ގާނޫނާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ވިލިމާލޭ ޕޮލިސް ސްޓޭޝަނުގައި ބަހައްޓާފައިހުރި 32 ކާޓަން ސިގިރެޓްގެ ތެރެއިން 6 ކާޓަން ސިގިރެޓް މަދުވެފައިވާ މައްސަލައެއް ބަލަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިއީ މިއަހަރު މެއިމަހު 23 ވަނަ ދުވަހު ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސިގިރެޓު ކަމަށް ފުލުހުން ވިދާޅުވިއެވެ. ”މިތަކެތީގެ ތެރެއިން 6 ކާޓަން ސިގިރެޓް މަދުކަން އެނގިފައިވަނީ އެ ތަކެތި ކަސްޓަމާ ހަވާލު ކުރުމަށް 2025 ވަނަ އަހަރު ނޮވެމްބަރު 12 ވަނަ ދުވަހު ބެލިއިރު،“ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މިމައްސަލާގައި ކަންހިނގާފައިވާ ގޮތް ބަލަމުންދަނިކޮށް ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް 2024 ވަނައަހަރު ގެނެސްފައިވާ 25 ކާޓަން ސިގިރެޓް ގެއްލިފައިވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެއެވެ. އެއީ 2024 ވަނަ އަހަރު ޑިސެންބަރު 23 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 25 ކާޓަން ސިގިރެޓް ކަމަށް ފުލުހުން ވިދާޅުވިއެވެ.
”މައްސަލަތަކާ ގުޅޭ އިދާރީ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑް އިން ދަނީ ބަލަމުން. އަދި މިމައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ދަނީ ބަލަމުން،“ ފުލުހުން ވިދާޅުވިއެވެ.






