ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ތޫފާނުގެ ހާދިސާގައި ދިވެހިއާއިލާއެއް ގެއްލިގެން ރިޕޯޓު ކޮށްފިއެވެ. މިއީ އެގައުމުގެ ނުވަރައެލިޔާ ސަރަހައްދަށް ޗުއްޓީއަކަށް ދިޔަ އާއިލާއެއް ކަމަށް އެނގިފައިވެއެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނި ގޮތުގައި، ގެއްލިގެން ރިޕޯޓުކޮށްފައިވާ އާއިލާގައި ހިމެނެނީ ދިވެހި ފިރިހެނަކާއި ކުޑަ ކުއްޖެއްގެ އިތުރުން ސްރީ ލަންކާގެ އަންހެނެކެވެ.
ސްރީ ލަންކާ ކައިރިން އުފެދިފައިވާ ”ދިޓްވާ“ ނަމަކަށް ކިޔާ ތޫފާނާ ގުޅިގެން އެގައުމުގެ ބޮޑު ބަޔަކަށް ވަނީ އޭގެ ނޭދެވޭ އަސަރު ކޮށްފަ އެވެ. މިގޮތުން، ގަދަޔަށް ވައިޖެހުމާއި، ކަނޑުގަދަވުން ހިމެެނެއެވެ. މީގެ ސަބަބުން މިހާތަނަށް 47 މީހަކު މަރުވެ 21 މީހަކު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ލަންކާގެ 17 ޑިސްޓްރިކްޓަކަށް ވިއްސާރައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާއިރު، ބައެއް ސަރަހައްދުތަކަށް ރެޑް އެލާޓް ވެސް ވަނީ ނެރެފައެވެ.
މި އާއިލާގެ ޚަބަރެއްވޭތޯ އެމްބަސީން ދަނީ ކަމާބެހޭ މައުލޫމާތުތައް ސާފުކުރަމުންނެވެ. ސްރީ ލަންކާގައި ދިރިއުޅޭ ނުވަތަ އެކި ބޭނުންތަކަށް ގޮސް އުޅޭ ދިވެހިންގެ ތެރެއިން އެއްވެސް ފަރާތަކަށް އެހީތެރިކަމެއް ބޭނުންވެއްޖެނަމަ، 94761886666+ ނަމްބަރަށް ގުޅުމަށް ވެސް އެމްބަސީއިން ވަނީ އެދިފަ އެވެ.






