ލިބޭ 82،500 ރުފިޔާއިން އަނބިމީހާއަށް ދިނީމަ މެމްބަރުންނަށް ބާކީ އެއްޗެއް ނުވޭ: އައްބާސް

މުޙައްމަދު ގުރައިޝް އަޙްމަދު
ނޮވެމްބަރ 27, 2025

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މުސާރައިގެ ގޮތުގައި ލިބޭ ފައިސާއިން އަނބިމީހާއަށް ދޭންޖެހޭ ބައި ދިނުމަށް ފަހު އަތުގައި އެއްވެސް އެއްޗެއް ބާކީ ނުހުންނަ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

މެމްބަރު މިހެން ވިދާޅުވީ ކުރީގެ ރައީސުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތްތަކާ ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
މެމްބަރުންގެ މުސާރައިގެ ތަފުސީލު ހިއްސާކުރައްވަމުން އައްބާސް ވިދާޅުވީ، ޓެކްސް އުނިކުރުމަށް ފަހު މެމްބަރުންނަށް ލިބެނީ ގާތްގަނޑަކަށް 82،500 ރުފިޔާ ކަމަށެވެ. މި ފައިސާގެ ތެރެއިން 25،000 ރުފިޔާ ކުއްޔަށް ހަރަދުވާއިރު، އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ ކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު ކޮފީ ބުއިމަށް 500 ރުފިޔާއާއި 1،000 ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުވާތީ، މަހުގެ ނިމޭއިރު މެމްބަރުންގެ އަތުގައި ފައިސާ ނުހުންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްބާސް މި ވާހަކަދެއްކެވީ ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދޭ 175،000 ރުފިޔާގެ އިނާޔަތް ކަނޑާލުމަށް ހުށަހެޅި ބިލަށް ތާއީދުކުރައްވައި ވާހަކަދައްކަވަމުންނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކުރީގެ ބައެއް ރައީސުން ގައުމަށް ފައިދާހުރި މަސައްކަތްތަކެއް ކޮށްފައި ނުވާތީ، އެ ބޭފުޅުންނަށް ދޭ އިނާޔަތްތައް ކުޑަކުރަން ޖެހެއެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތައް އަޅާއިރު، މެމްބަރުންގެ އިނާޔަތްތައް ކަނޑާލަން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ވެސް ފުރިހަމައަށް ތާއީދުކުރައްވާނެ ކަމަށް އައްބާސް ވިދާޅުވިއެވެ. އެގޮތުން ހަރަދު ކުޑަކުރުމަށް މެމްބަރުންގެ އިނާޔަތް ކަނޑާލަން ނިންމައިފި ނަމަ އެކަމަށް 100 ޕަސަންޓު ތާއީދު އޮންނާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ

މި ލިޔުމާ ގުޅޭ