވެސް ހުރަހެއް ނުވަތަ ދަތިކަމެއް ދިމާނުވާނެގޮތަކަށް ތަން ފަރުމާކުރުމަށެވެ. މިއީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ބޭނުންތެރި އަދި ފަސޭހައިން ވާސިލުވެވޭ ބަހުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ޒަރީޢާއިން އާންމު މަޞްލަޙަތަށް އިސްކަންދީގެން ޚިދުމަތްކުރުމުގެ މަޤްޞަދުގައި ތަރައްޤީ ކުރާ ތަނެއް ކަމަށް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ.






