"ޓްރެފިކް ހައްލުކުރުން"ތަ ނުވަތަ "ލާރި ހޯދުން"ތަ؟ ޖޫރިމަނާ ނުދައްކާ މީހުންގެ މުދާ ފުނޑާލުމުގެ ބިރު

މުޙައްމަދު ގުރައިޝް އަޙްމަދު
ނޮވެމްބަރ 30, 2025
މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި ޓްރެފިކް ނިޒާމު ހަރުދަނާކުރުމުގެ ނަމުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އެއްގަމު ދަތުރުފަތުރުގެ އާ ބިލާ ގުޅިގެން ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.
ގިނަ ބައެއްގެ ނަޒަރުގައި މި ބިލުން ފެންނަން އޮތީ މައްސަލަ ހައްލުކުރުމަށްވުރެ ބޮޑަށް، ރައްޔިތުންނަށް މާލީގޮތުން ބޮޑެތި ބުރަތަކެއް ޖައްސައި، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް އާމްދަނީ ހޯދުމަށް މަގުފަހިކޮށްފައިވާ މަންޒަރެކެވެ. ހާއްސަކޮށް ޖޫރިމަނާ ފައިސާ ނުދެއްކޭ ހާލަތުގައި ރައްޔިތު މީހާގެ މުދާ ފުނޑާލުމާއި ނީލަން ކިޔުމުގެ ބާރު ފުލުހުންނަށް ދިނުމަކީ ކަންބޮޑުވުން އޮތް ކަމެކެވެ.

މި ބިލުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާއިރު، ޓްރެފިކް ގަވައިދާ ހިލާފުވެގެން ކުރާ ޖޫރިމަނާގެ ޖުމްލަ އަދަދު 5,000 ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، ފުލުހުންނަށް އެ އުޅަނދެއްގައި ”ބޫޓް“ އެޅުވުމުގެ ބާރު ލިބިގެންދާނެއެވެ. އަދި އުޅަނދު ހިފަހައްޓާތާ އެންމެ 72 ގަޑިއިރުގެ ތެރޭގައި އެ ފައިސާ ނުދައްކައިފިނަމަ، އެ އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެއެވެ. ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، މާލީ ދަތިކަމުގައި އުޅޭ ފަރާތަކަށް، ކުއްލިއަކަށް ފައިސާ ނުދެއްކިއްޖެނަމަ ތިމާ ދުއްވާ އުޅަނދު އަތުލައިގަތުމަކީ އިންސާފުވެރި ގޮތެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ކަންބޮޑުވުން އިންތިހާއަށް ދަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދާމެދު އަމަލުކުރަން ކަނޑައަޅާފައިވާ ގޮތުންނެވެ. ވަކި މުއްދަތެއްގެ ތެރޭގައި ވެރިފަރާތުން ހަވާލުނުވެއްޖެނަމަ، އެ އުޅަނދެއް ނީލަން ކިޔުމުގެ ނުވަތަ އެއްކޮށް ނައްތާލުމުގެ ބާރު މި ގާނޫނުން ފުލުހުންނަށް ލިބެއެވެ. އަދި ޖޫރިމަނާގެ ގޮތުގައާއި ނީލަން ކިޔައިގެން ލިބޭ ފައިސާ ޖަމާކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ރެވެނިއު ފަންޑަށެވެ. މީގެ އިތުރުން ޓްރެފިކް މައްސަލަތަކުގެ އިތުރުން އެހެން ގާނޫނަކާ ހިލާފުވިޔަސް ލައިސަންސް އަތުލެވޭނެ ގޮތް އޮތުމުން، މިއީ ހަމައެކަނި ”ޓްރެފިކް ހައްލުކުރުން“ ނޫންކަން ހާމަވާކަމަށް، މި ބިލަށް ފާޑުވިދާޅުވަމުން މަޖިލީހުގެ މެންބަރު ނާޒިލް ވެސް ވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުމާ ގުޅޭ