ދިވެހިރާއްޖޭގެ ޑިމޮކުރެޓިކު ވެށި ހަރުދަނާކުރުމުގެ ގޮތުންނާއި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދެ އިންތިޚާބާ ގުޅިގެން ބައްދަލުވުންތަކެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ޑިމޮކްރެޓިކް ވެށި ހަރުދަނާ ކުރުމަށާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން މި ބާއްދަލުވުންތައް ބާއްވާނީ ރާއްޖޭގެ 12 އަތޮޅެއްގެ 36 ރަށެއްގައި ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ. ހޭލުންތެރިކުރުމުގެ ގޮތުން ބާއްވާ މި ޕްރޮގްރާމް ނުވަތަ ބައްދަލުވުންތައް ކުރިއަށް ގެންދާނީ މިހިނގާ ނޮވެންބަރު މަހު 28 އިން އަންނަ ޑިސެންބަރު މަހުގެ 2 އަށް ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ.
މި ޕްރޮގްރާމުގައި، ޑިމޮކްރެޓިކު ވެށި ހަރުދަނާކުރުމުގެ ގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމާއި، ދިވެހިރާއްޖޭގެ ޑިމޮކުރެޓިކު ނިޒާމު ހިނގާގޮތާއި، އަސާސްތަކާއި، މަލްޓިޕާޓީ ސިސްޓަމްއާ ގުޅޭ މައުލޫމާތާއި، ރައްޔިތުންނަށް ލިބިދޭ ހައްޤުތަކާއި، ނިޒާމުގައި ހިމެނޭ ފަރާތްތަކުން ނަގަންޖެހޭ ޒިންމާތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭނެއެވެ. އޭގެ އިތުރުން އިންތިޚާބީ ނިޒާމަށް އާންމުން ހޭލުންތެރިކުރުވުމާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް އާންމުން ހޭލުންތެރިކުރުން ވެސް މީގެ މަގުސަދުތަކުގައި ހިމަނާފައިވެއެވެ.
މި ޕްރޮގްރާމު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހއ، ށ، ނ، ރ، ޅ، އދ، ފ، ތ، ގއ، ގދ، އައްޑު އަތޮޅު، އައްޑޫ ސިޓީ، އަދި ފުވައްމުލަކު ސިޓީގައެވެ.
ވޯޓުލުމުގެ ހައްޤުލިބިފައިވާ އެކި އުމުރު ފުރައިގެ ފަރާތްތަކަށް މި ޕްރޮގްރާމުގައި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ސެޝަންތައް ކުރިއަށްދާނެއެވެ. އަދި ޒުވާނުންނަށް ޚާއްސަކޮށްގެން ޕޮރޮގްރާމުތައް ކުރިއަށްގެންދާނޭ ކަމަށްވެސް އީސީން ވިދާޅުވެފައިވެއެވެ.
”ދިވެހިރާއްޖޭގެ ޑިމޮކުރެޓިކު ވެށި ހަރުދަނާކުރުމަށް މިކޮމިޝަނުން ހިންގާ މި ޕްރޮގްރާމުގައި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ލާރނިންގ ސެންޓަރ (ފުވައްމުލައް ސިޓީ) ބައިވެރިވެއެވެ.






